އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ކީހާ ޅެން ފަރިއްސަށް؛ ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން!

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ގޮވައިލާ މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ގޮވައިލާ މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް "ބްލޭންކެޓުކޮށް" ޕާސްޕޯޓު މަނާކުރުމަކީ ވިސްނައިލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއްޔެ ދެއްކެވި ވާހަކައަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝަމް ވިދާޅުވީ ބްލޭންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު "ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެބަ އޮތް" ކަމަށެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި ހައްލެއް ހޯދާނީ އެކަންކަމާ ވިސްނުމަށް ފަހުގައި ކަމަށެވެ.

އުޝާމްގެ އެވާހަކަތަކުގެ ހަބަރު މީޑިއާތަކަށް އެރުމާއެކު ސޯޝަލްމީޑިއާއަށް އާންމުންގެ ނުރުހުމުގެ ޝުއޫރުތައް ބަންޑުންކޮށްލި އެވެ.

އޭގެތެރޭގައި މީގެ 10 ވަރަކަށް ދުވަސް ކުރިން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމުން އެކަމަށް ތައުރީފު ކުރި މީހުން ވެސް ހިމެނެ އެވެ.

އުޝާމްގެ ވާހަކަތަކާމެދު ނުރުހުންވުން ފާޅުކުރި ބައެއް މީހުންގެ ނަޒަރުގައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ އެ ދުވަސްވަރު އެ މައުލޫގައި މާހޫނުކޮށް ވާހަކަދެކެވެމުން ދިޔުމާ ގުޅިގެން މަސްރަހު ފިނިކޮށްލުމުގެ ގޮތުންނެވެ.

"ކޮބާ މިޖެހުނީ ކޮންތާކު؟ ލަސްކުރަން ބޭނުންކުރި އުކުޅަކީ އެކަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން، އަދި ދިވެހިން އެ ޖަޒުބާތުގައި ދެމިތިބޭނެ ރާގުރާގަށް ވާހަކަ ބައްޓަން ކުރުން، އިހުލާސްތެރިކަމުގެ ކަންފުޅެއް ވެސް ތެދުވެރިިކަމެއް ވެސް ނެތް،" ޝަރަފްގެ ނަމުގައި އެކްސްގައި އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.

އަނެއް ބައެއްގެ ނަޒަރުގައި ހާރިޖީ ސިޔާސަތަކީ ސޯޝަލްމީޑިއާ ކެމްޕޭނަކާ ގުޅިގެން ނުވަތަ ބަޔަކު ކުރާ އިހުތިޖާޖަކާ ގުޅިގެން އަވަސް އަރުވާލާފައި ނިންމަންޖެހޭ ވަރަށް ވުރެ މުހިންމު ކަމެކެވެ. އެކިފަހަރު އެކި ގޮތަށް ވާހަކަދައްކަން މަޖުބޫރު ވަނީ ފަހުން ވެދާނެ ހުރިހާ ގޮތްތަކަށް ނުވިސްނައި ހާރިޖީ ސިޔާސަތު ކަނޑައަޅާތީ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

އުޝާމްގެ ވާހަކަތަކަށް ފާޑުކީ ގިނަ މީހުން ދެކޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ސަރުކާރަށް އޮންނަ ތާއީދު އިތުރު ކުރުމަށެވެ. އަދި އެ އަމަލަކީ ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މީހުންގެ ނިކަމެތިކަމުގެ ފައިދާ ނެގުން ކަމަށް ވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

"ޕާސްޕޯޓު ބޭން ކުރަން ކެބިނެޓުން ނިންމައިފިޔޭ ކިޔާފައި ކީއްކުރަން ސަރުކާރުން ކުޅުނު ޕީއާރު ކެމްޕޭނެއް، އެކަން ކުރުމުގެ ނިޔަތެއް ނެތީވިއްޔާ؟ ފަލަސްތީނީންނަށް ލިބެމުންދާ އަނިޔާތައް ބޭނުންކޮށްގެން އާންމުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކޮށް ތިބުމަށްވުރެ ވެސް ނުލަފާ ކަމެއް،" ޝިޔާޒްގެ ނަމުގައި އެކްސް އެކައުންޓެއް ގެންގުޅޭ މީހަކު ބުންޏެވެ.

އޭނާގެ އިތުރުން ވެސް ބައެއް އެހެން މީހުން ވަނީ އެ ވިސްނުމުގައި ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ރާއްޖޭގެ ސަރުކާރަކީ ވެސް ހުޅަނގުގެ ސިޔާސީ ބޮޑުންނަށް ތަބާވާ ބައެއް ކަމަށް ސޯޝަލްމީޑިއާގައި ހިޔާލުފާޅު ކުރި މީހުން ބުނެފައިވެ އެވެ.

"އެއްވެސް ވަރަކަށް ހައިރާނެއް ނުވޭ، ސަބަބަކީ ހުރިހާ މުސްލިމު ދައުލަތްތަކަށް ވެސް ނުފޫޒާއި ބާރު ފޯރުވަމުން ދަނީ ހުޅަނގުގެ ސިޔާސީން، ފަލަސްތީނުގެ ހައްގުގައި އެކަށީގެންވާވަރުގެ ފިޔަވަޅެއް އަޅަން އެ ހުރިހާ ދައުލަތެއް ވެސް ވަނީ ނުކުޅެދިފައި، އޭގެ ބަދަލުގައި ހުރިހާ ދައުލަތްތަކުން ވެސް ކުރަމުން ދަނީ ޕީއާރު ކެމްޕޭނު،" ސިޔާސަތު އެމްވީގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން ކުރި ކުއޯޓު ޕޯސްޓުގައި ލިޔެފައިވެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އުޝާމް އިއްޔެ ވާހަކަދެއްކެވި ރާގަށް މީގެ ކުރިން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް މަޖިލިސް މެންބަރުން ވެސް ވާހަކަދައްކަވައިފައިވެ އެވެ.

ފަލަސްތީނީންނާ ދެކޮޅަށް އިޒްރޭލުގެ ސިހުޔޫނީ ދައުލަތުން ހިންގަމުން ގެންދާ ނަސްލުހޭދުއާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް އިމިގުރޭޝަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

މިދިޔަ ހޯމަ ދުވަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ދިޔައިރު، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ރާއްޖެއަށް ކުރިމަތި ވާނެ އިގުތިސާދީ ގޮންޖެހުންތަކާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އަންނަން ރިޒަވޭޝަންތަކެއް ހަދާފައި ތިބި މީހުންތަކެއް މިހާރު ވެސް ތިބޭނެ ކަމަށާއި އެ ރިޒަވޭޝަންތަކާ މެދު ކަންތައްތައް ނިމޭ ގޮތް ބިނާ ވާނީ އެ ބިލުގެ މައްޗަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ މީހުން ދައްކާފައި ހުރި ފައިސާއާ އެމީހުންގެ ބުކިންތަކާ އެއްޗިހި ކެންސަލްކުރުމާ ދޭތެރޭ ވެސް ރިސޯޓްތަކުން ވެސް ހަމަ ކަންބޮޑުވުން އޮންނާނެ، އަދި ކެންސަލްކުރާ ނަމަ، އެމީހުންނަށް ނާދެވޭ ނަމަ އެފައިސާ އަނބުރާ ދައްކަން ވެސް ޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

އެ ދުވަހުގެ ބަހުސްގައި ސަރުކާރަށް ތާއީދު ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވަނީ އެ މައުލޫގައި އަދި މާފުޅާކޮށް ވާހަކަދައްކަވައިފަ އެވެ. ގާސިމް ވިދާޅުވީ އިސްލާމުން އުމްރާ ކުރަން ދާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް އިޒްރޭލުގައި ހުންނަ ކަމަށެވެ.

ނަމަވެސް މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމުގައިވާ މަސްޖިދުލް އަގުސާ ހުންނަނީ އިރުމަތީ ގުދުސްގަ އެވެ. އެ ބިން އިޒްރޭލުން ހިފީ 1967 ވަނަ އަހަރު އެވެ. އެހެންކަމުން އެ ބިމަށް ޔުނައިޓެޑް ނޭޝަންސްއިން ވެސް ރިއާއަތް ކުރަނީ ހިފާފައިވާ [އޮކިއުޕައިޑް] ބިމެއްގެ ގޮތުގަ އެވެ.

އިޒްރޭލު މީހުންގެ ޕާސްޕޯޓު މަނާކުރުމާ ދެކޮޅު ހައްދަވަމުން ގާސިމް އެދުވަހު ދެން ވިދާޅުވީ ޔަހޫދީންނަކީ ﷲ ބާވައިލެއްވި ދީނެއްގެ މަތީގައި ތިބި ބައެއް ކަމަށާއި އެފަދަ ބަޔަކަށް ރާއްޖެ ނާދެވޭ ގޮތަށް މަނާ ކުރުމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

"އިޒްރޭލުގެ ނެޝަނަލިޓީ އޮތް މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމައިލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަަ އެ ވިދާޅުވެވެނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ،" ގާސިމް ވިދާޅުވި އެވެ.

"އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ،"

އެޓާނީ ޖެނެރަލް އާއި ސަރުކާރަށް ތާޢީދު ކުރާ މަޖިލިސް މެންބަރުންގެ ރާގު އެކަމުގައި ބަދަލުވެފައިވާއިރު، އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް އެވާހަކަތައް އެރި އެވެ.

އެ ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެތައް ބަޔަކު ދިވެހިރާއްޖެއަށް ތައުރީފުކޮށް ސަނާ ކިޔާފައިވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ވެސް ވާހަކަދައްކާފައިވެ އެވެ.

އެގޮތުން އެމެރިކާގެ ކޮންގްރެސްމަނަކު ވަނީ އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ރާއްޖެއަށް އެމެރިކާއިން ދޭ އެހީތައް ހުއްޓައިލުމަށް ގޮވައިލާ ގަރާރެއް އެމެރިކާގެ ތިރީ ގެއަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox