އާރަށު ހިޔާނާތް ރޭވިގެން އައި ގޮތް ދައުލަތުން ތަފްސީލްކޮށް ކިޔައިދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތް ރޭވިގެން އައި ގޮތް ދައުލަތުން ވަރަށް ތަފްސީލްކޮށް ކިޔައިދީފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މިއަދު ކުރިއަށް ދިޔައީ ޝަރީއަތް ފެށުމުގެ ކުރިއަށް ހުށަހަޅަން ޖެހޭ އިފްތިތާހީ ބަޔާން ދެ ފަރާތުން ވެސް ހުށަހެޅުމެވެ. މި ބަޔާނަކީ ޝަރީއަތުގެ މަރުހަލާ ކަމުގައިވާ ހެކިބަސް ނެގުމުގެ ކުރިއަށް ދައުވާ ރައްދުވާ ފަރާތާއި ދައުލަތުން ވެސް އިއްވާ ބަޔާނެކެވެ.

ދައުލަތުން އިފްތިތާހީ ބަޔާން އިއްވަވަމުން ބުނީ ފިޝަރީޒް މިިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއަށް އާރަށް ބަދަލުކޮށް އެމްއެމްޕީއާރުސީ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިނުމުގެ މަސައްކަތް ފަށަން ޔާމީން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ލަފާ ދިން ކަމުގަ އެވެ.

ޔޫސުފް ނައީމްގެ 99 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމުގައި ކުންފުންޏެއް އުފެއްދީ ވެސް ޓޫރިޒަމް މިނިސްޓްރީއަށް ރަށް ދޭން ނިންމި ފަހުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ކުންފުންޏަށް ރަށް ދިނުމާއެކު އެހެން ކުންފުންޏަކަށް ޔޫސުފް ނައީމްގެ މައްޗަށް އޮތް 99 އިންސައްތަ ހިއްސާ ވިއްކާލީ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށް މަދު ދުވަސްތަކެއް ފަހުން އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާ ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ. އަދި އެ ފަހުން ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިން ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމާއެކު އެ ފައިސާ ބޭނުން ކުރި ކަމަށް ދައުލަތުން ބުންޏެވެ. ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުމަކީ މަނީ ލޯންޑަރިން ކަމުގައި ދައުލަތުން ސިފަކުރެ އެވެ.

ޔާމީންގެ އިފްތިތާހީ ބަޔާން؛ "މިއީ އާދަވަތްތެރި ދައުވާއެއް"

ޔާމީންގެ ފަރާތުުން އިފްތިތާހީ ބަޔާން އިއްވަވަމުން މައިގަނޑު ގޮތެއްގައި ދިފާއީ ވަކީލުން ފާހަގަކުރީ އެއީ ސިޔާސީ ދައުވާއެއް ކަމުގަ އެވެ. ސިޔާސީ ގޮތުން ޔާމީން ފްރޭމް ކުރަން ވެގެން ކުރެވޭ ކަމެއްގެ ގޮތުގަ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ މޭސްތެރިޔާ ކަމުގައި އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އޭރު ވެސް ފިޔަވަޅު އެޅިކަން ދިފާއުން ފާހަގަ ކުރި އެވެ.

އެެހެންވެ އެ ފަރާތްތަކުގެ މެދުގައި ޔާމީންގެ މައްޗަށް އަދާވާތްތެރިކަމެއް އޮވެދާނެ ކަމަށް ބެލެވެން އެބަ އޮތް ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ޔާމީނަށް މި ތުހުމަތު ކުރެވެން ފެށީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން، އަދީބާއި ޒިޔަތަށް ލުއިތަކެއް ވެސް ދިން ފަހުން ކަން ފާހަގަ ކުރި އެވެ.

ދައުވާ ކުރިއަށް ގެންދަން ހުރަހެއް އޮތް ކަމާއި މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެ ބަހުސަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ބަހުސް ކުރެވި ޝަރީއަތުން ގޮތެއް ނިންމާފައިވާ ކަމެކެވެ. އެހެންވެ އިފްތިތާހީ ބަޔާނުގައި އެ ވާހަކަ ދައްކަން ދައުލަތުން އިއުތިރާޒް ކުރި އެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވެސް ވިދާޅުވީ ދައުވާ ކުރިއަށް ނުގެންދެވޭނެ ވާހަކަ އާއި ދައުވާގެ އުނިކަމުގެ ވާހަކަ މި މަރުހަލާގައި ނުދެއްކޭނެ ކަމަށެވެ. އަދި އިފްތިތާހީ ބަޔާނުގައި ފާހަގަކުރަން އޮންނާނީ ދިފާއު ބިނާ ކުރަން ހުށަހާޅާ ހެކިތަކާއި ސާބިތުކޮށްދޭން އުޅޭ ކަންކަން ކަން ޝަރީއަތުން ބުންޏެވެ.

ނަމަވެސް އިފްތިތާހީ ބަޔާނުގައި މި ވާހަކަތައް ދެއްކޭނެ ކަމަށް ވިދާޅުވެ ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނުރުހުން ވެސް ފާޅުކުރެއްވި އެވެ. އަދި އިފްތިތާހީ ބަޔާނުގައި ވެސް ދައުވާއާ މެދު ދިފާއުން ދެކޭ ގޮތް ހާމަކުރުމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އޮންނަ އުސޫލެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ފަހުން އިފްތިތާހީ ބަޔާނުގެ ބާކީ ބައި އެެހެން ދުވަހެއްގައި އިއްވަން ވެސް ޖަމީލް އެދިވަޑައިގަތެވެ. ޔާމީނަށް ދިން ފުރުސަތުގައި އެމަނިކުފާނު ވެސް މާގިނައިރު އިށީނދެއިންނަން ޖެހޭތީ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވި އެވެ.

އެ ކަމުގައި ޝަރީއަތުން ބުނީ ދިފާއުން އިފްތިތާހީ ބަޔާނުގައި އެއް ވާހަކަތަކެއް މާ ގިނަ އިރު ތަކުރާރު ކުރާ ކަމާއި ޝަރީއަތުގެ ކުރިއަށް ގޮތެއް ނިމިފައިވާ ކަމަކާ ގުޅޭ ގޮތުން މާ ގިނަ ވަގުތު ވާހަކަ ދެއްކީ ކަމުގަ އެވެ. ޝަރީއަތުގެ އިރުޝާދާ އެއް ގޮތަށް އެންމެ ފަހުން ޔާމީންގެ އިފްތިތާހީ ބަޔާން ކުރުކޮށްލެއްވި އެވެ.

އާ ތާވަލެއް؛ ސެޕްޓެމްބަރު މަހު މައްސަލަ ނިންމަން އަމާޒުކޮށްފައި

ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތުން ގަސްތު ކުރަނީ ޖޫން މަހުގެ ތެރޭގައި ހެކިބަސްތައް ނެގުމަށެވެ. އެންމެ އަވަހަށް ދެން އަޑުއެހުމެއް ބާއްވަން ތާވަލުކުރީ ޖޫން 13 އަށެވެ. ނަމަވެސް އެ ދުވަހަށް ހައި ކޯޓުގައި ޖަމީލް ވަޑައިގަންނަވާ އެހެން މައްސަލައެއްގެ އަޑުއެހުމެއް އޮތުމުން އެ ވަގުތަށް ފުށު ނާރާ ގޮތަށް ގެންދަން ތާވަލު ކުރަން ނިންމި އެވެ.

ހެކި ބަސް ނެގުމުގެ މަރުހަލާ ނިމިގެން ހެއްކާ ގުޅޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން ވެސް ޝަރީއަތުން ނިންމި އެވެ. ޝަރީއަތުން ފުރަތަމަ ބޭނުންވީ ޖުލައި މަހު އެ އަޑުއެހުން ބޭއްވުމަށެވެ. އެކަމަކު ޖުލައި މަހު މި މައްސަލާގައި ހިމެނޭ ދައުލަތުގެ ވަކީލުން އަހަރީ ޗުއްޓީއަށް ދާތީ, އޮގަސްޓް މަހު ބާއްވަން ނިންމި އެވެ.

މީގެ އިތުރަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ވެސް އޮގަސްޓް މަހު ތެރޭގައި ބާއްވަން ނިންމި އެވެ. ހުލާސާ ބަޔާނަކީ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިއަށް، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތަކަށް ހުލާސާ ގޮތެއްގައި ފާހަގަކުރެވުނު ކަންތައްތައް ބަޔާން ކުރަން ދޭ ފުރުސަތެކެވެ.

ޖިނާއީ އިޖުުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު ތެރޭ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ބައެއް ފަހަރު ދިމާވާ ކަންކަމުން 30 ދުވަހަށް ވުރެ ދިގު ދެމިގެން ވެސް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox