Advertisement

ބައިބައިވުމާ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނުން މިނިވަންކަން ރަމްޒުކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 ޖުލައި 2022 - 10:09 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް, ހޯމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރާ އެކު - ފޮޓޯ: ރައީސް އޮފީސް


ބައިބައިވުމާ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނުން މިނިވަންކަން ރަމްޒުކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 ޖުލައި 2022 - 10:09 0

ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނުން ގައުމެއްގެ މިނިވަންކަން ރަމްޒުނުކޮށްދެވޭނެ ކަމަށާއި އޭގެ ބަދަލުގައި އެއްބައިވެ، އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ހިޔާލުތަފާތުވުމަކީ އިންސާނީ ތޮބީއަތް ނަމަވެސް "މިނިވަންކަމުގެ ރާސްތާ" އޮމާންކޮށް ގެންދިއުމަށް އެކަންކަން އެއްފަރާތް ކުރަންޖެހޭ ކަމަށެވެ.

"އެދޭގޮތާ، ދެކޭގޮތާ، ގަބޫލުކުރާގޮތާ އެކުއެކީ، ކަންކަމުގާ ހިޔާލު ތަފާތުވުމަކީ އިންސާނީ ތޮބީއަތް. ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަގޮތް. އެހެން ނަމަވެސް، މިނިވަންކަމުގެ ރާސްތާ އޮމާންކަމާ، އަމާންކަމުގާ ގަރާރުވެ ދެމިއޮތުމަށްޓަކާ، މިދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ. ސަބަބަކީ މިނިވަންކަމުގެ އުފަލާ، އޭގެ އަސަރާއި ރަހަ، އެހެން ހުރިހާ އިހްސާސަކާ ތަފާތު،" ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއިލާތައް ތެރޭގަ އާއި ރަށްތަކުގައި އާއި މުޅި ގައުމުގައި ވެސް ހަމަޖެހުން އޮންނަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އެންމެންވެސް ހަމަޖެހުމަށް އެއްބާރުލުން ދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުޖްތަމައުގެ ބައިބައިވުމާ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ގައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން. އާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާ، ރަށާ، އަތޮޅާ، މުޅި ގައުމުގައި ވެސް ހަމަޖެހުން އޮންނަންޖެހޭނެ. އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައެއް ނުގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ހަމަ އެ މައުލޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާއި އެކަން ކުރެވޭނެީ އަޑުއެހުމާއި މަޝްވަރާގެ މަތިން އެކަނި ކަމަށެވެ.

"ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ. އެއީ އަޑުއެހުމާ، މަޝްވަރާއާ އިހްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މިދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ހިތާބުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ ރާއްޖެއަށް ލާބަ ލިބޭނެ މަންފާހުރި ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ގެންގުޅުއްވާ ހާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގަނެފައިވާ ސިޔާސަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޔޫރަޕުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލަށް ބާރުބޮޑުވެ، ސަރުކާރުގެ ހަރަދުބަރަދު ކުޑަކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު މިއަހަރު ނިމޭއިރު ގެންދެވޭނެ ކަމަށާއި ނަމަވެސް "ކާމިޔާބީގެ ހެޔޮ އަސަރު، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހުރަސްތަކެއް އެބަހުރި" ކަމަށެވެ.