އިގްތިސާދީ ދުވެލި ހަލުވި, އާ ގޮންޖެހުންތައް ވެސް އެބަހުރި: އަމީރު

އިގްތިސާދީ ދުވެލި ހަލުވި, އާ ގޮންޖެހުންތައް ވެސް އެބަހުރި: އަމީރު

ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުންދާ ކަމަށާއި އެހެން ނަމަވެސް އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން އެންމެ ބޮޑު އަސަރެއް އިގްތިސާދީ ގޮތުން ކުރި އެއް ގައުމަކީ ރާއްޖެ ކަމަށާއި އޭގެ ސަބަބުން ޖީޑީޕީ 33 އިންސައްތަ ދަށްވެގެން ދިޔަ ކަމަށް އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވި އެވެ.

"ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލުމާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އާ ރިސްކުތަކެއް ކުރިމަތިވެއްޖެ. ތަކެތީގެ އަގު އުފުލުމުން އެކްސްޓާނަލް ރިޒާވުތަކަށާއި ސަރުކާރުގެ ކޭޝްފްލޯއަށް އަންނަނީ އަސަރު ކުރަމުން،" މި ރަސްމިއްޔާތުގައި އަމީރު ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކޮވިޑުގެ ތެރޭގައި ނަގާފައިވާ ދަރަންޏާ އެކު ސަރުކާރަށް ބުރަ ބޮޑުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިއަހަރުގެ ފުރަތަމަ ހަތް މަހު އެކަނި އިމްޕޯޓުގެ އަގުތައް ދެ ބިލިއަން ޑޮލަރަށް އަރައިފި. 2021 ގެ އެ އަދަދު ހުރީ 1.3 ބިލިއަން ޑޮލަރުގައި. މިއީ 648 މިލިއަން ޑޮލަރުގެ އިތުރުވުމެއް. މި އަގުތައް ތިރި ނުވެ ހުރެއްޖެނަމަ އަހަރު ނިމޭއިރު އިމްޕޯޓުގެ އަގު ހުންނާނީ 3.3 ބިލިއަން ޑޮލަރުގައި،" އަމީރު ވިދާޅުވި އެވެ.

އައިޓީއެފްސީއިން ރާއްޖޭގެ ތަރައްގީގައި ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި އަމީރު ވިދާޅުވީ އެ ކޯޕަރޭޝަނަކީ ވިޔަފާރިއަށް ފައިނޭންސް ކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ.

"ކޮވިޑުގެ ދަތި ދުވަސްވަރު އައިޓީއެފްސީން ވަގުތުން ފޯރުކޮށްދިން އެހީތެރިކަމުން ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދިޔަ،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވި އެވެ.

އޭރު 1.5 ބިލިއަން ޑޮލަރާ ހަމައަށް ފައިނޭންސް ކުރުމަށް ރާއްޖޭގެ ސަރުކާރުން އައިޓީއެފްސީއާ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ ފެސިލިޓީ ސަރުކާރުން ބޭނުންކުރީ ބޭހާއި ސިއްހީ ސާމާނާއި ތެލުގެ ހަރަދުތަކަށެވެ.

"އޭރު ހަމަޖައްސައިން ފެސިލިޓީގެ އެހީގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ދަތިކަމެއް ނެތި ޕެންޑެމިކްގެ ތެރޭގައި ފޯރުކޮށްދެވުނު. އޭރު ސަރުކާރުގެ އާމްދަނީ ހުރީ ދެބައިކުޅަ އެއްބައި ދަށްވެފައި،" އޭނާ ވިދާޅުވި އެވެ.

އައިޓީއެފްސީ އާއި އެސްޓީއޯގެ އެއްބަސްވުން

މި ފެސިލިޓީ ހަމަޖައްސާފައި ވަނީ އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުންނެވެ. އެގޮތުން، އެސްޓީއޯއަށް ބޭނުންވާ މުދާ ސަޕްލަޔަރުގެ އަތުން ގަތުމަށް ފަހު އައިޓީއެފްސީން ވިއްކާނީ ކުޑަ ފައިދާއެއް ލުމަށްފަހު އެވެ. މިއީ އައިޓީއެފްސީން ސޮއިކުރި އެންމެ ބޮޑު ވިޔަފާރި ފައިނޭންސިން އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ގަންނާނީ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތްތަކެވެ. މިއީ ކޮވިޑާއެކު ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރު އެހީއަކަށް ވެގެންދާނެ އެވެ.

އެސްޓީއޯއިން މިދިޔަ ޖޫން މަހު ވެސް އައިޓީއެފްސީ އާއެކު މުރާބަހާ ފައިނޭންސިން އެގްރީމެންޓެއްގައި ސޮއިކުރި އެވެ. އެފަހަރު ސޮއިކުރީ 175 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގެ އެގްރީމެންޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox