Advertisement

ދިވެހިންނާއި ކުކުޅު

22 އޭޕްރީލް 2023 - 10:14 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ދިވެހިންނާއި ކުކުޅު

22 އޭޕްރީލް 2023 - 10:14 0

އިހު ދިވެހިން އެ މީހުންގެ ގެދޮރުގައި ކުކުޅުހާ ގެންގުޅުމަކީ އެ މީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަވި ކަމެކެވެ. މިގޮތުން ކޮންމެ ގެއަކު މަދުވެގެން ތިން ހަތަރު ކުކުޅު ގެންގުޅެ އެވެ. މި ކޮންމެ ކުކުޅަކަށް ކާންދީ ބަލަހައްޓަނީ ފަރުވާތެރިކަމާއެކު ނުހަނު ލޯބިންނެވެ. ދޫނި ސޫފާސޫފީގެ ތެރެއިން ކުކުޅަކީ އުދުހި އުޅޭ އެއްޗެއް ނޫނެވެ. ފަހަރެއްގައި ގަހަކަށް ނިދަން އަރަން ނުވަތަ ބިރެއް ފެނިގެން އުދައްސައިގަތް ކަމުގައި ވިޔަސް މާދުރަކަށް ނުދެވޭނެ އެވެ.

ކުކުޅުގެ ބޭނުން

ކުކުޅު ގެންގުޅެނީ ގިނަގުނަ ބޭނުންތައް އެއިން ހިފޭތީ އެވެ. މިގޮތުން ބޭނުންކޮށް އުޅޭ ކަންތައްތަކަކީ؛

  • މައުލޫދު ތަކަށް ކަތިލުން
  • ފާތިހާ ތަކަށް ކަތިލުން
  • ކުދިންނަށް ނަން ކިޔުމަށް ކަތިލުން.
  • އެކި ރަށްރަށުގައި ތިބޭ ރއްޓެހިންނަށް ހަދިޔާގެ ގޮތުގައި ފޮނުވުން
  • ވިޔަފާރީގެ ގޮތުގައި ވިއްކުން.

މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަތޫތާ ލިޔުއްވާފައިވެ އެވެ. ދިވެހިން ކުކުޅު ދީފައި ވިޔަފާރިވެރިންގެ އަތުން، ތަވާ، ފުފޭ ގަނެ އެވެ. އެ މީހުންގެ ގާތުގައި އޭގެ އަގަކީ، ފުފެއަކަށް، ނުވަތަ ތަވަޔަކަށް، ފަސް ކުކުޅު، ހަ ކުކުޅެވެ.

ރަސްރަސްކަލުންގެ ޒަމާނުގައި ދިވެހި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވެސް ހަދިޔާގެ ގޮތުގައި ކުކުޅު ފޮނުވައެވެ.

އައްސުލްތޯން މުހައްމަދު ޝަމްސުއްދީން ރަދުންގެ 20 ވަނަ އަހަރު އިނގިރޭސީންގެ ވައިސް އެޑްމިރަލް، ސޭރް ހިއުޖްޓޮތިލް، މާލެ ވަޑައިގެންނެވި ދަތުރުފުޅުގައި ރަދުން ދެއްވި ހަދިޔާތަކުގެ ތެރޭގައި 24 ކުކުޅާއި، 470 ކުކުޅު ބިސް ހިމެނެ އެވެ.

ބިސް

ކުކުޅު ބޭނުންކުރާ ހުރިހާ ކަމެއްގައި ކުކުޅުގެ ބިސް ބޭނުން ކުރެ އެވެ. އަދި ފުށުން ހަދާ ގިނަ ކާއެއްޗިހި ތައްޔާރު ކުރުމުގައި ވެސް ބިސް ބޭނުން ކުރެއެވެ. ސަޔަށް އަޅައިގެންނާއި ނާއްޓަށް އަޅާ ހުއްވައިގެން ކައެވެ. މީގެ އިތުރުން ތަފާތު ފަންޑިތަ ހެދުމަށް ކަޅު ކުކުޅުގެ ބިސް ބޭނުން ކުރެ އެވެ.

ގެންގުޅޭ ތަން

މީހުން ދިރިއުޅޭ ކޮންމެ ގެއަކުވެސް ކުކުޅު ގެންގުޅެ އެވެ. އެ ކުކުޅުތަކަކީ ކޮށިކޮށީގައި ބަންދުކޮށްފައި ތިބޭ ކުކުޅުތަކެއް ނޫނެވެ. ގޭގައި ކުކުޅު ގެންގުޅުމުގެ އިތުރުން ވަލުގައި ވެސް ވަރަށް ގިނައިން ކުކުޅު ގެންގުޅެ އެވެ. މި ކުކުޅުތައް ދިރި އުޅޭނީ ވަލުތެރޭގަ އެވެ. ކޮށްޓަށް ނުލާ ދޫކޮށްލާފައި ތިއްބެއް ކަމަކު އެ ސޮރުމެން އުޅޭ ސަރަހައްދު ދޫކޮށް އެހެން ތަނަކަށް ނުދާނެ އެވެ.

ކާންދިނުން

މިސްކިތް ދޮށަށް ބޯފެން ބަލާ ދާފަދައިން ހެނދުނާއި ހަވީރު ކުކުޅަށް ކާންދޭން އަންހެން ވެރިން ވަލަށް ދެ އެވެ. ކުކުޅު ގެންގުޅޭ ތަނަށް ގޮސް ވަކި ރާގަކަށް [ބާބަ އަންއަން، ބާބަ އަންއަން] ގޮވާލުމުން އެ މީހަކު ގެންގުޅޭ ކުކުޅެއް އެ މީހެއްގެ ގާތަށް އަންނާނެ އެވެ. މި ގޮތަށް ގޮވާލުމަކުން އެ ސަރަހައްދުގައި އުޅޭ އެހެން މީހުންގެ ކުކުޅެއް ނާންނާނެ އެވެ.

ބިސްއަޅަން ތައްޔާރުވުން

ފިޔޮއް މައިފިއްލާ ބިސް އަޅަން ވުމުން ގެންގުޅޭ މީހާއަށް އެނގެ އެވެ. މިގޮތުން ކުކުޅުގެ ފަތްތައް ރީތި ވުމާއި މޫނުގެ ކުލަ ރަތްވުމާއި ގޮވާ ރާގު ބަދަލުވެ އެވެ. އަދި ހާލެއް އައިސް ކުކުޅާ އެކުލަވާލުމަށް ފަހު ބިސް އެޅުމަށް ރަނގަޅު ތަންތަން ހޯދައިދިނުމުގައި އެހީތެރިވެދެ އެވެ.

ކުކުޅު ގެންގުޅޭ މީހުންނަށް މި ކަންތައްތައް ފާހަގަ ކުރެވުމާއެކު ކުކުޅު ހިފަ އެވެ. އެއަށްފަހު ބަނޑުގައި އަތްޖައްސާލައި ބިސްއޮތްތޯ ނުވަތަ ނެތްތޯ ބަލަ އެވެ. މި ގޮތުން ބިސް އަޅާނެ ދުވަހާއި ވަގުތު ބުނެދޭ މީހުން އުޅެ އެވެ.

އާ ކުކުޅެއް ނަމަ އާންމުކޮށް ފުރަތަމަ އަޅާނީ ގާބިހެކެވެ. ގާބިހަކީ ކުކުޅު ބިހަކަށް ވުރެ މާ ކުޑަ ބިހެކެވެ. މިއީ ކެއުމަށް ބޭނުން ކުރާ ބިހެއް ވެސް ނޫނެވެ. އަދި ދަރިވާ ބިހެއް ވެސް ނޫނެވެ. ކުކުޅަކީ ބިހެއް އެޅިއްޖެނަމަ އެތައް އިރެއް ވަންދެން ހަޅޭއްލަވާ އެއްޗެއް ކަމުން މިބިސް އަޅައި ފައިވެސް އެ ވަރަށް ހަޅެއް ލަވާނެ އެވެ. މީހަކު ކަމަކާ އުފާވެގެން މާވަރުގަދައަށް ވާހަކަ ދައްކާ އަޑުގަދަކޮށް ހަދާނަމަ، ތި އުޅެނީ "އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން" ނޭ ބުނެ އެވެ. (ނުނިމޭ)

ތާރީޚާ ގުޅޭ މައުލޫމާތު:

  • ދިވެހި ތާރީޚަށް އައު އަލިކަމެއް، ސ. 150، އަދި ސ. 404