Advertisement

އައިލެންޑް އޭވިއޭޝަންގެ ފްލައިން ސްކޫލަށް ޔޫރަޕާއި، އެމެރިކާއިން ވެސް ޝައުގުވެރިކަން

16 ޖޫން 2021 - 15:52 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ ގައުމީ އެއާލައިންގެ ފްލައިޓް ކްރޫއެއް: އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ގާއިމުކުރަން ވަނީ ނިންމާފަ. -ފޮޓޯ: މޯލްޑިވިއަން


އައިލެންޑް އޭވިއޭޝަންގެ ފްލައިން ސްކޫލަށް ޔޫރަޕާއި، އެމެރިކާއިން ވެސް ޝައުގުވެރިކަން

16 ޖޫން 2021 - 15:52 0

ރާއްޖޭގައި ފްލައިން ސްކޫލެއް ގާއިމުކުރަން އައިލެންޑް އޭވިއޭޝަނުން އިސްނަގައި، އެތަން ހިންގާނެ ބަޔަކު ހޯދަން ހުޅުވާލުމުން 13 ފަރާތަކުން ކުރިމަތިލައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އައްޑޫގައި ހިންގާ ފްލައިން ސްކޫލްގައި ކޯސް ނުނިންމި ގިނަ ދަރިވަރުންތަކެއް ތާށިވެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް، ފްލައިން ސްކޫލެއް ގާއިމުކުރަން ނިންމައި، އައިލެންޑް އޭވިއޭޝަނުން ހުޅުވާލީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހެވެ.

ސަބްސިޑިއަރީ ކުންފުންޏެއްގެ ދަށުން ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއްގައި ފްލައިޓް ޓްރެއިނިން ސްކޫލެއް ގާއިމުކޮށް ހިންގަން ހުޅުވާލި އިއުލާނު މިމަހުގެ 10 ވަނަ ދުވަހު ހަމަވެފައިވާއިރު، 13 ފަރާތެއްގެ ހުށަހެޅުން ލިބިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް "އަދަދު" އަށް ވިދާޅުވީ ހުށަހެޅުން ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާ، ޔޫރަޕު އަދި މެލޭޝިއާގެ ސްކޫލްތައް ހިމެނޭ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ އެ ޕްރޮޕޯސަލްތައް ދިރާސާކުރަމުން،" މޫސަ ވިދާޅުވި އެވެ.

އެ ސްކޫލް ހިންގުމާ ހަވާލުވާ ފަރާތަކުން އެއާކްރާފްޓް ހޭންގަރަކާއި، ޓްރެއިނިން ބިލްޑިންއެއްގެ އިތުރުން، ދެ މަލްޓި އެންޖިން އަދި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަންޖެހޭނެކަމަށް އެ އިއުލާނުގައިވެ އެވެ.

އައިލެންޑް އޭވިއޭޝަނުން ހޯދަނީ ފްލައިން ސްކޫލެއް ހިންގުމަށް ކަމާގުޅޭ ހުއްދަތައް ލިބިފައިވާ އަދި އެފަދަ ޓްރޭނިންތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

އޭގެ އިތުރުން، އަމިއްލަ ގައުމު ފިޔަވައި، އެހެން ގައުމެއްގައި މަދުވެގެން ދެ ފްލައިން ސްކޫލް ގާއިމުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޝޯޓްލިސްޓު ކުރުމުގައި އެ މަޝްރޫއުއަށް އަމިއްލަ ފައިނޭންސް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ފްލައިން ސްކޫލެއް ގާއިމުކުރަން އައިލެންޑް އޭވިއޭޝަނުން އިސް ނަގާފައިމިވަނީ، އައްޑޫ ފްލައިން ސްކޫލްގެ 178 ދަރިވަރުން މާޔޫސްވެފައި ތިބި ދަނޑިވަޅެއްގަ އެވެ.

ގާތްގަނޑަކަށް 45،000 އެމެރިކާ ޑޮލަރު ދައްކައިގެން 18 މަސް ދުވަހުން ކޯސް ނިންމަން އެ ސްކޫލާ ގުޅުނު ދަރިވަރުން އެބަތިއްބެވެ.

ނަމަވެސް، އެ ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާތުތަކާއެކު ކޯސް ނުނިންމި ހަތަރު އަހަރެއްހާ ދުވަސް ވެފައިވާ ދަރިވަރުން ތިބިއިރު، ބޮޑެތި ލޯނުތައް ނަގައިގެން އެހެން ރަށްރަށުން ފޭދޫއަށް އައިސް ހުރުމާއި ކެއުމަށް އިތުރު ހަރަދު ކުރަންޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ.

އަދި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ސްކޫލުގައި ގެންގުޅޭ 14 ބޯޓު ވެސް މިހާރު ހަލާކުވެފައިވާއިރު، އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއާއެކު، ފްލައިން އަވާސް ހަމަކޮށް، ކޯސް ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގޭކަމަށް އެ ކުދިން ބުނެ އެވެ.

އެ މައްސަލަ ހައްލުކޮށްދޭން ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ދަރިވަރުންނަށް ކުރިއަށްދެވޭނެ މަގެއް ހޯދައިދެވޭނެ ގޮތެއް އަދި ނުވެ އެވެ.

އައްޑޫ ފްލައިން ސްކޫލުން އޭއޭއޭ ބޭރުކޮށް، އެހެން ބަޔަކާ ހިންގުން ހަވާލުކުރަން ދަރިވަރުން ގޮވާލަމުންދާއިރު، ދަރިވަރުންގެ މަސްލަހަތު އިސްކޮށް ކަމަށް ބުނެ އެތަނުގެ ހިންގުން ރާއްޖޭގެ ސްކޫލަކާ ހަވާލުކުރަން އެ ކުންފުނިން ދަނީ މަޝްވަރާ ކުރަމުންނެވެ.