ވޮލީބޯލްް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، އެ އެސޯސިއޭޝަނުގެ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު އުފެދުނީ 2019 ވަނަ އަހަރު ޖެނުއަރީގަ އެވެ. އޭރު ވެސް އޭގެ އެއް އަހަރު ކުރިން ވީއޭއެމްގެ ސީނިއާ ނައިބު ރައީސެއްގެ ގޮތުގައި ހުރެ, ވޮލީބޯޅަ ކުރިއަރުވަން ހަދާފައިވާ ޕްލޭނެއް އޭނާ އަތުގައި އޮތެވެ. މި މަހު އެއް ވަނަ ދުވަހު ވޮލީގެ އިންތިހާބު ކާމިޔާބު ކުރައްވައި ދިވެހި ވޮލީ އަށް ތަފާތު މަސައްކަތްތަކެއް ކުރުމުގެ ވިސްނުމުގައި ހުންނެވި ރަނޭ މިހާރު ވަނީ މަގާމުގައި ހުރެ ޕްލޭންތަކާ އެކު ކުރިއަށް މިސްރާބު ޖަހައިފަ އެވެ. އެއީ އެންމެ ފުރަތަމަ ހެދި ޕްލޭނަށް ބަދަލުތަކެއް ގެނެސް ބޭނުންވާ އެހެން ކަންތައްތައް ހިމެނުމަށް ފަހު އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރަނޭ ވިދާޅުވީ ވޮލީގެ ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރިއަށް ގެންދަން ވިސްނާފައިވަނީ ރާއްޖޭގެ އިދާރީ ހިންގުން ބައްޓަންވެފައި އޮތް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ކަމަށެވެ. ލާމަރުކަޒު ކުރުމަކީ އޭނާ ވެސް ވަރަށް ސަޕޯޓްކުރާ ކަމެއް ކަމަށާއި ސެންޓަރްލައިޒްކޮށް ބާއްވައިގެން ވޮލީބޯޅައިގެ މަންފާ ހުރިހާ އެންމެނަށް ލިބޭ ގޮތަކަށް ނުކުރެވޭނެ ކަމަށް ރަނޭ ވެސް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުގެ ޕްލޭނުގައި ތިން ރީޖަނަކަށް ދިވެހިރާއްޖެ ބަހާލުން އެބައޮތް. އެއީ އުތުރާއި ސެންޓްރަލް އަދި ދެކުނު. ބަހާލާފައި އޭގެ އިން ކޮންމެ ޒޯނެއް އިތުރު ސަބް ދެ ޒޯނަށް ބަހާލާފައި އޮންނާނީ. އެކަން ކުރިއިރު ބެލީ ކައުންސިލް އިންތިހާބުގައި ލާ މަރުކަޒު ވެގެން ދާ ގޮތަށް. އަޅުގަނޑުގެ ވިސްނުމަކީ އެންމެ ސްކޫލު ކުދިން ގިނަ ދިމާލަކަށް ބޮޑަށް ފޯކަސް ކޮށްގެން އެ ތަނުން ޓެލަންޓް ހަންޓްކުރުން،" ރަނޭ އޭނާގެ ޕްލޭނުގެ އެންމެ އިސް ބައި އޮޅުންފިލުވައިދެއްވި އެވެ.
ރަނޭ ވިދާޅުވީ މުޅި ރާއްޖެ އަށް ފުޅާކޮށްގެން ވޮލީ ކުރިއަށް ގެންދަން ޖެހޭ އެންމެ ބޮޑު ސަބަބަކީ މި ވަގުތު ގައުމީ ޓީމަށް ކުޅޭ މެޖޯރިޓީ ކުޅުންތެރިންނަކީ އަތޮޅު ތެރެއަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުން ކަމަށެވެ. އެހެންވެ އެކަމުން ސާފުވެފައި އޮތް ހަގީގަތަކީ ހުނަރު ގިނައިން މި ލިބެނީ އަތޮޅުތެރެއިން ކަމަށް ކަމަށާއި ވީހާވެސް ބޮޑަށް އަތޮޅު ތެރެއަށް ޑިވެލޮޕްމަންޓް ގެންދިއުން އެއީ އެއް އަމާޒު ކަމަށް ރަނޭ ވިދާޅުވި އެވެ.
ހައްލު އޮތީ ސަރުކާރުގެ ޕޮލިސީ ތެރެއިން ކުރިއަށްގޮސްގެން
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަށް ބަޖެޓް ދެނީ ކުޅިވަރާ ބެހޭ މިނިސްޓްރީންނެވެ. ކޮންމެ އެސޯސިއޭޝަނެއްގެ އަހަރީ ބަޖެޓް ފާސްކުރާއިރު، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ލިބޭ އެހީ އަށް ވުރެ ގިނަ ފަހަރު ބޮޑީ ވެސް ސަރުކާރުން ދޭ ފައިސާ އެވެ.
ރަނޭ ވިދާޅުވީ ރާއްޖޭގެ ކުޅިވަރުތަކުގެ އެންމެ ބޮޑު ސްްޕޮންސަރަކީ ހަގީގަތުގައި ސަރުކާރު ކަމަށެވެ. އެހެންވެ ކޮންމެ ކުޅިވަރެއް ވެސް ޑިވެލޮޕްކުރަން ބަލާއިރު ފުރުސަތު އޮތީ ސަރުކާރުގެ ސްޓްރެޓިޖީއާ އެކީގައި ކުރިއަށް ގޮސްގެން ކަމަށެވެ.
"އެގޮތަށް ބަލާލިއިރު ސެޕް (ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން) ގައި އެބައޮތް 2023 ވަނަ އަހަރު މުޅި ރާއްޖެ އަށް ލީގުތަކެއް އިމްޕްލިމެންޓްކުރާ ވާހަކަ. އެހެންވީމަ އަޅުގަނޑު ވެސް 2023 ވަނަ އަހަރު ނިމޭއިރު ވޮލީބޯޅައިގެ ލީގު ގެެނެވޭތޯ މަސައްކަތްކުރާނަން. އެ އަމާޒުގައި ޑިވެލޮޕްމަންޓް މަސައްކަތްތައް ފަށާނީ. މި ވަގުތު ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ސަބަބުން ކުޅިވަރު އެސޯސިއޭޝަންތަކަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ބަލާއިރު އީދެއް އައިސްގެން މި އުޅެނީ،" ރަނޭ ވިދާޅުވި އެވެ.
ދެ ޖިންސުންގެ މީހުންނަށް ބަލާއިރު، އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަކީ ވޮލީބޯޅަ އެވެ. އެއީ ފެންނަން އޮތް ހަގީގަތެކެވެ. ރަނޭ ދެކިލައްވާ ގޮތުގައި މި ވަގުތު އެންމެ ގިނަ މީހުން ބަލާ ލޯކަލް ކުޅިވަރަކީ ވެސް ވޮލީބޯޅަ އެވެ.
"ދެން އަޅުގަނޑަށް ކުރަން ޖެހިފައި މި އޮތް މަސައްކަތަކީ ފަނޑުވެފައި އޮތް ފަނޑުވުން ނަގައި އެހެން ލެވަލަކަށް ގެންދިއުން. ދެން އަޅުގަނޑަށް ވެސް ފެނޭ އަތޮޅު ތެރޭގެ ރަށްރަށުގައި ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ނޫނީ ބެޑްމިންޓަން ނެޓެއް ދަމާލައިގެން ވޮލީ ކުޅޭ މަންޒަރު. އަޅުގަނޑު ޕައިލެޓަކަށް އުޅޭއިރު ހަވީރު ގަނޑީގައި އެހެން ތިރިތިރިން ދުއްވާލާފައި ދާއިރު އަޅުގަނޑަށް ފެނޭ ދެ ރުއް ދޭތެރޭގައި ކުޅެން ތިބޭ މަންޒަރު،" ރަނޭ ވިދާޅުވި އެވެ.
މި ވަގުތު ވޮލީ ފަރިތަކުރުމަށް ހާއްސަ ވޮލީ ކުޅޭނެ އެއްވެސް ކޯޓެއް ނެތް މާލެ ސަރަަހައްދުގައި ނެތެވެ. އޮތީ މާފަންނު ސްޓޭޑިއަމްގައި ބާސްކެޓްބޯޅަ ކުޅޭ މީހުންގެ ބިމެއްގައި އިން ކޯޓެެކެވެ. ދެން ގައުމީ ޓީމުގެ ޓްރެއިނިން އަށް އޮތް ތަނަކީ ހަތަރު ވަރަކަށް ކުޅިވަރެއްގެ ގައުމީ ޓީމުން ބޭނުންކުރާ ސޯޝަލް ސެންޓަރެކެވެ.
ސަރުކާރުން ދާދި ފަހުން ވަނީ މަތީ ފެންވަރުގެ ވޮލީ އަށް ހާއްސަ ޓްރެއިނިން ފެސިލިޓީއެއް ޓެންޑާ ކޮށްފަ އެވެ. ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ރަނޭ ވަނީ މިނިސްޓްރީއާ އެކު ޓްރެއިނިން ފެސިލިޓީގެ މަސައްކަތްތަކުގައި ވެސް އުޅެފަ އެވެ.
"މި އަހަރު (އެ ޓްރެއިނިން ފެސިލިޓީ) ނިމިގެންދާނެ ކަމަށް މި ބަލަނީ. ދެން އެ ތަން ނިމިގެންދާއިރު އިންނާނެ ޓްރެއިނިން ހަދާނެ ތިން ކޯޓު. ތިން ކޯޓު އޮތުމަކީ ދުވާލަކު ދެ ގަޑިއިރުގެ 18 ސެޝަން ހިންގާނެ ފެސިލިޓީއެއް. އެއީ ވަރަށް ބައިވަރު ވަގުތު. އެ ވަރުގެ ޑިމާންޑެއް މި ވަގުތު ނެތް. 18 ސެޝަން ހިންގޭވަރުގެ ފެންވަރެއް. އެ ވަރުގެ ކުދިންނެއް ނެތް،" ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ރަނޭ ވިދާޅުވި އެވެ.
"އެކަމަކު އެ ފެސިލިޓީ މުހިއްމުވާ ސަބަބަކީ ޓްރެއިން އާއި މުބާރާތްތައް އެކު އެކީގައި ބޭއްވޭނެ ފެސިލިޓީއެއް އޮތުން،"
ރަނޭ ބުނީ އޭނާގެ ޑިވެލޮޕްމަންޓް ޕްލޭނުގެ ބޮޑު ހިއްސާއެއް އޮތް އަތޮޅު ތެރޭގައި ފެންވަރު ރަނގަޅު ވޮލީކޯޓްތަކެއް އެޅުން މުހިއްމު ކަމަށެެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އަތޮޅު ތެރޭގައި 21 ކޯޓެއް ބަޖެޓް ކުރެވި މިހާރު އެ ކޯޓުތައް އެޅުމުގެ މަރުހަލާގައި އޮތް ކަމަށް ރަނޭ ވިދާޅުވި އެވެ.
"އަތޮޅު ތެރޭގައި ވޮލީ ފޯރި މާ ގަދަ އޭގެ ބޭނުން ނުހިފައި މާލޭގައި މި ކުޅޭ ވޮލީގެ ފޯރި ވެސް އެންމެ ބޭނުންވާ ހިސާބަށް ނުގެންދެވޭނެ،"
ރާއްޖޭގެ ވޮލީ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް އެއް އިންޑަސްޓްރީ އަކީ ޓޫރިޒަމް އެވެ. ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ގައުމީ ވޮލީ ޓީމާ ހަމައަށް ކުޅުންތެރިން ގެނެސްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރި ޕްލެޓްފޯމެކެވެ. އެކަމަކު ފާއިތުވި ތިން ވަރަކަށް އަހަރު ރިސޯޓް ވޮލީ ފޯރި ގެއްލި އެ މުބާރާތުގެ ތަރުހީބު ކުޑަވުމަކީ ދިވެހި ވޮލީ އަށް ވެސް ލިބުނު ދެރައެކެވެ.
"ރިސޯޓްތަކާ ގުޅުން ކުޑަވެގެން މިދިޔައީ. ރިސޯޓްތަކަކީ ވޮލީ އަށް ވަރަށް ބޮޑު ހަރަދެއްކުރާ ބައެއް. އަޅުގަނޑުމެންގެ އެލީޓް ޕްލޭޔަރެއް ރިސޯޓެއްގެ މަންފާ ނުލިބޭ ކުއްޖެއް ނުހުންނާނެ. އަޅުގަނޑަށް ހީވަނީ ރިސޯޓްގެ ބައިވެރިވުން ބޮޑު ކުރަންޖެހޭހެން،" ރިސޯޓް ވޮލީ އަށް ކުރިމަތިވި ކަންތައްތަކަށް އިޝާރާތްކޮށް ރަނޭ ވިދާޅުވި އެވެ.
"(ރިސޯޓް މުބާރާތާ ގުޅުވައިގެން) ބައެއް ފަހަރު އެބަހުރި ވީއޭއެމްގެ އިންޓްރެސްޓްގައި (އަމިއްލަ މަސްލަހަތުގައި) ކަންތައްތައް ކުރެވިފައި. އެއީ އަޅުގަނޑު ކަންތައްތައް ކުރާނެ ގޮތެއް ނޫން. މީގެ އަޅުގަނޑު ކަންކުރާނީ ދިވެހި ވޮލީބޯޅައިގެ މަސްލަހަތަށް އެންމެންގެ ހައްގު ވެސް ހިމާޔަތް ކުރެވޭ ގޮތަށް،"
ކުރިން ބަނޑޮސް ވޮލީ ޓީމުން ފާހަގަވި ރަނޭ ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ވޮލީ އަށް ޝައުގުވެރިވާ ގިނަ ޒުވާނުންތަކެއް ރިސޯޓްގައި ވަޒީފާ އަދާކުރާ ކަމަށާއި އެ ސަބަބަށްޓަކައި ވެސް ރިސޯޓް ވޮލީ މުހިއްމު ކަމަށެވެ.
ނެދަލެންޑްސް ވޮލީ ފެޑެރޭޝަނާ ދިވެހި ވޮލީ ގުޅާލަނީ
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޑިވެލޮޕްމަންޓް މަސައްކަތްތަކަށް މީގެ ކުރިން ވެސް އަދި މިހާރު ވެސް ބައިނަލްއަގުވާމީ އެހެން ގައުމުތަކުގެ ފެޑެރޭޝަން ނޫނީ އެސޯސިއޭޝަންތަކުގެ އެހީ އަންނަނީ ހޯދަމުންނެވެ. އެ ގޮތުން ރާއްޖޭގެ ވޮލީ ކުރިއަރުވަމުން އެއްބަސްވުމެއް ހެދުމުގެ ގޮތުން ރަނޭ އަންނަނީ ނެދަލެންޑްސް ވޮލީބޯޅަ ފެޑެރޭޝަނާ މަޝްވަރާތަކެއް ކޮށް އެއްބަސްވުމަކާ ހަަމައަށް އަންނަން މަސައްކަތް ކުރަމުންނެވެ.
"މިހާރު އަޅުގަނޑު ވާހަކަ ދައްކަން ފަށައިފިން ނެދަލެންޑްސް ފެޑެރޭޝަންއާ. އެ ބޭފުޅުންނާ އެއްކޮށް އެމްއޯޔޫ އަކަށް ދެވޭތޯ. އެއީ ޑިވެލޮޕްމަންޓް މަސައްކަތުގައި ޓެކްނިކަލް ސަޕޯޓް ހޯދުމުގެ ގޮތުން. މާ ލަސްތަކެއް ނުވެ އެމްއޯޔޫ އަކާ ހަމައަށް އާދެވޭނެ،" ރަނޭ ވިދާޅުވި އެވެ.
"(އެމްއޯޔޫ) އައުމާ އެކު ކޯޓުތަކެއް އަޅާ ހުރިހާ ރަށެއްގައި ކޭމްޕްތައް ހިންގާނަން. ހިންގުމަށް ފަހު އެ ރަށުގައި ކޯޗުން ޑިވެލޮޕްކޮށްފައި އެ ރަށުގެ ޓީމުތައް ކުޅެން މަގުފަހިކޮށްދޭނަން އެންމެ ބޮޑަށް އަޅުގަނޑު ބޭނުންވަނީ އަތޮޅު ތެރޭގައި ތިބެގެން ނެޝަނަލް ޓީމަށް ޓްރެއިނިން ހެދުން. ދެން ވަކި ލެވަލަކަށް އެ ކުޅުންތެރިން ދިޔައީމަ ސެންޓްރަލް ކޮށްގެން (މާލެ ގެނެސް) ނެޝަނަލް ޓީމަށް ހިދުމަތްކޮށްދޭނެ ގޮތެއް ހޯދައިދިނުން،"

ރަނޭ އޭނާގެ ލީޑަޝިޕްގެ އެހެން މެމްބަރުންނާ އެކު
ވޮލީބޯޅައިގެ އެކި ހިއްސާދާރުންގެ ކަންތައްތައް ހުރި ގޮތަށް ބަލާއިރު ރަނޭ އަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މެމްބަރު ކްލަބްތަކުގެ އެޑްމިނިސްޓްރޭޝަން ކަންތައްތަކުގައި ހުރި މައްސަލަތަކެވެ. ރަނޭ ވިދާޅުވީ އެއީ ވަރަށް އިސްކަމެއްގެ ގޮތުގައި ބަލައިގެން ހައްލުތަކެއް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު އެ އަށް އިސްނަގައިގެން އެކަންކަން ރަނގަޅުކުރަން މަޝްވަރާތައް ފަށައިފިން. ވޮލީ އާއިލާ ހަރުދަނާކުރަން އެންމެ މުހިއްމު ކަމަކަށް ކުރަން އޮތީ ކްލަބްތައް ހަރުދަނާ ކުރުން. އެކަން ކުރެވިއްޖިއްޔާ ކުޅުންތެރިންނަށް ރަނގަޅުވާނެ. އޭރުން ހަގީގަތުގައި މި އާއިލާ އެންމެ ބަދަހިކޮށް އޮންނާނީ. ބޭރުގެ އެކްސްޕާޓެއް (މާހިރެއް) މެދުވެރިކޮށް އެކަން (ކްލަބްތައް ހަރުދަނާކުރުމުގެ މަސައްކަތް) ކުރެވޭނެ މާ ލަސްނުވެ،" ރަނޭ ވިދާޅުވި އެވެ.
ރާއްޖޭގެ ވޮލީބޯޅަ މިހާރު އޮތް ލެވަލުން އެހެން ހިސާބަކަށް ގެންދާނަމަ ކުރަން ޖެހޭ މަަސައްކަތް ގިނަކަން ރަނޭ ވެސް ގަބޫލުކުރައްވަ އެވެ. މީގެ ތެރެއިން އެއް ކަމަކީ ވޮލީބޯޅަ ކޯޗުން ވެސް ރަނގަޅު ފެންވަރަކަށް ތަމްރީން ކުރުމެވެ. ރަނޭ ވިދާޅުވީ އަބަދު ބޭރުގެ ކޯޗުން ގެނެސްގެން މަސައްކަތްކުރުމަކީ ވެސް ހައްލަކަށް ނުވާނެ ކަމަށެވެ. ދިގު މުއްދަތަކަށް ވޮލީ އަށް މަންފާކުރާނެ ގޮަތަކަށް ބަލާނަމަ ދިވެހި ކޯޗުންނަށް ކުރިއެރުން ލިބޭނެ ގޮތަކަށް އަމަލުކުރުުން މާ ބުއްދިވެރިކަމަށް ރަނޭ ދެކިލައްވަ އެވެ.
"އަބަދަކު ބޭރު ކޯޗެއް ނުބެހެއްޓޭނެ. މަހެއްހާ ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ބޭރު ކޯޗެއް ގެނެސްގެން ހިނގިއްޖިއްޔާމު މާ ބޮޑު މަންފާއެއް ނުކޮށްފާނެ. އެކަމަކު ދިގު މުއްދަތަކަށް އެކަން ކޮށްފިއްޔާ ބައިވަރު ކަންކަން ރަނގަޅުކުރެވޭނެ. އެއީ އަޅުގަނޑުމެންގެ ދިވެހި ކޯޗުންނަކީ ވަރަށް އިންޓަލިޖެންޓް (ވިސްނުންތޫނު) ބައެއް. ވަރަށް އަވަހަށް ކަންކަން ދަސްކުރާ ބައެއް،" ރަނޭ ވިދާޅުވި އެވެ.
ރަނޭގެ ވިސްނުމަކީ ދިގު މުއްދަތަކަށް ބިދޭސީ ފެންވަރު ރަނގަޅު ކޯޗެއް ގެނެސް ޒުވާން ޓީމެއް ބިނާކުރާއިރު އެ މަސައްކަތުގެ ތެރޭގައި ދިވެހި ކޯޗުންނަށް ވެސް ގިނަ ކަންތައްތަކެއް ދަސްކުރެވޭ ގޮތަށް ޕްލޭނެއްގެ ތެރެއިން ކުރިއަށްދިއުމެވެ.













