Advertisement

މާޅޮސް މަޑުލު: އެވޭލާ ޒަމާނުގެ ބައިނަލްއަގުވާމީ ބަނދަރެއް

24 އޭޕްރީލް 2022 - 16:41 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


މާޅޮސް މަޑުލު: އެވޭލާ ޒަމާނުގެ ބައިނަލްއަގުވާމީ ބަނދަރެއް

24 އޭޕްރީލް 2022 - 16:41 1

އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެއަކީ އެއްވެސް އިރެއްގައި ދުނިޔެއަށް ފޮރުވިގެން އޮތް ދައުލަތެއް ނޫނެވެ. މިހެންކަމުން ދުނިޔޭގެ އެގޮތް މިގޮތް ބަލާން ނިކުމެ އުޅުނު ކޮންމެ ބާގައެއްގެ ބަޔަކަށްވެސް ދިވެހިރާއްޖެއަކީ އައު ތަނެއްކަމުގައި ވެފައެއް ނެތެވެ. މިކަންކަން މިހެންވުމަށް މަގުފަހިކުރުވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއްގެ މެދުގައި ދިވެހީންގެ ދައުލަތް އެކުލެވިފައި އޮތް އޮތުމެވެ. މި މައި މަގުގައި ވިޔަފާރި އާއިގެން އެކި ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ ނައުފަހަރުތައް، މިރާއްޖޭގެ ކަނޑުއޮޅިތައް ހުރަސްކުރަން ޖެހުމެވެ. މިހެންކަމުން އެފަދަ ގިނަ ނައުފަހަރުތައް ރާއްޖޭގެ އެކި ބަނދަރުތަކުގައި މަޑުކޮށްލާ ހަދަ އެވެ. އޭގެން އެކި ނަސްލުތަކުގެ ސައުދާގަރުން ދިވެހި ރަށްރަށަށް ފައިބާ، ވިޔަފާރިކޮށް ވެސް އުޅެ އެވެ. ވަކީން ހާއްސަ ގޮތެއްގައި ރާއްޖޭގެ އުތުރުގެ އަތޮޅުތައް ފާހަގަ ކުރެވިފައިވަނީ މިފަދައިން ވިޔަފާރިކަމު ދުއްވި ގިނަ ނައުފަހަރުތަކެއް މަޑުކުރަމުން ދިޔަ ބަނދަރުތަކެއްގެ ގޮތުގަ އެވެ. ތިލަދުންމައްޗާއި މިލަދުންމަޑުލެވެ. މާޅޮސް މަޑުލާއި ފާދިއްޕޮޅެވެ. ހަމައެހެންމެ ދިވެހީންގެ ވެރިރަށުގެ ބަނދަރެވެ. މި އެންމެހައި އަތޮޅުތަކުން ގިނަ އަދަދަކަށް ނެގިފައިވާ އަދި ނެގެމުން އެހެރަދާ ސީނުތައްޓާއި، ގުޅިގުޅި އާއި ޖާޑިތަކަކީ މިބަހުގެ މައްޗަށް ހުރި އަލިގަދަ ދަލީލުތަކެވެ.

މާޅޮސް މަޑުލު ރަސްގެތީމުން އެކި އިރު ނެގިފައިވާ މުށި ކަންވާރާއި ސީނުތަށިތައްޓާއި ބޮލި. މިތަކެތި މިހާރު ހުރީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުގައެވެ. --ފޮޓޯ: ޢަލާ


މާޅޮސް މަޑުލަކީ އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ގަދީމީ އަތޮޅެކެވެ. އިސްވެ ދެންނެވުނު ދުނިޔޭގެ "އިންޓަރނޭޝަނަލް ޓްރޭޑު"ގެ ތެރޭގައި ބޭނުން ކުރެވެމުން ދިޔަ މަޝްހޫރު މުސްކުޅި ބަނދަރެކެވެ. އިދާރީ ގޮތުން ހިންގުމުގެ ފަސޭހަޔަކަށް މިހާރު ދެބުރިޔަށް ބަހާފައި އޮތް މި ބޮޑު އަތޮޅުގެ އެކި ދިމަދިމާއިން ފެންނަ ނަގިލިތަކާއި އުރިފައި ހުރި ބޯޓުފަހަރުގެ ބައިތަކަކީ މިކަމުގެ އަސަރުތަކެވެ. އަތޮޅުގެ ކޮންމެ ރަށަކުންހެން (މިހާރު ފަޅުވެފައި ހުރި ރަށްރަށުން ވެސް) ފެންނަ ތަށިމުށީގެ ބާވަތްތަކަކީވެސް އެ މުސްކުޅި ޒަމާނުގެ ވިޔަފާރީގެ ހަނދާންތަކެވެ. އެވޭލާ ދުނިޔޭގެ ވިޔަފާރީގެ އަސަރުތަކެވެ.

ދުނިޔޭގެ ވިޔަފާރީގެ ތެރޭގައި ޝާމިލުވެ އުޅުނު ގިނަ ފަރާތްތަކުން މިރާއްޖޭގެ ހަބަރުތައް ލިޔެފައިވެ އެވެ. މިގޮތުން ދަތުރުތަކުގެ ތާރީހާއި ގުޅޭ ގޮތުން ފަރަންސޭސި ސައްޔާހެއްކަމުގައިވާ ޖޯން ގްރީން ރާއްޖެ އާއި ބެހޭ ގޮތުން ލިޔުއްވާފައިވާ ބަޔާނެއްގައިވެ އެވެ.

ހުރިހާ އަތޮޅެއްވެސް ވަކިވެފައި ވަނީ ކަނޑުއޮޅިތަކަކުންނެވެ. އެހެން ނަމަވެސް ކަނޑުދުއްވާން ނިކުންނަ އޮޑިފަހަރު ދިވެހިރާއްޖެ ހުރަސްކުރާއިރުގައި ބޭނުން ކުރަނީ މީގެން އެންމެ ހަތަރު ކަނޑުއޮޅިއެވެ. (މިގޮތުން އޮޑިފަހަރު ބޭނުންކުރާ ކަނޑުއޮޅިތަކުގެ ތެރެއިން) ފުރަތަމަ ކަނޑުއޮޅި ވަނީ މާޅޮސް މަޑުލުގަ އެވެ"

މިފަދައިން އިންޑިއާ ކަނޑުގެ ވިޔަފާރީގެ ތެރެއިން ބޭރު ބޯޓުފަހަރު ރާއްޖެ ހުރަސްކުރާ ކަނޑުއޮޅިތަކާއި ގުޅޭ ގޮތުން އަލިއަޅުވާލެއްވި ގިނަ ލިޔުންތެރިން މާޅޮސް މަޑުލު ފާހަގަކުރައްވާފައިވެއެވެ. މި އަތޮޅަކީ ގަދީމީ ބޮޑު ބަނދަރެއްކަން ހާމަކޮށްދެނީ ހަމައެކަނި މިފަދަ ބޭރު ލިޔުންތަކަކުން ނޫނެވެ. ދިވެހި ތާރީހުވެސް އިޝާރާތް ކުރަމުން އައިސްފައިވަނީ ހަމަ މިކަމުގެ މައްޗަށެވެ.

ރާއްޖެ އިސްލާމުކުރެއްވި ބޭކަލަކާއި ގުޅޭ ގޮތުން ކިޔަމުން އަންނަ ވާހަކައިގައި ބުނަނީ އެބޭކަލަކު އެންމެ ފުރަތަމަ ދުރުވެންނެވީ މާޅޮސް މަޑުލު ކިނޮޅަހަށްކަމުގައެވެ. ދެން އެރަށު އޮޑިޔަކުން ހަމަ އެއަތޮޅުގެ ކެންދޫއަށް ދުރުވީ އެވެ. ކެންދޫގައި އެހުންނަ "ތަބްރޭޒުގެފާނު މަގާމު" ފުޅު ނިސްބަތްވަނީ އެކަލޭގެފާނަކަށެވެ. ރާއްޖޭގެ ރަދުން އިސްލާމުދީން ގަބޫލުފުޅު ކުރެއްވީ ނަބީ ކަލޭގެފާނުގެ ހިޖުރައިން 548 ވަނަ އަހަރުކަމުގައި ބުނެ އެވެ. މި ދުވަސްވަރުގެ ތާރީހަށް ބަލާއިރުގައި އެއީ އިންޑިއާ ކަނޑުގެ ވިޔަފާރީގައި އަރަބީން އެންމެ ނަގާކިޔަމުން ދިޔަ ދުވަސްވަރެވެ. އަދި އޭގެ ތެރެއިން އިންޑިއާގެ މަލާބާރާއި ސިލޯނު ފަދަ ތަންތަނަށް އިސްލާމުދީން ފެތުރެމުންދިޔަ ދުވަސްވަރުވެސްމެ އެވެ. އެ ވިޔަފާރީގައި ދުއްވަމުން ދިޔަ ކިތަންމެ ނައުފަހަރެއް މިރާއްޖޭގެ ބަނދަރުތަކުގައި މަޑުކުރަމުންވެސް ދާނެ އެވެ. މިހެންކަމުން ވާހަކައިގައި ބުނާ ފަދައިން އެބޭކަލަކު ރާއްޖެ ދުރުވެ ފުރަތަމަ މާޅޮސް މަޑުލަށް ފައިބާފައިވަނީ އޭގެ ވިޔަފާރި ނަވަކުން ކަމުގައި ވުމަކީ ހަމަ ވެދާނެ ގޮތެކެވެ. ފޭބެންނެވީ ކިނޮޅަހަށެވެ. މިރަށަކީ އިހުގައި އެފަދަ ނައުފަހަރުތަކުން އައިސް އެތައް ނަސްލެއްގެ ބަޔަކު ފައިބާ އުޅުނު ރަށެކެވެ.

އާދެ! އިބްނި ބަތޫތާ ރާއްޖެ ދުރުވި ގޮތާއި ބެހޭ ގޮތުން އޭނާ ދެއްވާފައިވާ ބަޔާނަށް ބައްލަވާށެވެ.

"އަހަރެން އެރާއްޖެއަށް އައިސް ކިނޮޅަސް ކިޔާ ރަށަށް ފައިބައިފީމެވެ. އެއީ ގިނަ މިސްކިތް ހުރި ރީތި ރަށެކެވެ. އަހުރެން ފޭބީ އެރަށު ރަނގަޅު މީހުންކުރެ މީހެއްގެ ގެޔަށެވެ. އަލްފަގީހު އަލީ ކިޔާ މީހަކު އެރަށުން އަހަންނަށް މެހެމާނުދާރީ އަދާކުރި އެވެ. އޭނާއަކީ އުނގެނޭ ދަރީންތިބި މާތް މީހެކެވެ. ޟިޣާރުލް ޙަމޫޟް އޭ ކިޔާ ރަށުގެ މުހައްމަދެވެ ކިޔާ މީހަކު އެރަށުން އަހަންނާ ބައްދަލު ކުރިއެވެ......."

އަދިވެސް ލިޔުއްވާފައިވެ އެވެ.

އަހަރެން އެ ރާއްޖެއަށް ދިޔައީ ހިންނަވަރު އުމަރު ނަހުދާގެ އޮޑިޔެއްގަ އެވެ. އޭނާއަކީ ދީލަތި ހައްޖުވެރިއެކެވެ. އަހަރެން ކިނޮޅަހަށް ދިޔަ އޮޑި އެރަށުގައި ދިހަ ދުވަހު އޮތުމަށްފަހު ރަނިކަމަނާ އަށާއި އެކަމަނާގެ ފިރިކަލުންނަށް ވެދުން ހިފައިގެން މާލެ ދިޔުމަށް މަސްއޮޑިޔެއް ހިފައިގެން ފުރާން އުޅުމުން......"

އިންޑިއާގެ ކާލީކޯޓުން އިބްނި ބަތޫތާ ފުރުއްވީ ފާދިއްޕޮޅު ހިންނަވަރު އުމަރު ނަހުދާގެ އޮޑިޔަކުންނެވެ. ދަތުރަށް ފެށިތާ ދިހަ ދުވަހުން އައިސް ފޭބި ބަނދަރަކީ މާޅޮސް މަޑުލެވެ. އެ އަތޮޅުމެ ކިނޮޅަހު ބަނދަރަށެވެ. ކިނޮޅަހުން އޭނާއަށް ޔަމަނުކަރައިގެ ޟިޣާރުލް ޙަމޫޟް އޭ ކިޔުނު ރަށުގެ މީހަކާ ވެސް ބައްދަލުވި ކަމަށް އެބަ ބުނުއްވަ އެވެ. ރާއްޖެ އިސްލާމު ކުރެއްވި ބޭކަލަކު ވެސް ފޭބެންނެވި ކަމަށް ބުނަނީ މާޅޮސް މަޑުލަށެވެ. ހަމަ ކިނޮޅަހަށެވެ. ބަތޫތާ ރާއްޖެ ދުރުވި ޒަމާނުގައި ވެސް އިންޑިއާ ކަނޑުގައި ނަގާކިޔާ ސައުދާގަރުންނަކީ ޢަރަބީންނެވެ. މި ބަޔާނާތުތަކުން އެނގި ކަށަވަރުވަނީ ރާއްޖެ އިސްލާމު ކުރެއްވި ބޭކަލަކަށްވެސް މާޅޮސް މަޑުލަށް ދުރުވެވިފައި އެވަނީ އެއީ ވިޔަފާރި ބަނދަރަކަށްވީމަ އެވެ. އިންޑިއާ ކަނޑު ދުއްވާން ނިކުމެ އުޅުނު ގިނަ އޮޑިފަހަރު ރާއްޖެ ހުރަސްކުރުމުގައި ބޭނުންކުރި އެއް ބަނދަރަކީ އެއީކަމުގައިވާތީ އެވެ.

މީގެ 650 އަށްވުރެ ގިނަ އަހަރު ކުރީން އިބްނި ބަތޫތާ ދެއްވާފައިވާ މި ބަޔާނުން ކުރަހާލަދޭ ތާރީހީ މަންޒަރުތައް ގިނަގުނަ އެވެ. ބުނެ ސޫރަކޮށްދެމުން އެދަނީ ދުނިޔެ އާއި ދިވެހީންނާ އޮތް ގުޅުމެވެ. ދުނިޔޭގެ ވިޔަފާރީގެ ތެރެއިން މި ރާއްޖެ އަދާކުރަމުން ދިޔަ ދައުރެވެ. ބުނެ ދެމުން އެދަނީ ދިވެހީންގެ އިގުތިސޯދުގެ ހަބަރުތަކެވެ. ދިވެހީންގެ ތެރޭގައި "މާލިމީކަމާއި ނިޔަމިކަމުގެ" އިލްމު ކުރިއަރާދިޔަ ސަބަބެވެ. އަދި ވަކީން ހާއްސަކޮށް މާޅޮސް މަޑުލު "ބަނދަރެއްގެ" ގޮތުން އަދާކޮށްފައިވާ ދައުރެވެ.

ތާރީހުގެ އެއްބައި ހިއްސާކުރާ އަނެއް ދާއިރާއަކީ ފޯކުލޯރެވެ. މުހައްލިލުންނާއި މުއައްރިހުން ފޯކުލޯރުތައް ހޯދާ އަރުޝީފު ކުރައްވަމުން ގެންދަވަނީ ވެސް އެހެންވެ އެވެ. ދިވެހި ފޯކުލޯރުގެ ތެރެއިން ފާހަގަ ކުރެވޭ އެންމެ މުސްކުޅި ފޯކުލޯރުތަކާއި މާޅޮސް މަޑުލާ އޮތް ގުޅުން ވެސް އިންތިހާޔަށް ބޮޑެވެ. މިހެންކަމުން އަނދިރިކަމެއްގެ ތެރޭގައިވާ ބޯދާ ތާރީހުގެ ހަބަރުތައް ހޯދާން އެދޭ މީހާ، އޭނާގެ މޫނު އެންމެ ފުރަތަމަވެސް އަނބުރަން ޖެހިދާ އެއް ދިމާއަކީ މާޅޮސް މަޑުލެވެ. އެހެނީ ބޯދާ ދިވެހި ތާރީހާއި ގުޅިފައިވާ ރެދިންގެ ވާހަކަތަކާއި ކޮއިމަލާ ކަލޯގެ ވާހަކަ މި އަތޮޅާ ގުޅިފައިވާތީ އެވެ.

ކެލައައްޑޫ ދެމެދުގެ ހުރިހާ އަތޮޅެއްގެ ބަޔަކުހެން ރެދިންގެ ވާހަކަ ކިޔާ އުޅެ އެވެ. ރެދިންނާއި ގުޅޭ ގޮތުން މާގިނަ ހޯދުންތަކެއް އަދި ހޯދިފައިވާކަމަކަށް ނުދެންނެވޭނެ އެވެ. އެހެނަސް އެއީ މުސްކުޅީންގެ ދޫތަކުން ނަގުލުކޮށްދެމުން ގެނެސްދީފައިވާ ބޯދާ ތާރީހުގެ ވަރަށް މުހިންމު ސަފުހާއެއްކަމުގައި ދެކެމެވެ. ކުރިންވެސް ދެންނެވުނު ފަދައިން މި ބަޔެއްގެ ވާހަކަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކިޔާ އުޅެ އެވެ. އަދި އެ މީހުންނާއި ގުޅިފައިވާ އާސާރުތައް ވެސް އެތަންތަނުގައިވެ އެވެ. މިގޮތުން ފުވައްމުލަކު ހަވިއްތަ އަކީ ރެދިން ހެދި ތަނެއްކަމަށް އެރަށުގައި ކިޔަ އެވެ. ކޮޅުމަޑުލު ކިނބިދޫ ވޭރަކީ ރެދިންގެ މަސައްކަތެއްކަމަށް އެރަށު އިހު މީހުން ބުނެއެވެ. ލަންދޫ ހައިކަ އަކީ ރެދިން ކެއްކި "މާބަދިގެ" އޭވެސް ކިޔަ އެވެ.

ބުނެވޭ ގޮތުގައި ރެދިންނަކީ މާ ބާރުގަދަ ބިޔަ ބޮޑެތި ބައެކެވެ. އުސް ރީތި ބިނާތައް ހަދާ އުޅުނު މޮޅުބަޔެއްކަމުގައި ކިޔައެވެ. ރަށްރަށުގައި މިއަދު ފަސް އަޅާ ފޮރުވާފައި އެހުރީ އެމީހުން ހެދި ތަންތަން ކަމުގައި ނިސްބަތްކޮށް އުޅެތެވެ. ހަމަމިހެންމެ ކިޔާ އުޅޭ ގޮތުން އެއީ އިންތިހާޔަށް ބާރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބަޔެކެވެ. މާޅޮސް މަޑުލުގެ ވާހަކަ އަންނަނީ މިފަދައިން އެމީހުންގެ އަވަސް ދަތުރުގެ ވާހަކައެއްގެ ތެރެއިންނެވެ. ބުނާ ގޮތުގައި މިލަދުންމަޑުލު ލަންދޫގައި ހުންނަ "މާބަދިގޭގައި" ކައްކައިގެން، މާޅޮސް މަޑުލު ލުނބޯ ކަންދޫއަށް ލުނބޯ ބިންނަން" އެމީހުން ދާކަމުގައިވެ އެވެ. އަދި އެތަނުން ލުނބޯ ބިނދެގެން ހަމަ އެއަތޮޅުމެ ކަނޑޫކަނޑަށް ތިން މުގޯލި ކުޅެންވެސްދެއެވެ. ލަންދޫ މާބަދިގޭގައި ރޯވެފައި ހުއްޓަތީ އެމީހުން ދުށް ފަހަރު ތިބި ރަށަށް "ހުޅުދުއްފަހަރޭ" (ހުޅުދުއްފާރު) ކިޔާކަމުގައިވެސް ބުނެއެވެ. މި ވާހަކައަކީ އެހެނިހެން އަތޮޅުތަކުގެ މީހުންވެސް ކިޔާއުޅޭ ވާހަކައެކެވެ.

މާޅޮސް މަޑުލު އުނގުލުގައި ރެދިންގެ އުސްގަނޑު ކިޔާ ތަނެއް މިހާރުވެސް އެބަހުއްޓެވެ. ތާރީހީ ގޮތުން މާބޮޑު ސަމާލުކަމެއް މިހާތަނަށް ބަޔަކު ދީފައި ނެތް މި އުސްގަނޑަކީ ބެލެވޭ ގޮތުގައި މިފަދަ އެހެނިހެން ތަންތަން ފަދައިން އިހުގެ އިސްޓޫޕާއެއް ނޫނީ ގަދީމީ ބިނާއެއް ހުރި ތަނެކެވެ. "ރާއްޖޭގައި ހުރި އާސާރީ އަދި ތާރީހީ ތަންތަން" ކިޔުނު ފޮތުގައި މި އުސްގަނޑާއި ގުޅޭ ގޮތުން ލިޔެފައިވަނީ

"އުނގުލު: މިރަށުގައިވާ އުސްގަނޑެއް ފެނިފައިވެއެވެ. މިތަނުގެ ނަމަކީ "ރެދިންގެ އުސްގަނޑު" އެވެ. މިތަނުގެ ވަށަ މިނުގައި 160 ފޫޓު އަދި އުސްމިނުގައި 8 ފޫޓު ހުރެއެވެ."

މާޅޮސް މަޑުލު އުނގުލުގައި ހުންނަ ރެދީންގެ އުސްގަނޑުން ބައެއް. --ފޮޓޯ: ޢަލާ


ރެދިންނަކީ ރާއްޖެ އިސްލާމުވުމުގެ ކުރީގެ ބަޔެކެވެ. އެމީހުންނަކީ އަޖާއިބެއްފަދަ ބަޔެއްގެ ގޮތުގައި ސިފަކުރަމުން ދާދި އިހަށް ދުވަހާއި ހަމަޔަށް ފޯކުލޯރުގައި އެވާހަކަތައް ވާރުތަކޮށްދެމުން އައިސްފައިވެ އެވެ. ތާރީހީ ގޮތުން އެ ވާހަކަތަކުގެ މައްޗަށް ގިނަ ތަހުލީލުތަކެއް ކުރެވިފައި ނެތްކަމުގައި ވިޔަސް އެނގި ޔަގީންވަނީ އެބަޔަކާއި މާޅޮސް މަޑުލާ ގުޅުންތަކެއް އޮތްކަމެވެ.

މީގެ އިތުރަށް ބޯދާ ދިވެހި ތާރީހާއި މާޅޮސް މަޑުލާ ގުޅައިދޭ އަނެއް ވާހަކައެއްގެ ގޮތުގައި ދެން ފާހަގަ ކުރެވޭ ވާހަކައަކީ މަޝްހޫރު ކޮއިމަލާކަލޯގެ ވާހަކައެވެ. ރެދިންގެ ވާހަކައެކޭ އެއްފަދައިން މި ވާހަކައަކީވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ބަޔަކުހެން އެމީހުންގެ ޅަދަރީންނަށް ކިޔައިދެމުން އައިސްފައިވާ ވާހަކައެކެވެ. އޭގައި ބުނާ ގޮތުން ކޮއިމަލާކަލޯއަކީ ސިލޯނު ނޫނީ އިންޑިއާގެ ޖަންގައްޔަށް އުފަންވި ކުއްޖެކެވެ. އޭނާ ބޮޑުވީ ގެރިއެއްގެ ބަނޑުދަށުން ކިރުބޮއެގެން އެކަނި މާއެކަންޏެވެ. މިހެން އުޅެނިކޮށް އެ ޝަހަރުގެ ރަސްގެފާނަށް އެސޮރު ފެނިގެން ގެންގޮސް މަލެއްފަދަ ކޮޔެކޭ ބުނެ ނަންދީގެން އިންސާނީ ގޮތްފޮތް ދަސްކޮށްދިނީ އެވެ. އެސޮރު ކައިވެނި ކުރީ ރަސްގެފާނުގެ ދަރިކަނބަލުންނާ އެވެ. އަދި އޭގެ ފަހަށް ހިނގި ކަންތައްގަނޑެއްގައި އޭނާ އަނބިކަނބަލުންނާއެކު އެ ޝަހަރުން ފުރާވަޑައިގަތީ އެވެ. ދެން އެ އައި ގޮތަށް އައިސް ވަދެވުނީ މާޅޮސް މަޑުލަށެވެ. އެ އަތޮޅުން އޭނާ ދެކެވަޑައިގަތް އެންމެ މަލަރީތި ރަށުގައި ބަނދަރުކުރީ އެވެ. އެރަށަށް ރަސްގެ ތީމު ކިޔުނެވެ. އަޅުވެރީން ފޭބި ރަށަށް އަޅުގެ ތީމު ކިޔުނެވެ. އަދި ވާވެރިން ފޭބި ރަށަށް ވާދޫ އޭ ކިޔުނުކަމުގައިވެ އެވެ.

ރަސްކަލުންގެ ވާހަކަ ބަޔާންކުރެވިފައިވާ މުސްކުޅި ރާދަވަޅީގައި އަންނަނިވި ފަދައިން ލިޔެފައިވެއެވެ.

"....ދިވެހިރާއްޖޭ މީހުންތިބެ ރަސްކަމްކުޅަދުވަސްއެ ކުށެ އެކަށަޅައިގަތީހުށެ ލިއުނުނަމަ ރައިވަރުވެވާހަކަ ދިގުވެދާހުށިމަށް، ތީމުގޭ ކޭމަލެއިކަލޮ ރަސްކަމަށެރީކުން މިބަށެދެން ރަސްކަމްކުޅަ ރަސްރަސްބެއިކަލުނާއި އެކަލުންނަށް ފުވެންތިހައި ނަމާއި އެކަލުން ރަސްކަންކުޅަހައި ދުވަހާއި ވަރިވަރިކޮށް ދެނެގަތުމަތު ހަނދާނަށް ސްބަސްކުލަވަތައި ލިޔާށު ޅެމާ..."

އަދިވެސް ރާދަވަޅީގައި ބުނެފައިވެއެވެ.

" އެއްކަލޭ ތީމުގޭ ކޭމަލާ ކަލޯޔަށް ސްވަސްތީ ސްރީ ތީމުގޭ ރަންފިރޭރު މިނި އަބާރުނަ މަހާރަދުނަވެން...."

އާދެ ރާދަވަޅީގައި ބުނެފައިވާ ކޮއިމަލާ ކަލޯއަށް ލޯމާފާނުތަކުގައި ބުނެފައި ވަނީ އެއީ

"ސްވަސްތީ ސްރީ ސޯމަވަންސަ އާދިޕަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ މާރަސުން" ކަމުގައެވެ.

އިސްވެ ދެންނެވުނު ތާރީހީ ލިޔުންތަކުގައި އެވަނީ ފޯކުލޯރު ވާހަކައިގައި ބުނާ ކޮއިމަލާ ކަލޯގެ ވާހަކައެވެ. "ތީމުގެ" އަކީ ރަސްގެތީމަށް ކޮށްފައިވާ ނިސްބަތެއް ކަމުގައި މުއައްރިހުން ލިޔުއްވަ އެވެ. ލޯމާފާނުގައި ބުނެފައި އެވަނީ ތީމުގޭ މަހާ ބަރަނަ (ކޮއިމަލާކަލޯ) އަކީ "މާތްވެގެންވާ ހަނދުވަންހައިގެ ރަސްގެފާނު" ކަމުގަ އެވެ.

ސޯމަވަންސަ (ހަނދުވަންހަ) އަކީ އިންޑިއާ، ސިލޯނު، އިންޑޮނީޝިޔާ، ކެމްބޯޑިޔާ އަދި މެލޭޝިޔާ ފަދަ އެތައް ގައުމެއްގެ އެވޭލާ ޝާހީ އާއިލާތައް ފެށިފައިވާ މުސްކުޅި ވަންހައެވެ. އެއީ މި ސަރަޙައްދުގެ އެންމެ ގަދީމީ ތާރީޚާއި ގުޅިފައިވާ ވަންހައެކެވެ. މި ސަރަޙައްދާއި ގުޅިފައިވާ މުސްކުޅި ވަންހައެއް ރާއްޖޭގައި ފެށިގެން އައިސްފައި އެވަނީ މާޅޮސް މަޑުލުންނެވެ. މި ސަރަޙައްދުގެ ގައުމުތަކާއި ރާއްޖެ އާއި ދެމެދު އޮތް ގަދީމީ ދަތުރު ފަތުރުގެ މައްޗަށް މިކަމުންވެސް ކުޑަ އިޝާރާތެއް ނަމަވިޔަސް ނުކުރޭބާ އެވެ؟ ކޮއިމަލާއަކީ މީގެ 900 އަހަރު ކުރީން އުޅުއްވި ބޭފުޅެކެވެ. އެއީ ބޭރުން ވަޑައިގެން ރަސްގެތީމަށް ފައިބާ ވަޑައިގެންނެވި ބޭފުޅެއްކަމަށް ބުނަމުން އައި އައުމާއި މާޅޮސް މަޑުލަކީ މުސްކުޅި ވިޔަފާރި ބަނދަރެއްކަމާއި ގުޅާލެވެއެވެ.

އެވޭލާ ޒަމާނުގައި މާޅޮސް މަޑުލު ރަސްގެތީމުގައި ބަޑިހަރު ގެއެއް ހުރިކަމަށް ބުނެވެ އެވެ. މިހާރުވެސް ބަޑިހަރުގެ ނެގިތަނުގެ ފަސްގަނޑު އެބައޮތެވެ. ރަސްގެތީމުގައި ބަޑިހަރުގެޔެއް އަޅާފައި ހުރުމަކީ ދައުލަތެއްގެ ދިފާއީ ވިސްނުމުން ވިސްނާއިރުގައި، ކޮށްފައި ހުރެދާނެކަމެކެވެ. އެހެނީ އެ އަތޮޅަކީ ބޭރުން އަންނަ ނައުފަހަރު ވަންނަ މައި ދޮރޯއްޓެއްކަމުގައި ވާތީ އެވެ. ހަނގުރާމައަށް ރާއްޖެ އަންނަ ބަޔަކުވެސް އެދޮރޯށިން ވަދެ ނިކުމެވާނެތީ އެވެ. މިހެންކަމުން މުސްކުޅި ޒަމާނުގައި ދިވެހި ލަޝްކަރުގެ ބަޔަކު އަބަދުވެސް އެތަނުގައި ފޯރިޔަށް ތިބުމަކީ އެކަށޭނަކަމެކެވެ. ކޮއިމަލާއިންނޭ ކިޔެނީވެސް ލަޝްކަރުތަކުގެ ކޮމާންޑަރުންނަށެވެ. ރަސްގެތީމުގައި އޭގެ ކޮމާންޑަރަކު ހުރެފައި އެވަނީ ދައުލަތުގެ ދިފާޢީ ނިޒާމުގެ ތެރެއިންނެވެ.

މިކަމަށް ބާރުދޭ އަނެއް ވާހަކައަކީ ރެހެންދި ހަދީޖާގެ ބައްޕާފުޅު ވީރު އުމަރު ރަސްގެފާނުން އަވަހާރަވީ ވާހަކަ އެވެ. ބުނެވޭ ގޮތުގައި އެރަދުން އެކި މޫސުން ތަކުގައި ހުންނަވަނީ ދުޝްމިނުންގެ ކިބައިން އަތުވެދާނެ ހަމަލާއަކަށް ފާރަލެއްވުމަށް ދަތުރު ކުރަ އްވަ ކުރައްވަ އެވެ. އިރުވައި މޫސުމުގައި ކެލަޔާ ދައްޕަރު މަތީގައި ދެއަތަށް ދޭތި އަޅާން ހުންނަވަ އެވެ. ހުޅަނގު ތެރޭގައި ރާއްޖެތެރޭގެ ރަށްރަށަށް އަރުއްވާ ރައްޔިތުންގެ ހާލު ބައްލަވާ އުޅުއްވަ އެވެ. މިފަދައިން އުޅުއްވަނިކޮށް އަވަހާރަވީ މާޅޮސް މަޑުލުގަ އެވެ. ފަސްދާނުގައި ވެޑުވުނީ މާޅޮސް މަޑުލު ބޮޑުފުށީގަ އެވެ. މިރަސްގެފާނުގެ ޒިޔާރަތް ދާދި އިހަށް ދުވަހާއި ހަމަޔަށް އެރަށުގައި ރީތިކޮށް ފެންނާން ހުއްޓެވެ.

ރާއްޖޭގެ އެންމެ މުސްކުޅި ފޯކުލޯރުތައް މާޅޮސް މަޑުލާއި ގުޅިފައި އެބަވެ އެވެ. ރެދިންނާއި ކޮއިމަލާގެ ވާހަކަ އެވެ. ވީރު އުމަރު ރަސްގެފާނުގެ ވާހަކަ އެވެ. އެވޭލާ ޒަމާނުގައި ރާއްޖޭގައި ވެރިކަން ކުރި މުސްކުޅި ސޯމަވަންސަ ދަރިކޮޅު ނިސްބަތްވަނީވެސް ހަމަ މި އަތޮޅަށެވެ. އިސްލާމި ކުރެއްވި ބޭކަލަކާއި އިބްނި ބަތޫތާ ވެސް ރާއްޖެ ދުރުވެ ފުރަތަމަ ފޭބެންނެވީ މާޅޮސް މަޑުލަށެވެ. ޕިރާޑުގެ ނައު އުރުނީ މި އަތޮޅަށެވެ. ބޭރު އޮޑި ފަހަރު ރާއްޖެ ވަންނަ މައި ހަތަރު ދޮރޯށިން ކުރެ އެއް ދޮރޯއްޓަކީ މާޅޮސް މަޑުލުގެ ކަނޑުއޮޅި އެވެ. މި އަތޮޅާއި ގުޅޭ ގޮތުން އިތުރު ދިރާސާތަކާއި ހޯދުންތައް ހޯދިއްޖެނަމަ މާޒީގެ ކިތަންމެ އައު ޚަބަރުތަކެއް ލިބިގެންދާނެއެވެ. ޝައްކެއްވެސް ނެތެވެ. މިއީ ދުނިޔޭގެ އިހު ވިޔަފާރި ހިންގައިދިން މުސްކުޅި ބަނދަރެކެވެ. ބޯދާ ދިވެހި ތާރީޚާއި ގުޅިފައި މުސްކުޅި އަތޮޅެކެވެ.