އުޒޯނޯ، ޗިލީ (މެއި 11) - މީގެ 100 އަހަރު ކުރިން ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ރެފިއުޖީ ބަޔަކު ޗިލީ އަށް ހިޖުރަކޮށް އެ ގައުމުގެ އުޒޯނޯ ސިޓީގައި އުފެއްދި ކްލަބް ޑިޕޯޓިވޯ ޕަލަސްޓީނޯ އިން އަނެއްކާ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހޯދީ ދާދި ފަހުން ޗިލީގެ ފުރަތަމަ ޑިވިޝަނުގެ މެޗެއްގައި ފަލަސްތީނަށް ތާއީދު އޮތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން އެ ގައުމަށް ހާއްސަ ސްކާފް "ކެފީއެ" ކަރުގައި އަޅައިގެންނެވެ.
ޑިޕޯޓިވޯ ޕަލަސްޓީނޯ ކުޅުންތެރިން ކަރުގައި ސްކާފެއް އަޅައިގެން މި ފަހަރު މި ނުކުތީ މިހާރު މި ހިނގަމުންދާ ރޯދަ މަހުގެ ފަހު 10 ގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ ގުދުސްގެ އަލް އަގްސާ މިސްކިތް ސަރަަހައްދުގައި އެތައް ބަޔަކަށް ހަަމަލާދެމުންދާތީ އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރުމުގެ ގޮތުންނެވެ.
ފަލަސްތީނުގެ ހައްގުގައި މަޝްހޫރު އެކި ފުޓްބޯޅަ ކުޅުންތެރިން ވެސް އަންނަނީ އަޑުއުފުލަމުންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ލިވަޕޫލްގެ ސަޑިއޯ މާނޭ ހިމެނެ އެވެ.
މީގެ ކުރިން ވެސް ޑިޕޯޓިވޯ ޕަލަސްޓީނޯ އިން ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ޝުއޫރު ފާޅުކޮށްފަ އެވެ. ޑިޕޯޓިވޯ ޕަލަސްޓީނޯ އިން ފަލަސްތީނުގެ ހައްގުގައި ހިންގާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، އެ ކްލަބްގެ ޖޯޒީ ފަރުމާކުރުމުގައި އަބަދުވެސް ފަަލަސްތީނުގެ ސަގާފަތް ނުވަތަ ކުލަތައް ރަމްޒުކޮށްދޭ ގޮތަށް ޑިޒައިންކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެކި ކެމްޕެއިންތައް ހިންގުން ހިމެނެ އެވެ.

ޑިޕޯޓިވޯ ފަލަސްޓީނޯގެ މެނޭޖަރު ރޮބާޓޯ ކަތުލޫން 2014 ވަނަ އަހަރުގެ އެ ޓީމުގެ ޖޯޒީ ދައްކާލަނީ.
ޑިޕޯޓިވޯ ޕަލަސްޓީނޯ އިން 2014 ވަަނަ އަހަރު އެ ޓީމުގެ ޖޯޒީގައި ފަލަސްތީނުގެ މެޕް ހިމެނޭ ގޮތަށް ޑިޒައިން ކުރުމުން ޗިލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ކްލަބް 1300 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޑިޕޯޓިވޯ ޕަލަސްޓީނޯ އިން ހިންގި އެކި ކަހަލަ ކެމްޕެއިންތަކެއްގެ ސަބަބުން ވެސް އެ ޓީމަށް ޖޫރިމަނާތަކެއް އަ އެވެ. އެ ފަަހަރު އެ ޓީމުގެ މެނޭޖަރު ރޮބާޓޯ ކަތުލޫން މީޑިއާ އަށް ބުނީ އެ ކްލަބަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެހެން ނަމަވެސް ފަލަސްތީނަށް ނިސްބަތްވާ އެ ކްލަބްގެ އަސްލު ގެއްލޭނެ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ދިދަ އާއި އެ ގައުމުގެ މީހުންގެ ހައްގުގައި ދެމިތިބޭނެ ކަމަށް އޭނާ ބުންޏެވެ.
ފަލަސްތީނުގެ އެކި އާއިލާތަކަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެ ގައުމުގައި ފުޓްބޯޅައިން ކުރިއަށްދެވޭނެ ގޮތެއް ނެތުމުން ރެފިއުޖީއެއްގެ ގޮތުގައި ޗިލީގައި ވަޒަންވެރިވެގެން އަންނަނީ ޑިޕޯޓިވޯ ޕަލަސްޓީނޯ އަށް ކުޅެމުންނެވެ. ފަލަސްތީނުގައި ޗިލީގެ ފުޓްބޯޅަ ބަލާ މީހުން ވަރަށް ގިނަ އެވެ.

ޗިލީގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޑިޕޯޓިވޯ ޕަލަސްޓީނޯގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެންދިޔައީ ފަލަސްތީނުން ޗިލީ އަށް ހިޖުރަކުރި އާއިލާއެއްގެ ތެރެއިންނެވެ. ފަހުން އެ ކަން ބޮޑު ބައެއްގެ ތެރެއަށް ފުޅާވެެގެން ގޮސް ޗިލީގެ ގިނަ ބަޔަކު ވެސް އެކަަމުގައި ބައިވެރިވި އެވެ. މިހާތަނަށް ޗިލީގެ ރަސްމީ އިދާރާތަކަށް އެ ކްލަބާ މެދު ފިޔަވަޅެއް އަޅަން ޖެހިލުންވެފައި އޮތް ސަބަބަކީ ވެސް މިކަމުގައި ޗިލީގެ އުޒޯނޯ އަވަށުގެ މީހުން ބައިވެރިވާ ނިސްބަތް އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާތީ އެވެ.
ޑިޕޯޓިވޯ ޕަލަސްޓީނޯ އަށް ހަރަދުކުރާ ކުންފުނިން ވަނީ 2009 ވަނަ އަހަރު ޗިލީގެ ހިއްސާގެ ބާޒާރުގައި ބައިވެރިވެފަ އެވެ. އެ ފަހަރު އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި ނަމަވެސް އެ ކުންފުންޏަކީ ޗިލީގައި ރަޖިސްޓްރީވެފައިވާ ކުންފުންޏަކަށްވާތީ ވިޔަފާރި ކުރުމުން ހުއްޓުވޭނެ ގޮތެއް ވެސް ނެތެވެ. ޗިލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑިޕޯޓިވޯ ޕަލަސްޓީނޯ މެދުވެރިކޮށް ކޮންމެ އަހަރަކު ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން ޑޮލަރަށް ވުރެ ބޮޑު ޗެރިޓީއެއް ހޯދަ އެވެ.












