ފުއްގިރި ދޭން ސޮއިކުރީ ވެސް ޔާމީނަށް ލިބޭ ކޮމިޝަން ޔަގީންކޮށްފައި: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު؛ ފުއްގިރި ދޭން ސޮއިކުރީ ވެސް ޔާމީނަށް ކޮމިޝަން ޕޭމަންޓް ޔަގީންކޮށްފައި ކަމަށް އަދީބު ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު؛ ފުއްގިރި ދޭން ސޮއިކުރީ ވެސް ޔާމީނަށް ކޮމިޝަން ޕޭމަންޓް ޔަގީންކޮށްފައި ކަމަށް އަދީބު ވިދާޅުވި

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ވެސް އެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވަން މަސައްކަތް ކުރެއްވި "ކޮމިޝަން" އެމަނިކުފާނަށް ލިބޭކަން ކަށަވަރު ކުރެއްވުމަށް ފަހު ކަމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގުމުގައި އިސްވެ ތިއްބެވި ކަމަށް ޝަރީއަތަށް އެއްބަސްވެފައިވާ އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، އޭރު ޓުއަރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަމުގައި ހުންނެވި އަދީބުގެ ހެކިބަސް ނެގުމެވެ.

ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުއްވާ އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށެވެ.

އޭގެ ފުރަތަމަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ބައިވެރިވެވަަޑައިގަތް ކަމަށް އަދީބު ވިދާޅުވި އެވެ. ނަމަވެސް, އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުން ކަމެއް އަދީބު ވިދާޅެއް ނުވެ އެވެ. އެއާ ގުޅުވައި ދިފާއީ ވަކީލުން އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވި ބޮންޑެއަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށެވެ.

އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް, ކުންފުނީގެ ފަރާތުން އަހުމަދު ކްރިކް ރިޒާ، ޒިޔަތުއާ ބައްދަލުކުރައްވައި ހަތަރު ލައްކަ ޑޮލަރަށް އަގު ތިރި ކުރެއްވުމަށް އެދިވަޑައިގަތް ކަން މެސެޖް ކުރައްވައި ޒިޔަތު ދެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ.

ނަމަވެސް, ރ. އަތޮޅުގެ އެހެން ރަށްރަށް ފަސް މިލިއަން ޑޮލަރާ ގާތް ކުރާ އަގުތަކަށް ދޫކޮށްފައިވާތީ ހަތަރު ލައްކަ ޑޮލަރު މާ ބޮޑަށް ވެސް ކުޑަވާނެތީ، އެ އަގުގައި ދޫކުރުމަށް އެމްއެމްޕީއާރުސީން ތައްޔާރުކުރި ސިޓީއެއް ވެސް ނުފޮނުވައި އަދީބު ހިފެހެއްޓެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަގާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާކުރެއްވުމުން، އަގު ތިރިކޮށްގެން މެނުވީ އެމަނިކުފާނަށް ލިބެން އޮތް ކޮމިޝަން ބޮޑު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޔާމީން އެންގެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ލަފާ ދެއްވިން، އެންމެ ކުޑަވެގެން ވެސް ގާތްގަނޑަކަށް 1.55 މިލިއަން ޑޮލަރަށޭ ކުއްޔަށް ދެވޭނީ، ނޫނީ ފަހުން ވަރަށް ގިނަ މައްސަލަތައް ނުކުންނާނޭ، ދެން އަޅުގަނޑަށް ކޮންވިންސް ކޮށްދެވުނު ރައީސް ޔާމީން،" އަދީބު ވިދާޅުވި އެވެ.

އަދީބު، ޒިޔަތު، ކްރިކް ރިޒާ، އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އޭރުގެ މެންބަރު އަލީ މައުރޫފާއި، އިތުރު މީހަކާ އެކު އެމްއެމްޕީއާރުސީގައި ވެސް ބައްދަލުކޮށްފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 1.55 މިލިއަން ޑޮލަރަށް ރަށް ކުއްޔަށް ދޫކުރަން އެއްބަސްވެވުނު ކަމަށް ވިދާޅުވި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ.

ޔާމީން އަންގަވައިގެން އެއްބަސްވުމުގައި ސޮއިކުރުން ދެ ފަހަރެއްގެ މަތިން ފަސްކުރި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި, ސޮއިކުރުމަށް އެންމެ ފަހުން ނިންމުނު ދުވަހުގެ ހެނދުނު ސޮއިކުރުމަށް އޮތް ނަމަވެސް ސޮއިކުރެވުނީ އެ ދުވަހުގެ މެންދުރުފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ދިހައެއް ޖެހީއްސުރެން އަޅުގަނޑުމެން ތިބިން، އެކަމަކު ރައީސް ޔާމީން އެންގެވީ، ކޮމިޝަން ޕޭމަންޓްގެ ކޮންފަމޭޝަނެއް ކްރިކް ދެއްވާނެއޭ، ދެއްވީމައޭ ސޮއިކުރައްވާނީ، ކްރިކް އެ ކޮންފަމޭޝަން ދީފިއޭ، އެ ކަން ރައީސް ޔާމީން އެންގެވުމުން އެ ދުވަހު މެންދުރުފަހު ސޮއިކުރެއްވުނީ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި އެ މުއާމަލާތް ހަމަޖެއްސުމުގައި އިންވެސްޓަރުން ފަހުން ލިޔެކިޔުމެއް ވެސް ނުފޮނުވަ އެވެ. ހުރިހާ ކަމެއް ވެސް ހަމަޖައްސަމުން ދިޔައީ ޔާމީން އަންގަވައިގެން ކްރިކް ރިޒާ މެދުވެރިކޮށެވެ.

"އެ ފައިސާ އަންނާނީ ކްރިކް ރިޒާ މެދުވެރިކޮށް، އަދި ސަން ކުންފުނިތައް މެދުވެރިކޮށޭ ރައީސް ޔާމީނަށް ލިބޭނީ، އެކައުންޓަށް ޖަމާނުކުރަން އަޅުގަނޑު ލަފާ ވެސް ދިނިން، އެކަމަކު ރައީސް ޔާމީން ވިދާޅުވި މީގެ ކުރިން ވެސް މިހެން ވަރަށް ގިނައިން ޖަމާކޮށްފައި ހުންނާނެ ކަމަށް،" އަދީބު ވިދާޅުވި އެވެ.

ދައުލަތާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އަދީބު ވިދާޅުވީ، އެ އެއްބަސްވުންތަކުގައި ވަނީ އޭނާއަށް އެނގުނު މިންވަރަކުން ތަހުގީގަށް މައުލުމާތު ދިނުމަށާއި ޝަރީއަތަށް އައިސް ހެކިބަސް ދިނުމުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.

މިހާރު ޝަރީއަތުގައި ކުރިއަށްދާ މައްސަލައިގެ ހުކުމް ވަކި ގޮތަކަށް އައިސްގެން އޭނައަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ވެސް ދައުލަތާއެކު އެއްބަސްވެފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަނާކުރިތާ ފަސް އަހަރުވީ ޕްލާސްޓިކް ހޮޅި ހުއްދަކޮށްފި

ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ސަރުކާރުން އަލުން ހުއްދަ ދީފި. މީގެ އިތުރުން، ވަކި ސައިޒުތަކެއްގެ ފެންފުޅި އާއި ބުއިންތައް ބަންދުކުރާ ޕްލާސްޓިކް ފުޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ.

ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަން އަންނަ، ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އެދުނު

ކުރީގެ ސަރުކާރުން ނެގި ދަރަންޏެއްގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އެކަމަށް އިންކާރުކުރި. މީގެ ކުރިން އެކި ފަހަރުމަތިން މި ދަރަނި ރޯލްއޯވާކޮށްދީފައިވާއިރު، މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި އެރި 49 މިލިއަން ޑޮލަރު ވެސް ދ

ޔޭޔޭ ޕެކެޓަށް އަޅައިގެން ބޭރު ފައިސާ ބޭރުކުރަން އުޅުނު މައްަސަލައ

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހަ ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކުރި. ސީރިއަލް ޕެކެޓްތަކުގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނޭ.

ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަނެއް ނޫން: މުއިއްޒު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކެނޑި މައްސަލަ ނުބަލާ

ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ވަގަށް ކަނޑާލި މައްސަލަ ފުލުހުން ބަލަމުން ނުދާކަން އެ މުއައްސަސާއިން ބުނި. ސިޓީ ކައުންސިލުން އެ ގަސް ކަނޑާލި ބަޔަކު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ފްލެޓް އެޅުމާއި ގަސް ކެނޑުމާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތު.

ހުލާސާކޮށް އިއްޔެ: ބޭންކިން ނިޒާމުގެ ޑޮލަރުގެ ދަތިކަން

ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ. ސިޔާސީ ގޮތުން ޕީއެންސީން 2028 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ހާބަރު ސަރަހައްދު ތަރައްގީކުރުމަށް އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

Newsletter

Get the latest news delivered straight to your inbox