30 އޭޕްރީލް 2024 - 11:51 0
ލީވާން އަލީ ނާސިރު
އަރަބިއްޔާ ސްކޫލް އިމާރާތްކުރާ ބިމުގައި ހަރުކޮށްފައި ހުރި ބޯޑެއް: ޕްރޮޖެކްޓަށް އައި ބަދަލުތަކުގެ ތެރޭގައި އަންޑަގްރައުންޑް ޕާކިން އާއި ލޭންޑް ފިލް ކުރުން ހިމެނޭ -- ފޮޓޯ: މިރާން ނާޝިމް/އަދަދު
30 އޭޕްރީލް 2024 - 11:51 0
އަރަބިއްޔާ ސްކޫލްގެ ކުރެހުމަށް އަންޑަ ގްރައުންޑް ޕާކިންއެއް އިތުރުކޮށް، ގެންނަ ބަދަލުތައް ޓެންޑާ ބޯޑަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ އަރަބިއްޔާގެ ކުރެހުމަށް 200 އެއްހާ ވެހިކަލް ޕާކް ކުރެވޭ ގޮތަށް ޕާކިންއެއް އިތުކުރު ކުރަން ނިންމާފައިވާ ކަމަށާއި، އެއާއެކު އަންނަ ބަދަލުތަކަށް ޓެންޑާ ބޯޑުގެ ރުހުން ހޯދަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފޮނުވާނެ ކަމަށެވެ.
"އަރަބިއްޔާއަކީ 120 ނުވަތަ 130 އަކަށް މުވައްޒަފުން މަސައްކަތް ކުރާނެ ތަނަކަށް ވެގެންދާނެ. އެ ހުރިހާ ކަމަކަށް ވިސްނާފައި އެ އައި ވޭރިއޭޝަންތައް ޓެންޑާ ބޯޑަށް ފޮނުވައި އެޕްރޫވްވުމުން އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނަން،" މިނިސްޓަރު ޝަފީއު ބުންޏެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސާވޭއިން ފާހަގަވި ގޮތަށް ބިމުގެ އަޑީގައި ހުރި ކުނި ނަގައި، ބިންގަނޑު ވަރުގަދަ ކުރަން ލޭންޑް ފިލް ކުރުން ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ މިކަމަށް ހިނގާނެ ހަރަދުތައް ވެސް ހިމަނާފައިވާނެ ކަމަށެވެ.
އަރަބިއްޔާގެ މަސައްކަތް ފަށައިގަންނަން ކުރިން އާމަޒުކުރީ ރޯދައިގެ ފަހަށެވެ. ނަމަވެސް މަޝްރޫއަށް ގެންނަން ޖެހުނު ބަދަލުތަކާ ގުޅިގެން ދެން ޖެހޭނީ މި ބަދަލުތައް ހިމަނައި މި މަޝްރޫއުގެ ކޮންޓްރެކްޓާ އަމީން ކޮންސްޓްރަކްޝަންއާ އެކީ އާ އެއްބަސްވުމެއްގައި ސޮއިކުރަން ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
މި ލަސްތައް އައި ނަމަވެސް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭގައި ނިންމައި ޖެނުއަރީ، 2026 ގައި ކިޔަވައި ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިނިސްޓަރު ދެއްވި އެވެ.
އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 168.5 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ކުރެހުމަށް ގެންނަ ބަދަލާއެކު މި އަގު އިތުރުވެގެންދާނެ އެވެ. މިނިސްޓަރު މި އަގު ވިދާޅެއް ނުވެ އެވެ.
އަރަބިއްޔާ ސްކޫލް ނިންމުމަކީ މި ސަރުކާރުގެ ބޮޑެތި ވައުދުގެ ތެރޭގައި ހިމެނޭ ވައުދަކަށްވާ އިރު، ސްކޫލުގެ އަމަލީ މަސައްކަތް ފެށިކަން އިއުލާންކުރީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ "ހަފުތާ14" މަގުޗާޓުގައި ހިމަނައިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment