ސަރުކާރުގެ މުސާރައިގެ އޮނިގަނޑު އެއްހަމަ ކުރުމުގެ ސިޔާސަތު އާއްމުކުރަނީ

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ ކައިރީގައި ސަރުކާރުގެ މުވައްޒަފުންތަކެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ ކައިރީގައި ސަރުކާރުގެ މުވައްޒަފުންތަކެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ތެރޭގައި ހުރި އެއް މަގާމު ތަކުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމަށް އެކަމާބެހޭ ސިޔާސަތު ވަރަށް އަވަހަށް އާއްމުކުރަން ތައްޔާރުވަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވާތީ ބޭރުގެ މާލީ އިދާރާތަކުން ކަންބޮޑުވުންފާޅު ކުރާއިރު، ކޮވިޑް-19ގެ ހާލަތުގައި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވުމުން އެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ ތިން ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 11.3 ބިލިއަން ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 8.6 ބިލިއަނަކީ ދައުލަތް ހިންގުމުގެ ހަރަދެވެ.

Advertisement

ހާއްސަކޮށް ކޮވިޑާ ގުޅިގެން ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީރު ވިދާޅުވި އެވެ.

އެގޮތުން، މިދިޔަ އަހަރު ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެންދިޔައިރު، މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން 11 ބިލިއަނެއްހާ ރުފިޔާ ކުޑަކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭރު ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފަސް މަސް ދުވަހަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކޮށްފައިވާއިރު، ދާއިމީކޮށް އެފަދަ ފިޔަވަޅެއް އެޅުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ޕޭ ހާމަނައިޒް ނޫނީ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.

އެގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެއް މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަތަކުގައި މިވަގުތު ހުރި ފަރަގު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ދެ މުއައްސަސާއެއްގެ އެޑްމިނިސްޓްރޭޓިވް މަގާމުތަކުގެ މުސާރައިގައި އެބަ ހުރި އެތައް ހާސް ރުފިޔާގެ ފަރަގު. އެޑްމިނިސްޓްރޭޓިވް މަގާމުތަކުގައި ބޭސިކް ސެލެރީ ހުންނަންވާނީ އެއް ވަރެއްގައި. ދެން މަސައްކަތުގެ ބުރަމިނާއި މާހައުލުގެ ހުންނަ އުނދަގޫތަކާއެކު ކޮންމެވެސް ކަހަލަ އިތުރު އެލަވަންސެއް ދެވިދާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތަށް މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށާއި، އެއާއެކު މިހާރު މުސާރައިގެ ފަރަގުގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މުޅި ދައުލަތުގެ އެއްބާރުލުމަށް ގޮވާލުން

ކޮވިޑުގެ ހާލަތުގައި ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރި ނަމަވެސް، ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރުކުރުމާއެކު އިގުތިސޯދީ ގޮތުން ވަމުންދިޔަ ގެއްލުންތައް ފޫބެއްދުމަށް އާއްމު ފަރުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވަޒީފާ ގެއްލިގެން އާމްދަނީއަށް އަސަރުކުރި 22،000 އަށް ވުރެ ގިނަ މީހުންނަށް ޖުމްލަ 421 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާއިރު، ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި މިހާތަނަށް 950 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އަމީރު
އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: އާމްދަނީ، ހަރަދު އަދި ދަރަނި މެނޭޖުކުރަން ގެންގުޅުއްވާ ސިޔާސަތުތަކާއި ވިސްނުން ހިއްސާ ކުރެއްވި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިގުތިސޯދު ހުއްޓުނަނުދީ ހިންގުމަށްޓަކައި ސަރުކާރުން ވެދިން އެހީތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ގައުމީ އުފެއްދުންތެރިކަން އެންމެ އަވަހަށް ރަނގަޅުވާ ގައުމުތަކުގައި ވެސް ރާއްޖެ ހިމެނިގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ނަމަވެސް، ކޮވިޑުގެ ހާލަތުން އަދިވެސް އަރައިނުގަނެވޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގައި ހުރިހާ މުއައްސަސާތަކަކުން ވެސް އެކީގައި، އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިނިސްޓްރީ އޮފް ފިނޭންސް ނޫނީ ފިނޭންސް މިނިސްޓަރަށް އެކަނި ވާނެ ކަމެއް ނޫން ދައުލަތުގެ ހަރަދު ކުޑަކުރުމަކީ. އެކަން ވާނީ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާ އެކީގަ. މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެބަޖެހޭ އެއްބަސްވާން އަޅުގަނޑުމެން މިއުޅެނީ ކްރައިސިސް ހާލަތެއްގައިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އަހަރުގެ ބަޖެޓު ފާސްކުރާ ފަހުން، އާ ގާނޫނުތައް ފާސްވާއިރު، ހަރަދުތައް އަނެއްކާވެސް ބޮޑުވާ ގޮތަށް މުއައްސަސާތައް އުފެދިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށާއި، އަދި އޭގެ ސަބަބުން މާލީ ސިޔާސަތު ތަންފީޒުކުރަން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން، މުޅި ދައުލަތް އެކީގައި ރާއްޖެ މިވަގުތު އޮތް މާލީ ހާލަތު ގަބޫލުކޮށް، ގާނޫނުތައް ވުޖޫދުކުރާއިރު ވެސް އެކަމާމެދު ވިސްނުން ބެހެއްޓުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox