Advertisement

"އަސްލަމް ގާނޫނާ ހިލާފުވެއްޖެ"، ނަޝީދުގެ ލަފަޔަކީ ޝަރީއަތަށް ދިއުން ނޫނީ ވަކިކުރުން

22 ނޮވެންބަރު 2022 - 10:22 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ަމަޖިލީހުގެ ރައީސް ނަޝީދު އަދި މިނިސްޓަރު އަސްލަމް: މިނިސްޓަރު ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ނަޝީދު ގަބޫލު ކުރައްވާ


"އަސްލަމް ގާނޫނާ ހިލާފުވެއްޖެ"، ނަޝީދުގެ ލަފަޔަކީ ޝަރީއަތަށް ދިއުން ނޫނީ ވަކިކުރުން

22 ނޮވެންބަރު 2022 - 10:22 2

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވުމުން މިނިސްޓްރީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރުންނަށް ދެ ލަފައެއް ދެއްވައިފި އެވެ.

އާ ގާނޫނުއަސާސީއަށް އަމަަލުކުރަން ފެށި އިރު ވަކި ގާނޫނަކަށް ނުފެތޭ ގޮތަށް ހުރި ގަވައިދުތަކުގެ ބެލެނިވެރިކަން ދިނީ އާއްމު ގަވައިދުތަކުގެ ގާނޫނަށެވެ. އެ ގާނޫނުގައިވާ ގަވައިދުތައް ފާސްކުރުމާއި ބަދަލުތައް ގެނައުމުގެ ޒިންމާ އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށެވެ.

ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ކޮމިޓީން އެކުލަވައިލައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ އެހެންވެ އެވެ. އެ ގަވައިދު އެކުލަވާލައި، ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ 2018 ވަނަ އަހަރު އެވެ. އެ ގަވައިދު ގެޒެޓްނުކުރާކަން ކޮމިޓީއަށް އެނގިގެން އެ މައްސަލަ ބަލަން ފެށީ 2020 ވަނަ އަހަރު އެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމީ މިނިސްޓްރީއަށް ހަފުތާއެއްގެ މުހުލަތެއް ދިނުމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓާ މެދު ގޮތެއް ނިންމާނެ އެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގައި އިއްވުމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މި ކަމުގައި އަމަލު ކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި އެގޮތަށް އަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ.

"އެގޮތަށް އަމަލު ނުކުރާކަމީ ގާނޫނާ ހިލާފުވުން، އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،" އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނުސީދާ ކޮށް ލަފާ ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،"

ނަޝީދު ވަނީ މި މައްސަލައިގައި އަމަލު ކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު، "އަމިއްލައަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރައްވާތީ" ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މިނިސްޓަރު ގާނޫނުއަސާސީއާ ހިލާފުވެފައި މިންވަރު ދެނަގެނެ އެކަމާ މެދު މެންބަރުން ވިސްނަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނޫންނަމަ ކޮމިޓީ ބޭއްްވުމުގެ ބޭނުމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމައި ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އެ މައްސަލާގައި ކޮމިޓީން ނިންމީ، ގަވައިދު ގެޒެޓްނުކޮށް ހިފަހައްޓާފައި އޮތް އޮތުމަކީ ދުސްތޫރީ އަދި ގާނޫނީ ގޮތުން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އެ އަމަަލަކީ ގާނޫނުއަސާސީއާއި ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހަށް އޮންނަ އިހުތިޔާރުތަކާއި ބާރުތަކަށް އިހުތިރާމް ނުކުރުން ކަަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

އެހެންވެ، ކޮމިޓީގެ ނިންމުމަކީ އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވައިދު ގެޒެޓްކުރަން ފޮނުވަން ޕްލޭނިން މިނިސްޓްރީއަށް އެންގުމަށެވެ.

ކޮމިޓީގެ އެ ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހުގަ އެވެ.