Advertisement

ދިވެހި ޕްރިމިއާ ލީގު ކުޅެނީ ދެ ބުރު، ތިން ވަނަ ބުރެއް ނެތް!

23 ނޮވެންބަރު 2023 - 09:06 0

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދިވެހި ޕްރިމިއާ ލީގު ކުޅެނީ ދެ ބުރު، ތިން ވަނަ ބުރެއް ނެތް!

23 ނޮވެންބަރު 2023 - 09:06 0

މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު ދެ ވަނަ ބުރަށް ފަހު ނިންމާލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން މި މަހު ނުވަ ވަނަ ދުވަހު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު، މި މަހު ހަތް ވަނަ ދުވަހު، ބޭއްވުނު، އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގައި ނިންމާފައިވަނީ ލީގުގެ މެޗުތައް ދެ ބުރު ކުޅޭ ގޮތަށް ކަމަށެވެ.

މިއާ އެކު، ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތް ހަ މެޗު ނިމުމާ އެކީގައި ލީގު ނިމުނީ އެވެ.

ހަތްދިހަ ނުވަ ދުވަހަށް ފަހު މި މަހުގެ 16 ވަނަ ދުވަހު ލީގުގެ ކުޅުން ފެށިއިރު، ދެ ޓީމެއް ވަނީ ލީގުން ވަކިވެފަ އެވެ. އެއީ މާލީ ހާލަތުގެ ސަބަބުން ކުރިއަށްދެވެން ނެތިގެން ކަމަށް ބުނެ އެވެ. އެ ދެ ޓީމަކީ، ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

މީގެ އެއް އަހަރު ކުރިން، 2021 ވަނަ އަަހަރު ވެސް އެފްއޭއެމް އިން ވަނީ ލީގުގެ ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ރާވައި، ދެ ވަނަ ބުރުން ލީގު ނިންމާލައިފަ އެވެ. އެ ފަހަރު އެ ގޮތަށް ނިންމީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދަން އެކަށީގެންވާ ފުުރުސަތުތަކެއް ނެތް ކަމަށް ބުނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، ލީގުގެ އެއް ވަނައިގައި އީގަލްސް އޮތީ 12 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 12 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. ފަހެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް 12 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 13 މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ލީގުން ވަކިވުމުން އެ ދެ ޓީމުގެ މެޗުތައް ވަނީ އިދިކޮޅު ޓީމުތަކަށް ލިބިފަ އެވެ. އެހެންކަމުން ވެލެންސިއާ މި ފަހަރުގެ ލީގު ސީޒަން ނިންމާލީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ނުލިބި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އީގަލްސް ބައްދަލުކުރާނީ ސަސްއާ އެވެ.