Advertisement

ރައީސް ނަޝީދުގެ ގަލަމުން: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު


ރައީސް ނަޝީދުގެ ގަލަމުން: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު

ރައްޔިތުންގެ މަޖިލީސް އެކުލެވިގެން ވަނީ ރާއްޖޭގައި މީހުން ދިރުއުޅޭ ސަރަހައްދު ތަކުން ކޮންމެ 5000 މީހަކު ތަމްސީލު ކުރާނެ މެންބަރަކު ހުންނަވާ ގޮތަށެވެ. ކޮންމެ މެންބަރަކު ވެސް ތަމްސީލު ކުރައްވަނީ ވަކި ސަރަހައްދެކެވެ. ނުވަތަ ވަކި ރަށްތަކެކެވެ. މި ހަމައިގައި މަޖިލިސް އެކުލެވިގެން ވާގޮތް ބަނދެލެވުނީ އަސާސީ ދެތިން ބަހުސެއްގެ ތެރެއިންނެވެ.

ދެ ހާސް އަށް ވަނަ އަހަރުގެ ކުރީގައި އަމަލު ކުރެވެމުން ދިޔަ ހުރިހާ ގާނޫނު އަސާސީއެއްގައި ވެސް މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން އަށް މެންބަރުންނަކީ، ރަސްކަމުގެ ދުވަހުގައި ރަދުން އައްޔަނު ކުރެއްވި އަށް މެންބަރުންނެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުވިފަހުން ރައީސް އައްޔަނު ކުރެއްވި އަށް މެންބަރުންވެ. ތެދުފުޅެކެވެ. އަތޮޅުތަކާއި އަދި މާލޭގެ ހަތަރު އަވަށު ގޮނޑިތައް ތަމްސީލް ކުރައްވާން އިހުގައި ތިއްބެވި މެންބަރުންނަކީ ސީދާ ރައްޔިތުންގެ ސައްހަ ވޯޓަކުން އައްޔަނުކުރާ މެންބަރުންގެ ގޮތުގައި ހިމެނިގެން މެންބަރު ކަމުގައި ތިއްބެވި ބޭފުޅުންނެއްނޫނެވެ. އެހެންނަމަވެސް އެ އުސޫލަށް ބަދަލުވަމުން އައިބާވަތުގެ މެންބަރުންނެވެ. އަތޮޅު ނުވަތަ ރަށްތަކެއްގެ ރުހުން ލިބިގެން އެ އަތޮޅެއް ނުވަތަ ރަށްތަކެއް ތަމްސީލު ކުރުމުގެ ހަމަ އަށް އެނބުރެމުން އައި މެންބަރުންނެވެ.

އަމަލު ކުރާތާ 13 އަހަރު ވެފައި މިވާ މިއަދުގެ ގާނޫނު އަސާސީ އުފަން ވެގެން އައީ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ހުދުމުހުތާރު ވެރިކަން ނިންމުމުގެ ވަރުގަދަ އަޒުމުގަ އެވެ. އައު ގާނޫނު އަސާސީ ގައި ރައީސް އައްޔަނު ކުރައްވާ މެންބަރުންނަށް ޖާގަ ނުދިނުން ވެގެން ދިޔައީ މުޅި މަޖިލިސް ގުގުމާލި އިހްތިޖާޖަކަށެވެ.

ވަކި ސަރަހައްދެއްގެ ވޯޓް ލިބި، އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެންބަރެއްގެ ސަރަހަދުގެ ފަރާތުން ވަކާލާތު ކުރެއްވުމެވެ. ސަރަހައްދީ ވަކާލާތުގައި މެންބަރުން ބަނދެވުމުން، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން މަދުވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅޭ ގިނަ ބިލް، ގަރާރު އަދި މައްސަލަ ވެސް ހުށަހެޅެނީ މުޅިރާއްޖެ އަށް ނިސްބަތް ކޮށެވެ. ވަކި ރަށަކަށް ނިސްބަތް ކޮށް ހުށަހަޅާ ގިނަ ކަންކަމަކީ އެ ރަށެއްގެ މައްސަލަ އެއްގެ ގޮތުގައި ހުށަހެޅޭ ކަންކަމެއް ނޫނެވެ. އެރަށެއްގައި އެކަން ހިނގީތީ އެރަށަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތް ވަނީ އެވެ. މެންބަރުން އިންތިހާބު ވެފައިވަނީ ސަރަހަދުތަކުން ކަމުން، މެންބަރުން ވަކާލާތު ކުރައްވަނީ، ރަށަށް އަތޮޅަށް ފަހިވާގޮތަށެވެ.

ރަދުންގެ އަށް މެންބަރުންވެސް އަދި ރައީސްގެ އަށް މެންބަރުން ވެސް ވަކާލާތުކުރެއްވީ ރަދުންގެ ފަރާތްޕުޅުންނެވެ. ނުވަތަ ރައީސްގެ ފަރާތްޕުޅުންނެވެ. މަޖިލީހުގެ އެއްވެސް މެންބަރަކީ އިންތިހާބަކާ ނުލާ އައްޔަނު ވާ މެންބަރެއްގެ ގޮތުގައި އޮތުމަކީ، ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅިން ހިލާފު ކަމެކެވެ. ދުރޫސުލްއަހުލާގާ ވެސް ނުބައްދަލުކަމެކެވެ. މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެންބަރުން ތިއްބެވުން ބޭނުން ތެރިއެވެ. އަދި އެ މެންބަރުން އިންތިހާބު ކުރާނެ ގޮތެއް ކަނޑައަޅާން ޖެހެ އެވެ.

އެތައް ގައުމެއްގެ ޕާލިމަންޓްތައް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގެ މެންބަރުން ހިމެނޭ ގޮތަށެވެ. އެފަދަ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރެ އެވެ. ގިނަ ގައުމު ތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީ ތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެޕާޓީއަކުން މެންބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. މި ފަދަ މެންބަރުން ވަކާލާތު ކުރައްވާނީ އެބޭފުޅުން އިންތިހާބު ވެފައިވާ ދާއިރާ، ޔައުނީ: އެބޭފުޅުންގެ ސިޔާސީ ޕާޓީއެއްގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތަށް ފަހިކަން ލިބެ އެވެ. މިއަދުގެ ދިވެހި ރާއްޖޭއަށް ބޭނުން ވެފައިވާ އެއްކަމަކީ، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމަށެވެ. ވަކިވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހުގައި، ކޮންމެ މެންބަރަކު ވެސް ބާރު އަޅުއްވާނީ އެމެންބަރެއްގެ ދާއިރާއަށް ރަގަޅުގޮތް ހޯދުމަށެވެ. މައްޗަންގޯޅި މެދަށް އެއާޕޯޓެއް ބޭނުންވާކަމަށް އެދާއިރާގެ މެންބަރަށް ވަކާލާތު ކުރާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ދިވެހީންގެ އާންމު ހާލަތު ރަގަޅުކޮށް ދިވެހީންނަށް ލިބޭއެއްޗެއް އިތުރުކުރުމަށް، މި ދިވެހިރާއްޖޭގެ ފަރާތުން ކުރާ ވަކާލާތުގެ އަޑު ގަދަވާން ޖެހެ އެވެ. ރާއްޖޭގެ މަޖިލިސް އެކުލެވިގެން ވާގޮތް ބަދަލުވާން ޖެހޭކަމަށް މިއަދު ދެކުން މަޖުބޫރުވެއްޖެ އެވެ.