ހުލާސާކޮށް އިއްޔެ: ގަރާރެއް ނެރުއްވުމަށް ފަހު "އިންޑިއާ އައުޓް" ހުއްޓާލަން ރައީސް އެންގެވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާ އިއްޔެ ފުލުހުން ނެގުން. މިއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކެމްޕޭނެއްގެ ގޮތުގައި ވަނީ ލޭބަލްކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާ އިއްޔެ ފުލުހުން ނެގުން. މިއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކެމްޕޭނެއްގެ ގޮތުގައި ވަނީ ލޭބަލްކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ" އައުޓް" ހަރަކާތް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ އިއްޔެ އެވެ.

ރައީސް އިއްޔެ ނެރުއްވި އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އަދި އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކޮށްފައިވެ އެވެ.

އަދި ނަސްލީ ތަފާތުކުރުންތައް ހުއްޓުވަން އެކި އެކި މުއާހަދާތަކާއި އދ. ގެ އެކި އެކި ގަރާރުތަކުގައި އެފަދަ އަމަލުތައް މަނާކުރާ ކަމެއްކަމުގައި އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި އިތުރަށް ބުނީ ދިވެހި ދައުލަތަށް ފުދުންތެރިކަމާއި ފާގަތިކަމުން ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ރައްޔިތުންނަށް ލިބޭ އަނިޔާއެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތަކީ ސަރުކާރުން އެކަމެއް ހުއްޓުވަން ޖެހޭ ކަމެއް ކަމުގައި ވެސް އިއްޔެގެ ގަރާރުގައި ބުންޏެވެ.

ހަމައެއާއެކު އެގަރާރުގައި ވަނީ "އިންޑިއާ އައުޓް" ހަރަކާތުން ދިވެހިންނަށާއި ދިވެހި ދައުލަތަށާއި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެކަމަށް ގަބޫލުކުރެވޭކަމަށް ބުނެފަ އެވެ. އަދި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދަމަހައްޓައި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ދަތިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތުން ކުރިމަތިވާ ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ އެކި ގޮތްގޮތުން ދިވެހިން ތަހައްމަލުކުރަންޖެހޭ ބުރަ މިން ނުކުރެވޭނެ ކަމަށް އެ ގަރާރުގައި ރައީސް އިއްޔެ ފާހަގަކުރެއްވި އެވެ.

އެ ގަރާރުގައި ދެން ފާހަގަކުރީ އެފަދަ ހަރަކާތްތަކުން ބައިނަލްއަގްވާމީ މައުދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ.

އަދި، ހަމަ އެއާއެކު ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމު އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެފަދަ ހަރަކާތްތަކުން އަސަރުކުރުވާނޭ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާ އާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި އެ ގަރާރުގައި ސިފަކުރާއިރު، އޭގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަމާއި ސުލްހަ ގެއްލުވާލައި، ދާހިލީ ހަމަނުޖެހުން އުފެއްދުމަށް ވެސް މަގުފަހިކޮށްދޭ ކަމަށް އެ ގަރާރުގައި ބުނެ އެވެ.

އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމުގައި ވެސް ފާހަގަކުރެ އެވެ. އަދި އެއީ ސަރަހައްދީ އަމަންއަމާންކަމާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މުހިންމު މަސައްކަތްތަކަށް ވެސް ހުރަސްއަޅަން ކުރިޔަށްގެންދާ ހަރަކާތެއްކަމުގައި ވެސް ވަނީ ސިފަކޮށްފަ އެވެ.

އިންޑިއާއާ މެދު ނަފުރަތު އުފައްދަން ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ހިނދު އެފަދަ ހަރަކާތްތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒު ކުރަން ރައީސް ވަނީ އިއްޔެ ނެރުއްވި ގަރާރުގައި އަންގަވައިފަ އެވެ.

ދޫވެހީގައި ދަމާފައި ހުރި ބެނާ ނެގުން

އިއްޔެ ފުލުހުން ވަނީ ރައީސްގެ މި ގަރާރާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމު ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ އެގެޔަށް ވަދެ ނަގާފަ އެވެ.

"ކޯޓު އަމުރަކާ އެކު ވަނީ. އެކަމަކު އެ އަމުރުގައި އޮންނަނީ ބަލާފާސްކުރުމަށް. އެއްޗެއް ގެންދިޔުމަށް ނެގުމަކަށް ނޫން. އަޅުގަނޑުމެންގެ ވަކީލު ވެސް އެބަ ހުންނެވި އެތަނުގައި،" އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ދެމިތާ އަދި ދެ ދުވަސްވީއިރު، ރައީސް ގަރާރު ނެރުއްވުމުގެ އެއް ދުވަސް ކުރިން ފުލުހުން އޮތީ އެއީ ވަކި ގައުމަކާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލެއްކަމަށް ބުނެ އެ ބެނާތައް ނެގުމަށް އަންގައިފަ އެވެ.

ޔާމީންގެ ގެކޮޅުގެ އިތުރުން ވެރިރަށް މާލޭގެ އެހެން ބައެއް ގެތަކުގައި ވެސް ވަނީ އެފަދަ ބެނާތަކެއް ދަމައިފަ އެވެ. އެ ބެނާތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ގަރާރު ބާތިލުކުރަން އިދިކޮޅުން ކޯޓަށް

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ނެރުއްވި ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އެ ގަރާރު ބާތިލުކުރުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އިއްޔެ އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސްގެ އެ ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އަދި އެއީ ރައްޔިތުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް ކަމަށެވެ. އަދި، އެ ގަރާރު ބާތިލުކުރަން ކޯޓަށް ދާން އިދިކޮޅުން ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަބްދުއްރަހީމް އިއްޔެ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ގަރާރަކުން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އިތުރު ތަންތަނުން ވެސް ބެނާތައް ކުރިޔަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް އަބްދުއްރަހީމް އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނޭނގެ އަޅުގަނޑުމެން މިތިބީ ކިހާހިސާބެއްގަ ކަމެއް. އަޅުގަނޑުމެންގެ މައްޗަށް ބާރު ހިންގަނީ ކޮން ބައެއް ކަމެއް. ބައްލަވާ އިންޑިއާ ބެނާއެއް ދަމާލީމަ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ދެފައި ތުރުތުރު އަޅައިގެނެގެން ނުހުރެވިގެން ގޮސް ގަރާރު ނެރޭ ހިސާބަށް ދިޔައިމަ މިއީ ތަންކޮޅެއް ބޮޑުވަރު،" އަބްދުއްރަހީމް އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ފުލުހުން ވެސް އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި، އިސްލާމްދިނާ ހިލާފް ނުވާހިނދެއްގައި އަމިއްލަ ގެޔެއްގައި ކޮންމެ ފަދަ ޝިއާރެއް ވެސް ފާޅުކޮށް އާންމުންނަށް ފެންނަހެން ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަންކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތު ވެއްޖެ ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލް ހައި ކޯޓަށް ހުށަހެޅިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކޮވިޑް-19 ޕެންޑަމިކާ ގުޅިގެން އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރަން ދިން ލުއިތައް އެ ކުންފުނިން މިއަދު އުވާލީ އިއްޔެ އެވެ.
  • އައްޑު ސިޓީގައި އުމުރުން ހަ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އުމުރުން 59 އަހަރުގެ ސ. ހިތަދޫއަށް ނިސްބަތްވާ އަންހެން މީހާ ބަންދުން ދޫކޮށްލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާ ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "އަދަދަ"ށް އިއްޔެ ވިދާޅުވީ:

"ސަރުކާރަށް އެއީ ހަމަ ކްރެޑިބަލް މައުލޫމާތު. ކަމާ ގުޅުންހުރި ފަރާތްތަކުން ލިބެމުން އައި މައުލޫމާތުތަކާއި ބްރީފިންތަކަށް ބޭސްކޮށްފަ [ގަރާރު ނެރުއްވީ]،"

ދުވަހުގެ ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހަކު ހަރަކާތްތެރިވަނީ. އިއްޔެ ގަރާރެއް ނެރުއްވައި ރައީސް ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް އިދާރާތަކަށް އަންގަވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހަކު ހަރަކާތްތެރިވަނީ. އިއްޔެ ގަރާރެއް ނެރުއްވައި ރައީސް ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް އިދާރާތަކަށް އަންގަވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހަކު ހަރަކާތްތެރިވަނީ. އިއްޔެ ގަރާރެއް ނެރުއްވައި ރައީސް ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް އިދާރާތަކަށް އަންގަވާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އޮވާވިއު އޮފް ދަ އެންވަޔަރަމަންޓް ފޯ ދަ މީޑިއާ"

މިއީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތު ދެނެގަތުމަށް 2021 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓިސް (އައިއެފްޖޭ) އިން ނެރެފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ ރާއްޖޭގައި ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ކުރުމަށް އޮތް ހުރަސްތަކުގެ މައުލޫމާތުތައް ވެސް ހިމަނާފަ އެވެ. އަދި، އެކަންކަން ރަނގަޅުކޮށް ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އަމާޒުގައި ސިޔަސާތުތައް ތަންފީޒުކުރުމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox