2280 ސިޔާސީ މުވައްޒަފުން ތިބި ކަމަށް އަމީރު ވިދާޅުވި ވާހަކަ އާއި ޒަމީރު ހާމަކުރި ހިސާބުތައް ދިމާވޭ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު: ދެ ބޭފުޅުން ދެއްކި ވާހަކަތައް ދިމާވާކަން އަދަދުތައް ހިސާބުކޮށްލުމުން އެނގޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ކުރީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު: ދެ ބޭފުޅުން ދެއްކި ވާހަކަތައް ދިމާވާކަން އަދަދުތައް ހިސާބުކޮށްލުމުން އެނގޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2280 ސިޔާސީ ވަޒީފާ އުފެއްދި ކަމަށާއި އެ މީހުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން މަހަކު 40 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކަ އާއި ސަރުކާރުން ހާމަކުރި ހިސާބުތައް ދިމާވެއްޖެ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތާ ގުޅުވާ މި ސަރުކާރުން ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކުރަމުންދާ ތުހުމުތަކާ ގުޅިގެން އަމީރު މީޑިއަތަކާ ބައްދަލުކުރެއްވީ އޮކްޓޯބަރު 22، ގަ އެވެ. އެ ދުވަހު އަމީރު ވިދާޅުވީ ވައުދުވި 700 ސިޔާސީ މުވައްޒަފުންނާ ހިލާފަށް 1،580 އިތުރު މުވައްޒަފުން ސަރުކާރުން ނަގާފައިވާ ކަމަށެވެ. އެކަމަށް ހަރަދުވާނެ ކަމަށް ލަފާކުރާ ހިސާބުތަކެއްވެސް އެދުވަހު އޭނާ ހިއްސާކުރި އެވެ.

އެއީ ޖުމްލަ 2،280 މުވައްޒަފުންގެ މުސާރައަށް މަހަކު 40 މިލިއަން ރުފިޔާގެ މަގުން އަހަރަކަށް 480 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ބާކީ އޮތް ބަޔަށް ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރައްވާ މުސާރައިގެ ތަފުސީލުތަކެއް ދެއްވާފަ އެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުގައި ހިމެނޭ މުސާރައިގެ އެންމެ ހަތަރު ޕަސެންޓު ކަމަށާއި އެއީ ޖުމްލަ ބަޖެޓުގެ އެއް ޕަސެންޓު ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކުރީ ޖުމްލަ 49.8 ބިލިއަން ރުފިޔާ އެވެ. ޒަމީރު ވިދާޅުވި ގޮތަށް އޭގެ އެއް ޕަސެންޓަކީ 498 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 11.96 ބިލިއަން ރުފިޔާ އެވެ. އޭގެ ހަތަރު ޕަސެންޓަކީ 478 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް 480 މިލިއަން ހަރަދުވާ ކަމަށް އަމީރު ވިދާޅުވި ވާހަކަ އާއި ސަރުކާރުން މިއަދު މަޖިލީހުގައި އާންމުކުރި ހިސާބުތައް ވަނީ ދިމާވެފަ އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދުތައް ސަރުކާރުން ހާމަނުކުރުމާއި އެކި މަގާމުތަކަށް ލިބޭ މުސާރައާއި އިނާޔަތްތައް ތަފާތުވާނެތީ މި އަދަދުތަކުގެ ސައްހަކަން ދެނެގަނެވޭނެ ގޮތެއް ނެތެވެ.

އެ ތަފުސީލުތައް ހާމަނުކޮށް އޮއްވާ، މިދިޔަ ހަފުތާ ރައީސް މުއިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރައްވާނެ ކަމަށް އިއުލާނުކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

އެއާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދެން ދައުލަތުން ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހެެއްގެ މައްޗަށް ހޭދަކުރަނީ 34.3 މިލިއަން ރުފިޔާ ކަމަށް ބެލެވެ އެވެ. އެއީ އަހަރެއްގެ މައްޗަށް 411 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ސިޔާސީ މުވައްޒަަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ނިންމެވުމާއެކު އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ނުނަންގަވަން ވެސް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox