Advertisement

މެންބަރުންގެ އަދަދާ ގުޅޭ ގާސިމްގެ އިސްލާހަށް ނަޝީދުގެ ފުރިހަމަ ތާއީދު

23 އޮގަސްޓު 2022 - 10:45 0

ނަޝީދާއި ގާސިމް: މެންބަރުންގެ އަދަދާ ގުޅޭ އިސްލާހަށް ތާއިދު ކުރެއްވި


މެންބަރުންގެ އަދަދާ ގުޅޭ ގާސިމްގެ އިސްލާހަށް ނަޝީދުގެ ފުރިހަމަ ތާއީދު

23 އޮގަސްޓު 2022 - 10:45 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު, 87 ގައި ހިފަހައްޓައި އެއަށްވުރެ އެ އަދަދު ގިނަ ނުވާނެ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވައިފި އެވެ.

ގާސިމްގެ އިސްލާހާ ގުޅޭ ގޮތުން "އަދަދު"އިން ޝާއިއުކުރި ހަބަރު ރީޓްވީޓް ކުރައްވަމުން ނަޝީދު ވިދާޅުވީ ގާސިމް ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލީހުގެ ދައުރާ ބެހޭ ގޮތުން ވެސް ވިސްނުން ވަރަށް ބޭނުންތެރި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު, އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމަނީ ނިޒާމަކަށް ބަދަލުކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އެ ނިޒާމްގައި ސަރުކާރު އުފެދިގެން އަންނާނީ މަޖިލީހުގެ ތެރެއިންނެވެ. އެގޮތުން, ބޮޑު ވަޒީރާއި މިނިސްޓަރުން އައްޔަންވެގެން ދާނީ މަޖިލިސް މެންބަރުންގެ ތެރޭންނެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންޖެހޭނެ އެވެ.

އަދި, އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ އެވެ.

ގާސިމް, އިސްލާހު ހުށަހަޅުއްވާފައިވަނީ މި މާއްދާ ބަދަލުކުރުމަށެވެ. އެގޮތުން އޭނާގެ ހުށަހެޅުމަކީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް އެ މާއްދާގައި ބަޔާން ކުރުމެވެ. އަދި, 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު, އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރަކު އިންތިހާބު ކުރުމެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާނަމަ, އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުންވާ ނުވާ މިންވަރުގެ އަދަދުގެ މެންބަރުން ކަމަށެވެ.

"އިގުތިސޯދީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ގޮންޖެހުންތައް މިކަމުގައި ކުރިމަތިވާނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅާފައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް," ގާސިމް ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ، 261 ވަނަ މާއްދާގައި ލިޔެފައިވާ ގޮތުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތަށެވެ. އެއީ، މެންބަރުންގެ 75 ޕަސެންޓެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި އެ އަދަދަށް، 65 މެމްބަރުން އެބަތިއްބެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގައި 77 މެންބަރުން ތިއްބެވެ އެވެ. އޭގެފަހުން 2014 ވަނަ ބޭއްވި އިންތިހާބުގައި 85 މެންބަރުން އިންތިހާބު ކުރަން ޖެހުނުއިރު, މިހާރު އޮތް މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.

އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެއިރު, އާބާދީއަށް މިހާރު އައިސްފައިވާ ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އަނެއްކާވެސް އިތުރުވާނެ އެވެ.