ރާއްޖޭގައި އަލަށް އާލާވާން ފެށި އޮރެންޖު ކޮކާ

އަލަށް އާލާންވާން ފެށި އޮރެންޖު ކޮކާ. -- ފޮޓޯ: ޒަރީރު

އަލަށް އާލާންވާން ފެށި އޮރެންޖު ކޮކާ. -- ފޮޓޯ: ޒަރީރު

ދިވެހިރާއްޖެ އަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ބިން ތިރި، ބިޔަ ޖަންގަލިތައް ނެތް ގައުމެކެވެ. އެހެން ކަމުން މި ރަށްތަކުގައި މާގިނަ ބާވަތްބާވަތުގެ ޖަނަވާރުތައް ދިރިއުޅޭނެ ފަދަ މާހައުލެއް ނެތެވެ. ވަލު ޖަނަވާރާއި ދޫނިސޫފާސޫފީގެ މަދު ވައްތަރެއް މެނުވީ މި ރާއްޖެއަކު ވަޒަންވެރިގެން ނޫޅެ އެވެ. ރާއްޖެއަށް މޫސުމީ ގޮތުން ހިޖުރަކުރާ ދޫނީގެ ބާވާތްތަކާއި ފަނިފަކުސާތަކާއި މަސްމަހާމެއްސާއި ގާގަލާއި ބޮލިފަދަ ތަކެތީގެ ތެރެއިން މޫސުން ނިމެން ވާއިރަށް ދެވެން ހުރި އެއްޗެއް ރާއްޖެ ދޫކޮށް, އެ ސޮރުމެންނަށް އެކަށީގެންވާ މާހައުލަކަށްދެ އެވެ. ނުދެވޭ ތަކެތި ވެށީގެ ފިއްތުންތަކުން ނެތިދެ އެވެ. ނަމަވެސް މަދު ބާވަތްބާވަތުގެ ތަކެތި މިތަނުގެ މާހައުލަށް ހޭނި ދިރިއުޅުން އާރާސްތު ވެސް ކުރެއެވެ.

ހިޖުރަކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބަވަތްތަކުގެ ތެރޭގައި ވެސް, ދަރިފަސްކޮޅު އާލާނުވާ ވައްތަރުތައް ދިރިއުޅެ އެވެ. މި ފަދަ ބާވަތްތައް ދަރިފަސްކޮޅު އާލާކުރާނަމަ އެސޮރުމެން ޖެހެނީ އެނބުރި އެފަދަ މާހައުލަކަށް ދާށެވެ. ރާއްޖެއަށް އާންމުކޮށް ކޮންމެ އަހަރަކު ހިޖުރަކުރާ އިރުވާހުދާއި ފިނދަނައާއި ބުޅިތުނބި ފަދަ ދޫނިތައް ރާއްޖޭގައި އެތައް ޒަމާނަކު އުޅުނަސް ރާއްޖޭގައި ބިސްއަޅައެއް ނޫޅެއެވެ. ހަމަ މިގޮތަށް ރާއްޖޭގެ ކަނޑުތަކުގައި އެންމެ ގިނައިން އުޅޭ ދޫނިކަމުގައިވާ ކުރެނގާއި މާރަނގަ ކިތަންމެ ގިނައިން އުޅުނަސް ރާއްޖެއަކަށް ބިހެއް ނާޅައެވެ. އެހެން ކަމުން މިސޮރުމެން ވެސް ބިސްއަޅާ މޫސުމަށް ރާއްޖެ ދޫކޮށްދެ އެވެ. ދޫނިސޫފާސޫތްޕާއި ބެހޭ ގޮތުން އަހުމަދު ޝަފީގު ލިޔުއްވާފައިވާ "ދިވެހިރާއްޖޭގައި ދޫނި" މި ފޮތުގައިވާ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ވެސް ވަރަކަށް މިބާވަތްތަކުގެ ދޫނި ވިހައިގެން އުޅޭތަން، އިހުގައި ރާއްޖެ އަށް ޒިޔާރަތްކުރި ބައެއް ދަތުރުވެރިންނަށް ފެނިފައިވެ އެވެ.

ވަލުޖަނަވާރުގެ ގޮތުން މާ މުއްސަނދި ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ނުވިޔަސް, އަލަށް އާލާވާ ވައްތަރުތަކާއި ނެތިދާ ވައްތަރުތައް ވެސް ރާއްޖޭގައި އަބަދު ވެސް އުޅެ އެވެ. ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އައި ތަދުދުވަސްވަރު ރާއްޖެއިން މައިނާގެ ވައްތަރެއް ހުސްވި ކަމަށްވި އެވެ. ނަމަވެސް މިހާރު މާލޭ ސަރަހައްދުގައި މައިނާ ދިރިއުޅެ އެވެ. އެކަމަކު އެސޮރުމެން ކާޅުފަދައިން މުޅި ރާއްޖެއަށް ފެތުރި އާލާވަމުން އަންނަތަނެއް ނުފެނެއެވެ. ފަހަރުގައި ކޮތަރު ފަދަ އެއްޗަކަށްވުން ވެސް އެކަށީގެންވެ އެވެ. ކޮތަރުވެސް އެ ގެންގުޅޭ ރަށެއްގައި އުޅުނަސް ޖެހިގެން އޮންނަ ރަށަށް ގޮސް ދިރިއުޅުން ފަށާތަން ވަރަށް ނުފެނެއެވެ. އާލާކުރާނަމަ ޖެހޭނީ ގެންދާށެވެ.

އޮރެންޖު ކޮކާ
އޮރެންޖު ކޮކާ

އޮރެންޖު ކޮކާ

އަޅުގަނޑު މިލިޔުމުގައި ވާހަކަދައްކަން މިއުޅެނީ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ވާހަކައެއް ނޫނެވެ. އަދި އެކިއެކި ކަހަލަ ޖަނަވާރުގެ ވާހަކައެއްވެސް ނޫނެވެ. އަޅުގަނޑު މި ލިޔުމުގައި މިބަލައިލަނީ ރާއްޖެއަށް ދާދި ފަހުން ހިޖުރުކޮށް ރާއްޖޭގައި އާލާވި ކޮކާލަކާ ބެހޭ ގޮތުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ރާއްޖޭގެ ރަށްތަކުން ކުރިން ނުފެންނަ ކޮކާލެއް ފެންނަން ފެށި އެވެ. މިކޮކާތައް ފެންނަން ފެށި ދުވަސްވަރު އެންމެ ފުރަތަމަ މި ކޮކާތަކާއި ބެހޭ ގޮތުން އަޅުގަނޑާ ވާހަކަ ދެއްކީ އަޅުގަނޑު ބޭބެ (މުޅި ސައީދު) އެވެ. އޭގެ ވިހިފަންސަވީސް ދުވަސް ފަހުން, ކުރިން ނުފެންނަ ފަނިތަކެއް ފެނިގެން އޭގެ ފޮޓޯ ނަގާފައި ފޮނުވީ އަޅުގަނޑުގެ ރަހުމަތްތެރިއެއް ކަމުގައިވާ މުހައްމަދު ނައުފަލެވެ. އެހެންކަމުން މިކޮކާތައް އައިސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިކަން އެނގުނެވެ.

މިކޮކާލަށް މާބޮޑު ސައުގުވެރިކަމެއް ނެތި ބަލާނަމަ އެބަޔަކަށް މި ކޮކާ ފެންނާނީ ރަންކޮކާލެއްގެ ގޮތުގައެވެ. ނަމެވެސް މިކޮކާލަށް ފުންކޮށް ވިސްނައިފިނަމަ ރަންކޮކާލާ ހުރި ތަފާތު ފެނިގެން ދާނެ އެވެ. މިގޮތުން ކޮކާލުގެ ސިފަޔާއި ކުރެހުންތަކާއި ކުލަޔާއި އަދި ކޮކާލުގެ ދިރިއުޅުމުގެ ހުރި ތަފާތުތަކެވެ. ރަން ކޮކާލާއި އަޅާބަލާއިރު މި ކޮކާލަކީ ހަށިގަނޑާއި އުދުހުމުގެ ގޮތުން ބަލިކޮށިކޮކާލެކެވެ. މިކޮކާ އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ މީހުންނާއި ގާތް އޮޅު އެއްޗެއްގެ ގޮތުގައެވެ. މިކޮކާ ފޮޓޯއެއް ނަގަން, މީހަކު ކައިިރި ވިޔަސް މާ ބޮޑަކަށް ބިރަކުން ނޫޅޭނެ އެވެ. މަޑުމައިތިރިކަމާއި އެކު އުޅެފިނަމަ ފޯނު ޖައްސާލެވޭހާ ވެސް ކައިރި ވެވިދާނެ އެވެ. އެއީ ފަހަރުގައި މި ކޮކާލާއި މެދު ބުނެފައި ވާގޮތަށް އުދުހުމުގެ ހުންނަ ނިކަމެތިކަމުން ކަމަށްވެސް ވެދާނެއެވެ.

ރާއްޖެއަށް ހިޖުރަކޮށް އާލާވެފައިވާ ބައެއް ކޮކާ
ރާއްޖެއަށް ހިޖުރަކޮށް އާލާވެފައިވާ ބައެއް ކޮކާ

ރާއްޖެއަށް ހިޖުރަކޮށް އާލާނުވި ބައެއް ކޮކާ

ރާއްޖެއަށް ހިޖުރަކުރާ ބައެއް ކޮކާ

މިސޮރުމެން ރާއްޖެ އަށް ހިޖުރަކޮށް ރާއްޖޭގެ މާހައުލަކީ އެސޮރުމެންނަށް އެންމެ ކަމުދާ މަންޒިލެއްކަން ދެނެގަތުމަށް ފަހު, ދަރިފަސްކޮޅު އާލާކުރުމަށް ބިސްއަޅާ ވިހާ އެފަނިތަކަށް ކައިއުޅެވޭ ފަދަ ގަސްތައް ދެނެގަތެވެ. މިގޮތުން އެސޮރުމެން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވިހާއާލާވާ ގަސްތަކުގެ ތެރެއިން ދާގަނޑު ކެކުރިއާއި ޖުމްހޫރީ މޭވާ އާއި އަދި "ބަކަރިނުކާ" ގަސް ހުރެ އެވެ. ނަމަވެސް ދާގަނޑު ކެކުރިއާއި ޖުމުހޫރީ މޭވާ ވެލަކަށް, ރާއްޖޭގައި މި ކޮކާލެއް ބިހެއް ނާޅަ އެވެ. ސިންގަޕޫރުގައި މި ކޮކާ އެންމެ ގިނައިން އަދި އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ދާގަޑުކެކުރި ވެލުންކަމުގައިވެ އެވެ. ނަމަވެސް ރައްޖޭގައި އާލާވި ކޮކާތަކަކަށް ދާގަނޑުކެކުރި ވެެލެއް އަދި ކަމަކު ނުދެ އެވެ. ފަހަރެއްގައި ބަކަރިނުކާ ގަހަށް ނުރައްކަލެއް ދިމާވެއްޖެ ހާލަތެއްގައި ދާގަނޑު ކެކުރިވެލަށް ބަދަލު ވުމަކީ ވެދާނެ ކަމެކެވެ. ލިޔުމައިގެން އިތުރަށް ކުރިޔަށް ދިޔުމުގެ ކުރިން ބަކަރިނުކައި ގަހަށް ކޮންމެވެސް ވަރަކަށް ބަލައިލާނަމެވެ.

ކާކާ ފަނި ގަސްތަކުގެ ފަތް ކަނީ
ކާކާ ފަނި ގަސްތަކުގެ ފަތް ކަނީ

ކާކާ ފަނި ގަސްތަކުގެ ފަތް ކަނީ

މިގަހަށް ބަކަރިނުކާ އަޅުގަނޑު މި ލިޔަނީ އެއީ އެ ގަހަށް އަޅުގަނޑުމެން ކުޑައިރު ކިޔައި އުޅުނީ ބަކަރިނުކާ ކަމުގައި ވާތީ އެވެ. އިހު ދިވެހި ބޭސްވެރިންވެސް މިގަހަށް ވަކި ނަމެއް ނުކިޔަ އެވެ. އެހެން ކަމުން މި ގަހަކީ އަސްލު ދިވެހިރާއްޖޭގެ ގަހެއް ނޫނެވެ. ލަފާކުރެވޭ ގޮތުގައި މިގަހަކީ ރާއްޖެއަށް ހިލައާއި ހިލަވެލި ގެންނަން ފެށުމުން އާލާވި ގަސްތަކުގެ ތެރޭން ގަހެކެވެ. އަހަރުމެން އެންމެ ކުޑައިރު މިގަހެއް ރަށަކު ނުހުރެ އެވެ. މިގަސްތައް ރަށުން ފެންނަން ފެށުމުން ގެނެސް ގޭދޮށުގައި މާގަހެއް ގޮތަށް އިންދައި އުޅުނީމެވެ. އެއީ މީގައި އަޅާ މަލުގެ ރީތިކަމުންނެވެ. ނަމަވެސް މީގެ އަޅާ އޮށްތަކަކީ ވެސް އަޖައިބެއް ފަދަ މޮޅު, ފަސޭހައިން އާލަވާނެ ނިޒާމަކަށް އުފެދފައިވާ އޮށެކެވެ. އޮށް ހިކި މުރަނަވުމުން ބޮމެއް ފަދައިން ގޮވައެވެ. އަދި އޭގެން ބުރައިގެން ދާ ކުދި އޮށްތަކުގެ ސަބަބުން މުޅި ގޭދޮށުގައި މިގަސް ހެދެން ފަށައި އުނދަގުލަކަށް ވެއެވެ. އޮށްތައް ބުރައިގެން ދާއިރު ފާރެއްގައި ހަރުލިޔަސް ގަލެއްގައި ހަރުލިޔަސް ރުއްބުޑެއްްގައި ހަރުލިޔަސް އެތަނެއްގައި އެގަސް ހެދެ އެވެ. މިއީ ވަރަށް އަވަހަށް އާލާވެގިނަވާ އަދި ނައްތާލަން އުނދަގޫ ރާއްޖޭގެ ފަސްގަނޑާ ގުޅޭ ގަހަކަށްވި އެވެ. އަދި ބަލިޖެހުން ދުރު ގަހެއްކަން ފާހަގަ ކުރެވެއެވެ. ގަހުގައި ޖެހެލިއަސް, މިގަހުން އަރާ ވިހަވަސް މުޅި ހިސާބަށް ފަތުރާލައެވެ.

ކޮކާ

ބިހުން ވިހައިގެން އުދުހެން ތައްޔާރުވެފައިއިން ކޮކާލެއް

ރާއްޖެއަށް ހިޖުރަކުރި މި ކޮކާލަކީ ކޮން ބާވަތެއްގެ ކޮކާލެއްތޯ ބަލައިލާއިރު މި ކޮކާލަކީ (ޓޯނީ ކޯސްޓަ) އެވެ. މިކޮކާ ގިނަ ބަޔަކު ސިފަކުރަނީ ކަންނެތްކަމާއެކު ދަތުރުކުރާ ކަނޑު އުޅަންދެއް ކަމުގަ އެވެ. އެހެން ކަމުން މިއީ ލާހުރެެމުން ދުއްވާ އުޅަދެއް ގޮތުގައި ބުނެވިދާނެ އެވެ. ނުވަތަ "ފިޔަލަ ބޮލަށްދުއްވާ ނަވެއް" ގޮތުގައި މި ކޮކާލުގެ އުދުހުން ސިފަކުރެވިދާނެ އެވެ.

މި ކޮކާ ނިސްބަތް އާއިލާ އަކީ ނިމްފެލަޑީ އެވެ. މިއީ ކޮކާލުގެ އާއިލާތަކުގެ ތެރެއިން އެންމެ ބޮޑު އާއިލާ އެވެ. މި އާއިލާގެ ކޮކާތަކުގައި ހަތަރު ފައި ހުރެ އެވެ. މި ސޮރުމެން ތިބޭނީ އެ ހަތަރުފައި މައްޗަށެވެ. ދެން ހުންނަ ދެބައި ހުންނާނީ މައްޗަށް ލަނބާލައި ނަރުވައިގެ ގޮތުގަ އެވެ.

ކޮކާލުގެ ސައިޒު

ޓަވްނީ ކޯސްޓައަކީ ކޮކާތަކަކުގެ ތެރެއިން މާބޮޑު ނޫން އަދި މާކުޑަނޫން ކޮކާލެކެވެ. ކޮކާލުގެ ފިޔަގަނޑުގެ ކޮޅުންކޮޅަށް ހުންނަނީ 48 މިލިމީޓަރާއި 54 މިލިމީޓަރެވެ. ވީމާ މިއީ މެދު މިންވަރެއްގެ ކޮކާލެކެވެ.

ކުލަ

ކުރީގައި ބުނެފައިވާނޭ ފަދައިން މި ކޮކާލުގެ ކުލައަކީ ރަންކޮކާލުގެ ކުލަތައް ނަމަވެސް, ކުލައިގައި ތަފާތު ތަކެއް ހުރެއެވެ. ކޮކާލުގެ ނަމުގައިވާ ފަދައިން ޓަވްނީ އަކީ އޮރެންޖުގެ ކުލަތަކުން ފެށިގެން މުށި އަދި ރީނދޫގެ ކުލަތަކެވެ. މި ގޮތުން ފިޔަގަނޑުގެ މަތި ހުންނަނީ އޮރެންޖު ކުލައިގަ އެވެ. އަދި ފިޔަގަނޑުގެ އަރީގައި ކަޅު ހަނި ފަށެއް ދަމާލައިފައިވެ އެވެ. އެތެރޭގައި ކަޅު ލައްތަކެއް ހުރެ އެވެ. ފިރިހެން ކޮކާ އަންހެން ކޮކާލަށްވުރެ ކުލަގަދަ އެވެ. ފިޔަގަނޑުގެ ދަށުގައި މައްޗަށްވުރެ އޮރެންޖު ކުލަ ފަނޑެވެ. އަދި ކުރިން ބުނި ކަޅު ލައްތައް ފާޅުވާލެއް ބޮޑެވެ. ކޮކާލުގެ ހަށިގަނޑު ހުންނަނީ ކަޅުކުލައިންނެވެ. މިބައިގައިވެސް ހުދުކުލައިގެ ތިކިތަކެއް ހުރެއެވެ. ފިޔައިގެ ހުޅު ނުވަތަ ފެށޭ ހިސާބުގައި ވެސް ހުދު ތިކިތައް ހުރެއެވެ. މި ކޮކާލުގެ ކުލަތަކަށް ބަލައިފައި މި ކޮކާލަށް އަޅުގަނޑު ކިޔާނީ "އޮރެންޖުކޮކާ" ލެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox