30 ޖުލައި 2022 - 06:05 0
ސާއިފް ޝިޔާދު
30 ޖުލައި 2022 - 06:05 0
ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނުން ގައުމެއްގެ މިނިވަންކަން ރަމްޒުނުކޮށްދެވޭނެ ކަމަށާއި އޭގެ ބަދަލުގައި އެއްބައިވެ، އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވީ މިދިޔަ ހަފްތާގަ އެވެ. ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ހިޔާލުތަފާތުވުމަކީ އިންސާނީ ތޮބީއަތް ނަމަވެސް "މިނިވަންކަމުގެ ރާސްތާ" އޮމާންކޮށް ގެންދިއުމަށް އެކަންކަން އެއްފަރާތް ކުރަންޖެހޭ ކަމަށެވެ.
ތެލުގެ ސަބްސިޑީ "އެންމެ ބޭނުންޖެހުފައިވާ ރައްޔިތުންނަށް" އެކަނި ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް އެ މަސައްކަތުގެ ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރާށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުހަބާ ކިޔަމުން އެއީ ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. އިގުތިސޯދު ކުރިއެރި ނަމަވެސް ދަރަންޏާ ހުރެ މާލީ ހިރާސްތައް ގިނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އައިއެމްއެފް އިން އަންދާޒާކުރަނީ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 10 ބިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ކޯޓު އަމުރުތަކެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުންނެވެ.
ޔޯގާ ހެދުން ނުވަތަ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. "އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ބުނީ ޔޯގާއާ މެދު މައިގަނޑު ތިން ރައުޔެއް އޮތް އިރު އޭގެ ތެރެއިން ދެ ރައުޔުގައި ޔޯގާ ހަރާމް ކަމަށެވެ. ޔޯގާ ހުއްދަނުވާނެ ކަމަށް ދެ ރައުޔު އޮތް އިރު އެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާ ނަމަ ހަގީގަތުގައި ޔޯގާއަށް ނުވެސް ވާނެ ކަމަށް ވެސް އަދާލަތުގެ ކަރުދާހުގައި ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ތެޔޮ އެތެރެކުރަން ކުރާ ހަރަދު 95 ޕަސެންޓު އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދެއްކީ މިދިޔަ ހަފްތާގަ އެވެ. އިމްޕޯޓު ރެކޯޑުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ތެލުގެ ބާވަތްތައް ކަމުގައިވާ މެރީން ގޭސް އޮއިލް (ޑީސަލް) އާއި ޕެޓްރޯލާއި އޭވިއޭޝަން ފިއުލް އެތެރެކުރަން ހަރަދުވީ 3.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ 10 އަހަރުތެރޭ ނުއުފުލޭހާ މައްޗަށް އުފުލި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު މި ބާވަތްތަކުގެ ތެޔޮ އެތެރެކުރަން ކުރި ހަރަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މަންކީޕޮކްސްގެ ރާއްޖެއިން ފެނުމުގެ ކުރިން އެއަށް ޓެސްޓު ކުރެވޭނެ ގޮތް ގާއިމްކޮށް ބައްޔަށް ފަރުވާ ކުރުމަށް ބޭހާއި ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. އެޗްޕީއޭން ބުނީ މި ބަލި ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް، ކޮވިޑާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު، "އާސަންދަ" އިން އަހަރަކު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް ތަފާސް ހިސާބުތަކުން ދައްކާފައި ވަނީ ވެސް މިދިޔަ ހަފްތާގަ އެވެ. އާސަންދައިން "އަދަދު"އާ ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އާސަންދައިން އެންމެ މަދުން ހަރަދުވި އަހަރު ވެސް 100.6 މިލިޔަން ރުފިޔާ ހަރަދުވި އެވެ.
Comment