ޑްރޯންތަކުގެ ތަފުސީލު މަޖިލީހުގައި ވެސް ހާމަނުކުރި، ގައްސާނު ވިދާޅުވީ އެކަން ހާމަކުރާނީ 241 ކޮމިޓީގެ ކަމަށް

ތުރުކީން ގެނައި ޑްރޯންގެ އަރިހުގައި ރައީސް މުއިއްޒު އަދި ޑިފެން މިނިސްޓަރު ގައްސާން :  ގައްސާނު ވިދާޅުވީ ހާމަކުރާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް - ފޮޓޯ: އަހުމަދު އާއިދު / އަދަދު

ތުރުކީން ގެނައި ޑްރޯންގެ އަރިހުގައި ރައީސް މުއިއްޒު އަދި ޑިފެން މިނިސްޓަރު ގައްސާން : ގައްސާނު ވިދާޅުވީ ހާމަކުރާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް - ފޮޓޯ: އަހުމަދު އާއިދު / އަދަދު

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނެސްފައިވާ ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު މަޖިލީހުގެ ތަޅުމުގައި ދޭން ދެކޮޅު ހައްދަވައި، އެ ތަފުސީލުތައް ހާމަކުރައްވާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް ހާޒިރުކޮށް ޑްރޯންތަކުގެ އެއްބަސްވުމާއި ތަފުސީލުތައް ހޯދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހަސަން ލަތީފުގެ ސުވާލުގައި ޑްރޯންތަކުގައި އަދަދާއި އަގު ފަދަ ތަފުސީލުތަކަށް މެންބަރުން އެދިފައިވެ އެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ ތަފުސީލުތައް މަޖިލީހުގެ ތަޅުމުގައި ހާމަކުރެވެން ނެތް ކަމަށެވެ. އަދި، މި އެއްބަސްވުންތަކަކީ ގާނޫނާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި ތަހުގީގީ އިދާރާތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު އެއްވެސް ގައުމެއްގެ "މިފަދަ ފޯރަމެއްގައި" ހާމަނުކުރާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ތަޅުމުގައި އެ ތަފުސީލުތައް ހާމަކުރަން އުޒުވެރިވާ ކަމަށެވެ.

"އެ މައުލޫމާތު މިތާނގަ އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން، 241 ކޮމިޓީގަ ސިއްރު ޖަލްސާއެއްގަ މި މައުލޫމާތު އަޅުގަނޑުމެންނަށް އާއްމު ކުރެވިދާނެ،" ގައްސާން ވިދާޅުވި އެވެ.

މި ހިނގާ މާޗް 15، ގައި ނ. މާފަރުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ތުރުކީގެ ޑްރޯންތައް ފުރަތަމަ ފަހަރަށް ދައްކާލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ރޭގެ ހަފުލާގައި ޖުމްލަ ތިން ޑްރޯނެއް ފެނުނެވެ.

ޑްރޯން ގަތުމުގެ އެއްބަސްވުމާ ގުޅޭގޮތުން "އަދަދު" އިން ކުރިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ އެއްބަސްވުމުގެ އަގަކީ 37 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުކޮށްފަ އެވެ. އެއީ ދިވެހި ފައިސާއިން ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ގަނެފައިވަނީ ޑްރޯންތަކަކީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.

ނަމަވެސް ޑްރޯންތައް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ ތަކެތި ކަމަށެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ޑްރޯންތަކުގެ ތެރޭގައި ތުރުކީގެ ހިލޭ އެހީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން ވަނީ މި މުއާމަލާތާ ބެހޭ އެއްވެސް ކަމެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން މި ނޫހުގެ ނޫސްވެރިޔަކު ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދާފަ އެވެ.

ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި "ސިއްސައިގެންދާވަރުގެ" ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެކަން ރައްޔިތުންގެ މަޖިލީހުން ބަލަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ، ދިވެހިރާއްޖޭގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެކަމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ތަފުސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox