Advertisement

އަންހެނުން ހިތާނަކުރުމާމެދު މުއައްސަސާތަކުން ދެކޭ ގޮތް މަޖިލީހުން ހޯދަނީ

29 ޖޫން 2021 - 21:27 0

ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އަންހެނުން ހިތާނު ކުރުމާމެދު ދެކޭ ގޮތް މަޖިލީހުން ހޯދަން ވަނީ ނިންމާފަ


އަންހެނުން ހިތާނަކުރުމާމެދު މުއައްސަސާތަކުން ދެކޭ ގޮތް މަޖިލީހުން ހޯދަނީ

29 ޖޫން 2021 - 21:27 0

އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)، އިސްލާމް ދީނުގައި އޮންނަ ކަމަށް ބުނެ ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވަމުންދާތީ އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީ އާއި ބައެއް އެހެން މުއައްސަސާތަކުން ދެކޭ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމަށް ޑރ. އިޔާޒް ވިދާޅުވަމުންދާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމެޓީގެ ފަރާތުން މިއަދު ބަލަން ފެށި މައްސަލައިގައި މީކާއިލް ވިދާޅުވެފައި ވަނީ އަންހެނުން ހިތާނަކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ޑރ. އިޔާޒް ހިތްވަރު ދެއްވަމުން ގެންދަވާ ކަމަށެވެ.

އެ މައްސަލައިގައި ބަހުސަށް ހުޅުވާލުމުން ކޮމެޓީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވީ އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތް ހޯދައި އަންހެނުން ހިތާނަކުރުމާމެދު މިހާރު ކުރެވެމުންދާ ބަހުސް ކޮޅެއްގައި ޖެއްސެވުމަށެވެ.

ރޮޒެއިނާގެ ހުށަހެޅުމަށް ތާއީދުކޮށް އެކި މެމްބަރުން އެ ހުށަހެޅުމަށް އެކި ކަންކަން އިތުރު ކުރެއްވި އެވެ.

އެގޮތުން، އެ މައްސަލައިގައި ފިގްހު އެކަޑަމީ އާއި ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދުމަށް ވެސް ނިންމި އެވެ. އަދި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ކުރާ އަނިޔާ ގާނޫނުގެ ތެރެއިން މަނާ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައި ވާތީ އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބަލަން ވެސް ކޮމެޓީން ފާސް ކުރި އެވެ.

އޭގެ އިތުރުން ޑރ. އިޔާޒްގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި އޭނާ ވަޒީފާ އަދާ ކުރައްވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ބަލަމުންދާތީ އެކަން ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ނިންމި އެވެ.