މިހާރު ކުރިއަށްދާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް ތިން މެޗާއި ފައިނަލް މެޗު ސޯޝަލް ސެންޓަރު އިންޑޯގައި ކުޅޭ ގޮތަށް މިއަދު ނިންމައިފި އެވެ.
ޖުމްލަ ނުވަ ޓީމާ އެކު ފެށި، އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް ބާއްވަމުން އައީ ހުޅުމާލޭ ޕާކް ވޮލީ ކޯޓުގަ އެވެ. ވިއްސާރައިގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ދެ މެޗެއް ވެސް ފަސްކުރަން ޖެހުނެވެ.
ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު އިންޑޯގައި ކުޅެން ނިންމާފައިވަނީ އިއްޔެ އާއި މިއަދު ވެސް ސެމީގެ ފުރަތަމަ ދެ މެޗު ވިއްސާރައިގެ ސަބަބުން ފަސް ކުރަން ޖެހުމުން، މިއަދު ޓީމުތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަދު ސެމީގައި ކުޅޭ ހަތަރު ޓީމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނިންމީ، ސެމީ ފައިނަލްގެ ދެ ވަނަ މެޗު 17 ވަނަ ދުވަހު ހަވީރު ކުޅުމަށް ފަހު، ފުރަތަމަ ސެމީ ފައިނަލް 17 ވަނަ ދުވަހުގެރޭގައި ކުޅެ، 18 ވަނަ ދުވަހުގެ ރޭ ތިން ވަނަ ސެމީ ފައިނަލް ކުޅޭ ގޮތަށެވެ. އަދި ފައިނަލް މެޗު 20 ވަނަ ދުވަހުގެ ރެއަށް ތާވަލު ކުރުމަށެވެ.
ޝެޑިއުލަށް ގެނައި ބަދަލާ އެކު، ވެމްކޯ އާއި ޕޮލިސް ކުޅޭ ސެމީ އޮތީ 17 ވަނަ ދުވަހު ހަވީރު އެވެ. އެރޭ ކުޅޭ ސެމީ މެޗުން ސިފައިންނާއި އާބަންކޯ ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ސިފައިންނާއި ވެމްކޯ ކުޅޭ މެޗުން ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީގައި 18 ވަނަ ދުވަހުގެރޭ ކުޅޭށެވެ. މި މަހު 20 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެެވެ.
ވީއޭއެމް އިން ބުނީ ވިއްސާރައިގެ ސަބަބުން ސެމީ ފައިނަލާއި ފައިނަލް މެޗު ކުރިން ރޭވި ގޮތަށް ހުޅުމާލޭ ޕާކް ކޯޓުގައި ނުކުޅެވި، ސޯޝަލް އިންޑޯ އަށް ބަދަލުކުރަން ޖެހުމުން އޭގެ ފައިދާ މެޗުތަކުގެ ފޯރިިން ފެނިގެންދާނެ ކަމަށެވެ. އެ ގޮތުން ބާކީ ހުރި ކޮންމެ މެޗެއް ވެސް ފޯރިގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ވީއޭއެމް އިން ބުނެ އެވެ.












