މަޖިލިސް މެންބަރުން އަޅުވެތިކުރުމާއި އަޅުވެތިވުން ހުއްދައެއް ނޫން

ފެބްރުއަރީ 6، 2025 ގައި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އަށް އެ މަނިކުފާނު އާއި އަނބިކަނބަލުން ވަޑައިގަންނަވާއިރު، އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

ފެބްރުއަރީ 6، 2025 ގައި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އަށް އެ މަނިކުފާނު އާއި އަނބިކަނބަލުން ވަޑައިގަންނަވާއިރު، އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީން ބާވާލެއްވުނުއިރު، ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް އަޅުންގެ ނިޒާމު ވަރަށް ފުޅާދާއިރާއެއްގައި އޮތެވެ. އަދި މިނިވަން އިންސާނުން އެފަދަ އަނެއް އިންސާނާގެ އަޅަކަށް ބަދަލުވުމުގެ އެތައް ސަބަބުތަކެއް އިންސާނުންގެ އެކި މުޖުތަމައުތަކުގައި ބަލައިގަނެފައި އޮތެވެ. މީހަކާ ގަދަބަދަވިކޮށް ހިފައިގަނެ މުދާ ފޭރިގަނެ އެމީހަކު އަޅުވެތިކޮށްލަންވީ އެވެ. ވަކި ވަރަކަށް މީހަކު ތިމާއަށް ދަރަނިވެރިވެއްޖެނަމަ އެ މީހަކު ވެސް ތިމާގެ އަޅަކަށް ހަދަންވީ އެވެ. ހަނގުރާމައިގައި ބަލިވާ މީހުންނަކީ ވެސް މޮޅުވާ މީހުންގެ އަޅުންނެވެ. މިއީ ހައްތާވެސް ދުނިޔެ ދުށް ބޮޑެތި ސިވިލައިޒޭޝަންތަކުގައި މިކަން އޮތްގޮތެވެ.

އިސްލާމްދީން އައިސް މިހުރިހާ މަގުތަކެއް އަދި ގޮތްތަކެއް އެއީ ހަރާން ގޮތްތައްކަމުގައި ކަނޑައެޅުއްވި އެވެ. ހަމައެކަނި ހަނގުރާމައިގެ އަސީރުންނަށް ވެގެން މެނުވީ މިނިވަނުން އަޅުންނަށް ބަދަލުނުވާނެ ނިޒާމެއް އިސްލާމްދީން ގާއިމުކޮށްދިނެވެ. އަދި ހަނގުރާމައިގެ އަސީރުންނަކީ ވެސް ކޮންމެހެން އަޅުންނަށް ހެދުން އިސްލާމްދީނުގައި ލާޒިމެއް ނޫނެވެ. ހަނގުރާމައިގެ އަސީރުން މިނިވަންކޮށްދޫކޮށްލެވިދާނެވެސްމެ އެވެ. މީގެ އިތުރުން އެތައް ފާފައެއްގެ ކައްފާރާގެ ގޮތުގައި އަޅަކު މިނިވަންކުރުން އިސްލާމްދީން ކަނޑައެޅުއްވި އެވެ.

މިވަރުން ނިމުނީކީ ނޫނެވެ. އަޅެއްގެ ގޮތުގައި އިންސާނަކު ގެންގުޅުނަސް އޭގެ ކުރިން މީހުން ހެދިހެން ޖަނަވާރެއްހެން އަޅުންނާ މުއާމަލާތުކުރުންވެސް އިސްލާމްދީން ނަހީކުރި އެވެ. އަޅުންނެއްކަމަކު ރަނގަޅު ކާނާ ދިނުމާއި ރަނގަޅު ފޭރާންލެއްވުމާއި އަނިޔާނުކުރުމާއި އޯގާތެރިވުން ފަދަ އަޅުންގެ އިންސާނީ ކަރާމާތް ވެސް އިސްލާމްދީން ނެގެހެއްޓީ ނިކަން ވަރުގަދަކޮށް ބަދަހިކޮށެވެ.

އިންސާނީ އަޅުވެތިކަމާމެދު އިސްލާމްދީން ގެނެސްދިން ފުރިހަމަ މި މަންހަޖާއި އިސްލާމީ ކަރާމަތުގެ ފުރިހަމަ ރިސާލަތާއެކު، އިސްލާމްދީން ދުނިޔެއަށް ފަސޭހަކަމާއެކު ފެތުރި ފުޅާވުމުގެ މައިގަނޑު ސަބަބަކަށްވެސް މިކަން ވެގެންދިޔައެވެ. އެހެނީ އޭރު ދުނިޔޭގެ ބާރުގަދަ ބާރުވެރި އެމްޕަރާތަކަކީ އެހެން އިންސާނުން އަޅުންކަމުގައި ހެދުމުގެ މައްޗަށް ގާއިމުކޮށްފައިހުރި ހުދުމުހުތާރުކަން ބޮޑު ވެރިކަންތަކެވެ.

މަޝްހޫރު ޤާދިސިއްޔަ ހަނގުރާމައިގައި މުސްލިމުންގެ ކޮމާންޑަރަކާއި، ފާރިސީންގެ މަޝްހޫރު ކޮމާންޑަރު ރުސްތުމްއާ ދެމެދު ބަދަލުކުރެވުނު ވާހަކަތަކުން އެކަނިވެސް މީގެ ކުލަ ތަސްވީރެއް ދައްކަ އެވެ. މުސްލިމުން ހަނގުރާމަކުރާ ސަބަބުތައް ބުނެދެމުން މުސްލިމުންގެ ކޮމާންޑަރު ރުސްތުމްއާ މުހާތަބުކޮށް ވިދާޅުވެ އެވެ. "އަދި އަހަރެމެން މިއައީ، އަޅުންނަށް އަޅުކަންކުރުމުގެ ތެރެއިން މީސްތަކުން ނެރެ ﷲ އަށް އަޅުކަންކުރުމުގެ މަގަށް މީސްތަކުން ގެންދިއުމަށެވެ."

އޭގެ ސާދަސަތޭކަ އެތައް އަހަރެއް ފަހުން މިދެކޭ ޒަމާނުގައި، އިސްލާމީ އެއްވެސް ގައުމެއްގައި އަޅުން އެބަ އުޅޭތޯއެވެ! ދެތިން އެކެހެރި ގައުމެއްގައި ބާވަތަކުގެ އަޅުން އުޅޭކަމަށް ކިޔާ އުޅުނަސް އިންސާނީ އަޅުވެތިކަން ނުވަތަ އިންސާނުން އަޅުންގެ ގޮތުގައި ގެންގުޅުނު ގެންގުޅުން މާޒީވެފައިނުވޭތޯ އެވެ! އޮޅުވައެއް ނުލަމެވެ. އިންސާނީ އަޅުވެތިކަމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ކާފަރު ގައުމުތަކުން ކުރި މަސައްކަތް އިހުމާލެއް ނުކުރަމެވެ. އެކަމަކު އަހަރެމެންގެ އިސްލާމްދީނާއި އަހަރެމެން މުސްލިމުން އެކަމުގައި މާބޮޑަށް ވެސް އިސްނެގިކަމާއި އެއީ އަހަރެމެން މުސްލިމުން ދުނިޔެއަށް ތައާރަފުކުރިކަމެއްކަން ފާހަގަކޮށްލީ އެވެ.

އަޅުންނަކީ ކޮބާތޯ އެވެ. އަޅުންނަކީ އެންމެ ކުރު ހުލާސާކޮށް ބުނާމަ އަމިއްލަ އިހްތިޔާރެއް ނެތް އެހެން މީހެއްގެ ބަސްތަކާއި އަމުރުތަކުގެ މަތީން އުޅެން ލާޒިމްވެފައިވާ މީހާ އެވެ. އަޅަކު އިންސާނެއްގެ އަޅަކަށް ވަނީ، ކޮންމެހެންނަކުން، ތިމާއީ އޭނާގެ އަޅެކޭ ނުވަތަ ތިބާއީ އަހަރެންގެ އަޅެކޭ ބުނުމަކުންނޫނެވެ. އެކަމަކު މާތް ﷲ ބުއްދި ދެއްވި އިންސާނާ ދީނާ ހިލާފު ނޫން ކަންކަމުގައި، ތިމާގެ އަމިއްލަ އިހްތިޔާރު ދޫކޮށްލާ އަނެކާއަށް ކިޔަމަންގަންނަ ކަނު ކިޔަމަންގަތުމަކީ ހަމަ ކަނޑައެޅިގެންހުރި އިންސާނީ އަޅުވެތިކަމެވެ. މިކަމުގައި އަޅުވެތިވެގަންނަ މީހާއާއި އަޅުވެތިކުރުމަށް މަސައްކަތްކުރާ މީހާގެ އެ އަމަލުތަކަކީ އެކަމާމެދަށް އިންތިހާއަށް ފިކުރު ހިންގާންޖެހޭ ނުރައްކާތެރި މައްސަލައެކެވެ.

މާތް ނަބިއްޔާގެ މި ދަންނަވާ ހަދީސް ބަސްފުޅަށް ނިކަން ފުންކޮށް ނަޒަރެއް ދެއްވާށެވެ. މިއީ ޤުދުސިއްޔަ ހަދީސެކެވެ. މާތް ﷲ އަންގަވައެވެ. "ތިން މީހެއްގެ ޚަޞްމުންކަމުގައި ތިމަންކަލާނގެ ޤިޔާމަތްދުވަހުން ވޮޑިގެންވާހުށީމެވެ. ތިމަން ﷲ ގެ ނަންފުޅުގައި ހުވާކުރުމަށްފަހު ގައްދާރުވެއްޖެ މީހާއެވެ. އަދި މިނިވަނަކު ވިއްކައިގެން އޭގެ އަގު ކާލައިފި މީހާއެވެ. އަދި މީހަކު ލައްވާ މަސައްކަތެއް ކުރުވާފައި އެ މަސައްކަތަށްވާ އަގު އަދާނުކުރި މީހާއެވެ."

މިއީ އާދައިގެ ބަސްފުޅެއް އާދައިގެ ވާހަކައެއް ނޫނެވެ. ޚަޞްމުންނަކީ ދެކޮޅަށް ދައުވާކުރާ މީހާއެވެ. ޤިޔާމަތް ދުވަހުން މިކަންކަން ކުރާ މީހުންނާ ދެކޮޅަށް އެމީހުންގެ ޚަޞްމެއްގެ ގޮތުގައި މާތް ﷲ ވޮޑިގެންވާނެހިނދު، އެބައިމީހުން ﷲ ގެ ދަރުބާރުގައި ރެކެގަންނާނީ އަދި ސަލާމަތްވާނީ ކޮންގޮތަކަށްތޯއެވެ.

ދަންނަވަންތޯއެވެ! މަޖިލިސް މެންބަރުންނަކީ ވެސް އަދި އެބައިމީހުންނަށް ނުފޫޒެއް ފޯރުވިދާނެ ފަދަ މަގާމެއްގައި ހުންނަ ހަމަ ކޮންމެ މީހަކީވެސް މާތް ﷲ ގެ ނަންފުޅުގައި ﷲ ގެ ދީނަށާއި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް އަދި އެއްވެސް ނުފޫޒަކަށް ނުލެނބުމަށް ހުވާކޮށްގެން ތިބޭ ބަޔެކެވެ. އެއިން މީހަކު ތިމާގެ އަމިއްލަ ވިސްނުން ދޫކޮށްލައި، އެހެން މީހެއްގެ 'އަޅަކަށް' ވެގަތުމަކީ ހުއްދަ ކަމެއް ނޫނެވެ. ބޮޑު ނަހީން ނަހީވެފައިވާ ވައީދުގެ ބަސްފުޅު ހުރި ކަމެކެވެ. އެއިން މެންބަރަކުގެ އަމިއްލަ ވިސްނުން އަނބުރާލަން މަސައްކަތްކުރުން ވެސް މިފަދައެވެ.

ދަންނަވަންތޯއެވެ! މިނިވަންކަމާއެކު ބަސްބުނުން ދީނީ ގޮތުން ހުއްދަ މަގާމެއްގައި އެ މިނިވަންކަމަށް ހުރަސްއަޅާ، އެ މިނިވަންކަން ބަންދުކޮށް، އެ މިނިވަންކަން ބޭނުންކުރާ މީހާ، ޕާޓީން ވަކިކުރާނެކަމުގެ އިންޒާރުދީ، ޕާޓީގެ ގުރޫޕުން ބޭރުކުރުން ފަދަ ކަންކަމަކީ ވެސް ހަމަ ކަނޑައެޅިގެން އިސްލާމީ އުސޫލުތަކާ ދިމާއަށް އިދިކީލި، އަދި ފާރިސީންނާއި ރޯމަނުން ގެންގުޅުނު ފަދަ އިންސާނުން އަޅުވެތިކުރުމުގެ ހުދުމުހުތާރު ގޮތްތަކެވެ.

އަދި ކިއެއްތޯއެވެ! ހަގީގީ އަޅެއްގެ ގޮތުގައި ހުންނަ މީހަކު ވެސް ސާހިބު މީހާ ރުޅިއަޔަސް އެމީހަކު އެއްކައިރިކޮށް އެކެހެރިކުރުން އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. ވީއިރު މިނިވަނަކު މަޖާޒީ އަޅެއްގެ ގޮތުގައި ހުންނައިރު ވެސް އެމީހަކާ ނުރުހެވޭހިނދު އެމީހަކު ނިކަމެތިކޮށްލުން އަމުދުން ހުއްދަވާނެ ގޮތެއް އޮންނާނެތޯއެވެ. މިކަންކަމުން މާތްވެގެންވާ އިސްލާމްދީން ބަރީއަވެގެންވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox