19 ނޮވެންބަރު 2024 - 14:44 1
މުހައްމަދު ޝަހްޒާން
ޝިޕްމެންޓު އަތުލައިގަތް ރޭ މިނިސްޓަރު އިހުސާން އާންމު ކުރެއްވި ފޮޓޯ --
19 ނޮވެންބަރު 2024 - 14:44 1
ވޭޕު ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުން މަނާކުރަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ދުވަހުގެ ރޭ ކެނެބިސް ވޭޕު އޮއިލް ކަމަށް ބުނެ އަތުލައިގަތް ޝިޕްމެންޓަކީ މަސްތުވާތަކެތި ނޫން ކަމަށް ފުލުހުން މިއަދު އެއްބަސްވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޝިޕްމެންޓު އަތުލައިގަތީ މިދިޔަ އޮކްޓޯބަރު 14، ވަނަ ދުވަހުގެ ރެ އެވެ. އެ ޝިޕްމެންޓުގައި ހުރީ މަސްތުވާތަކެތި ކަމަށް ވިދާޅުވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ.
އެކަމަކު، އެ ޝިޕްމެންޓު އެތެރެ ކުރި ފަރާތުން އެއިރު ވެސް އެކަން ދޮގު ކުރި އެވެ. އަދި ގިނަ ބަޔަކު ބުނަމުންދަނީ މަސްތުވާތަކެތި ކަމަށް ބުނެ އެ ޝިޕްމަންޓު ހިފެހެއްޓީ ރައީސްގެ ނިންމެވުމަށް ބާރު ދިނުމަށް ކަމަށެވެ.
"އަދަދު" އިން މިއަދު ސުވާލު ކުރުމުން ފުލުހުން މީޑިއާތަކަށް ފޮނުވި އާންމު މެސެޖެއްގައި ބުނީ އޮކްޓޯބަރު 14، ގައި އަތުލައިގަތް ޝިޕްމެންޓު ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވްވެފައިވާ ކަމަށެވެ.
"މި ޝިޕްމެންޓުގައި ހުރި ތަކެތި މަސްތުވާތެކެއްޗަށް ޓެސްޓު ކުރުމަށް ހެދި ފޮރެންސިކް ލެބު ޓެސްޓުން ދައްކާފައި ވަނީ ނެގެޓިވް ކަމަށް،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
މަސްތުވާތަކެތި ކަމަށް ބުނެ އެ ޝިޕްމަންޓް ހިފެހެއްޓުމުން މި ނޫހުން ވާނީ އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެ ތަކެތި ތަހުލީލު ކުރިތޯ ވެސް މި ނޫހުން ސުވާލުކޮށްފައިވާނެ އެވެ. ނަމަވެސް ފުލުހުން ވަނީ ކުރިން އެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.
ރާއްޖެއަށް ވޭޕު އެތެރެ ކުރުމާއި ބޭނުން ކުރުން މަނާ ކުރަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާނު ކުރެއްވި ރޭ، އެ ޝިޕްމެންޓު ހިފެހެއްޓިކަމަށް ވިދާޅުވެ ފޮޓޯ ވެސް މިނިސްޓަރު އިހުސާން އާންމު ކުރެއްވި އެވެ.
ޝިޕްމެންޓުގެ ފޮޓޯއާއެކު އިހުސާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެތަކެތި ރާއްޖެ އެތެރެ ކުރަން އުޅެފައި ވަނީ ވޭޕް އޮއިލްގެ ނަމުގައި ކަމަށާއި އެ ޝިޕްމެންޓު އަތުލައިގަތީ ކަސްޓަމްސްއިން ކަމަށެވެ.
އެ ރޭ އިހުސާން ވިދާޅުވީ ރާއްޖޭގައި ރާއްޖެއަށް ވޭޕު އެތެރެކޮށް ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވެސް މިފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.
Comment