Advertisement

ޕެރޭޒް ޗެލެންޖެއް ނެތި އަނެއްކާ ވެސް ރެއާލުގެ ރައީސް ކަމަށް؟

3 އޭޕްރީލް 2021 - 09:37 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ޕެރޭޒް ޗެލެންޖެއް ނެތި އަނެއްކާ ވެސް ރެއާލުގެ ރައީސް ކަމަށް؟

3 އޭޕްރީލް 2021 - 09:37 0

"އަހަރެން ހޮވައިފިނަމަ ރެއާލް މެޑްރިޑަށް ފީގޯ ގެނެސްދޭނަން. އެކަން ނުކުރެވިއްޖެނަމަ ހުރިހާ މެމްބަރުންގެ ސީޒަން ޓިކެޓަށް ވާ ފައިސާ ދައްކައިދޭން އަހަރެން ތައްޔާރު,"

މިއީ 2000 ވަނަ އަހަރު ރެއާލްގެ އިންތިހާބު ގާތްވެފައިވަނިކޮށް މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިންތިހާބުގައި ވާދަކުރުމުގެ ގޮތުން ކްލަބްގެ އާންމު މެމްބަރުން ކުރިމަތީގައި ވީ ވައުދެވެ.

އޭރު ރެއާލްގެ ވާދަވެރި ބާސެލޯނާ ޖޯޒީގައި ތަފާތު ދައްކަމުން އައި ޕޯޗުގަލްގެ ތަރި ލުއިސް ފީގޯ ގެންނަން ޕެރޭޒް ވައުދުވި އެއް ސަބަބަކީ ސަޕޯޓަރުންގެ ހިތް ދަމައިގަތުމާއި ރެއާލްގެ ހައިބަތު އެންމެ ރަނގަޅަށް ފެންނާނެ ވަރުގެ މިސްރާބަށް ކްލަބް ގެންދިއުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެންމެ ފުރަތަމަ 1995 ވަނަ އަހަރު ރެއާލްގެ އިންތިހާބުގައި ވާދަކޮށް, ރަމޮން މެންޑޯޒާ އަތުން ބަލިވުމުން ތަފާތު އުކުޅެއް ބޭނުންކޮށް ރެއާލްގެ އިންތިހާބު ކާމިޔާބުކުރުމަކީ ވެސް ޕެރޭޒް ވިސްނުމުގައި ހުރި ކަމަކެެވެ.

ތިން އަހަރު ތެރޭ (1998-2000) ރެއާލަށް ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދޭން އެހީތެރިވި ރައީސް ލޮރެންޒޯ ސަންޒްއާ ވާދަކޮށް 2000 ވަނަ އަހަރުގެ އިންތިހާބު ޕެރޭޒް ކާމިޔާބުކުރެއްވީ 55 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދައިގެންނެވެ. އިންތިހާބު ކާމިޔާބުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕެރޭޒް ވަނީ ސަޕޯޓަރުންނަށް ވީ ވައުދު ފުއްދައި ފީގޯގެ ސޮއި ހޯދައިފަ އެވެ. މިއީ ހަގީގަތުގައި 21 ވަނަ ގަރުނުގައި ރެއާލްގެ ސަޕޯޓަރުންގެ ވިސްނުން ބަދަލުވި ހިސާބު ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.

ރެއާލްގެ ޖޯޒީގައި ދުނިޔޭގެ ނަން މަޝްހޫރު ތަރިން ކުޅުވަން ޕެރޭޒް ބޭނުންވި އެހެން ސަބަބެއް ވެސް އޮވެ އެވެ. އެއީ 1950 ގެ އަހަރުތަކުގައި ރެއާލްގެ ރައީސް ސަންޓިއާގޯ ބާނަބޭއު ކުރި މަސައްކަތް ބްލޫޕްރިންޓެއްގެ ގޮތުގައި ބަލައި ޒަމާނީ މޮޑިއުލެއްގެ ތެރެއިން ކުރިއަށްގެންދިއުމެވެ. ސަންޓިއާގޯގެ ދައުރުގައި އޭރު ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވަނީ ރެއާލަށް ކުޅެފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި އަލްފްރެޑޯ ޑި ސްޓެފާނޯ އާއި ޕުސްކަން އަދި ކޮޕާ ހިމެނެ އެވެ.

ގަލަކްޓިކޯސްގެ ވިސްނުމާއި ކްލަބް ފުދުންތެރިކުރުން

ލޮރެންޒޯގެ ދައުރުގެ ފަހު އަހަރު ވެގެންދިޔައީ ކްލަބްގެ ސަޕޯޓަރުންނާއި ޓީމާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔަ ދުވަސްތަކަކަށެވެ. ތަފާތު ގިނަ ސްކީމްތަކަކާއި އެކި ޑިސްކައުންޓް ޕެކޭޖްތައް ތައާރަފްކުރި ނަމަވެސް ރެއާލްގެ މެޗުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ނުވަދެ އެވެ. ދަނޑުގެ ބޮޑުބައެއް އޮތީ ފަޅަށެވެ. އަނެއްކޮޅުން މާލީ ގޮތުން ބަލާއިރު ވެސް ރެއާލްގެ ހާލަތު ދަށަށް ދާން ފަށާފައި އޮތުމުން ޕެރޭޒް އަށް 2000 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރަން ވާން ޖެހުނު އިތުރު އެއް ވައުދަކީ ކްލަބްގެ ދަރަނި ކުޑަކުރުމާއި ފަހުގެ މޮޑެލަށް ކްލަބް ހިންގައި ކްލަބް ފުދުންތެރިކުރުމެވެ. އެ ކަންތައްތައް ކުރާއިރު ޓީމު ކާމިޔާބު ހޯދުމަކީ ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕެރޭޒް ދެކިލެއްވި އެވެ.

ފީގޯގެ ސޮއި ހޯދުމަށް ފަހު ރެއާލުން ޕެރޭޒްގެ މޭސްތިރިކަމުގައި ފެށި އެންމެ މުހިއްމު ކަމަކީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ރެއާލަށް ގެނައުމުގެ މަސައްކަތެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ރެއާލަށް ގެންނަ ޓްރާންސްފާ އަށް ދީފައިވާ ނަމަކީ "ގަލަކްޓިކޯސް" އެވެ.

ހަގީގަތުގައި ރެއާލަށް ކޮންމެ ތަރިއެއް ސޮއިކުރާއިރު ވެސް މީގެ ކްލަބަށް ލިބޭ ފައިދާ ފެށިގެންދިޔައީ ވެސް ތާރީހީ ގޮތަކަށެވެ. ފީގޯ 2000 ވަނަ އަހަރު ރެއާލަށް ސޮއިކުރިއިރު ވަނީ އޭނާގެ އިމޭޖް ރައިޓްސްގެ 50 ޕަސެންޓް ކްލަބަށް ދީފަ އެވެ. މިއީ ފުޓްބޯޅަ ތާރީހުގައި ވެސް ކުޅުންތެރިއެއްގެ އިމޭޖް ރައިޓްސްގެ ކޮންޓްރޯލް ކްލަބަކަށް ދިން އެންމެ ބޮޑު ޕަސެންޓް އެވެ. ޕެރޭޒްގެ ލީޑަޝިޕްގެ ތަފާތު ކަމަކީ ބޮޑު އަގުދީފައި ތަރިއެއް ސޮއިކުރުމަށް ފަހު އެ ކުޅުންތެރިއެއްގެ އިމޭޖް ރައިޓްސް މެދުވެރިކޮށް ކުރު މުއްދަތެއްގެ ތެރޭގައި އެ ކުޅުންތެރިއަކުގެ ސޮއި ހޯދަން ކުރި އިންވެސްޓްމަންޓްގެ ބަދަލު ހޯދުމެވެ.

ޕެރޭޒް ހަވާލުވިއިރު, ރެއާލްގެ ދަރަނި ހުރީ 278 މިލިއަން ޔޫރޯގަ އެވެ. ރެއާލް ރައީސްކަމަށް ވާދަކުރެއްވިއިރު, ކެމްޕެއިންގައި ޕެރޭޒް ވަނީ ލަސްވެގެން ދެ އަހަރު ތެރޭގައި ރެއާލްގެ ދަރަނި ހަލާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެ މުއްދަތުގެ ތެރޭގައި އެކަން ކުރެއްވިއިރު, ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލި އެވެ. އެ ގޮތުން އެންމެ ބޮޑު ކަމަކަށްވީ ފެނާންޑޯ ރެޑޮންޑޯ އާއި ނިކޮލަސް އަނެލްކާ ފަދަ ކުޅުންތެރިން ވިއްކާލުމުން ބައެއް ސަޕޯޓަރުން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ވެސް ކުރުމެވެ.

ފަސްބެލުމެއްނެތި ސާބިތުވެ ހުންނަވައި ޕެރޭޒް ކުރެއްވި މަސައްކަތުން ކްލަބްގެ ދަރަނި ސަލާމަތްކުރީ ވަރަށް މޮޅު ޕްލޭންތަކެއްގެ ތެރެއިންނެވެ. އެ ގޮތުން ރެއާލުން އޭރު ބޭނުންކުރަމުން އައި ޓްރެއިނިން ފެސިލިޓީ ކޮންސްޓްރަކްޝަން އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބޮޑު އަގެއްގައި ދޫކޮށްލި އެވެ.

ސްޕެއިނުގެ ސަރުކާރާ އެކު ވެސް ބޭއްވުނު މަޝްވަރާތަކަށް ފަހު އެ ޑީލް ކުރިއަށްދިޔައިރު, ރެއާލަށް އޭގެން 446.7 މިލިއަން ޔޫރޯ ލިބުނެވެ. ނަތީޖާއަކަށްވީ ކުރިން އޮތް ލީޑަޝިޕާ ހެދި ރެއާލަށް ކުރިމަތިވެފައި އޮތް މާލީ ނުތަނަވަސްކަމުން އެއްކޮށް އަރައިގަނެވުމެވެ. އަދި 100 މިލިއަން ޔޫރޯ ހަރަދުކޮށް މިހާރު ރެއާލުން ޓްރެއިނިން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ކުއިޑާޑްގެ މަސައްކަތް ނިންމާލި އެވެ. މިއީ ސްޕެއިނުގެ ކުޅިވަރު މެނޭޖްމަންޓް ކޯސްތަކުގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރާ ޑީލެކެވެ.

ދަރަނިތައް ދައްކައި ހަލާސްކުރެވުމުން ދެން ޕެރޭޒް ފެއްޓެވީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދާށެވެ. އެ ގޮތުން ދުނިޔޭގެ ރެކޯޑް އަގެއް ދީފައި ޔުވެންޓަސް އަށް ކުޅެމުން އައި ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރު ޒިނެދިން ޒިދާން ގެނަ އެވެ. އަދި އޭގެ ފަހުން ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯގެ ސޮއި ވެސް ހޯދި އެވެ. މީގެއިން ކޮންމެ ކުޅުންތެރިއެއް ސޮއިކުުރުމަށް ފަހު އިމޭޖް ރައިޓްސްގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ޕެރޭޒް ވަނީ ކްލަބަށް އާމްދަނީ ހޯދައިދީފަ އެވެ.

ފަހަރަކަށް ވުރެ ފަހަރެއް ޕެރޭޒްގެ ވިސްނުމަކީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްފައި ވިޔަސް އިމޭޖް ރައިޓްސް ކޮންޓްރޯލް ކުރާ އިންސައްތަ ބޮޑު ކުރުމެވެ. އެގޮތުން 2001 ވަނަ އަހަރު ޒިދާން ސޮއިކުރިއިރު, އޭނާ ވަނީ ރެއާލަށް 90 ޕަސެންޓް އިމޭޖް ރައިޓްސް ކޮންޓްރޯލް ދީފަ އެވެ. އޭގެ ފަހުން 2002 ވަނަ އަހަރު ރޮނާލްޑޯ އަދި އެ އަށް ފަހު 2003 ވަނަ އަހަރު ޑޭވިޑް ބެކަމް ވެސް ވަނި ބޮޑު އިންސައްތަ އެއް އިމޭޖް ރައިޓްސް ކްލަބަށް ދީފަ އެވެ.

ތަރިންނާ އެކު މާލީ ގޮތުން ރެއާލް ތަނަވަސްވަމުން ދިޔަ ނަމަވެސް ދަނޑުމަތީގައި އެ ޓީމުގެ ނަތީޖާތަކަށް އަސަރުކުރަން ފެށި އެއް ސަބަބަކީ އެ ޓީމުގައި ސްޕެއިނަށް ނިސްބަތްވާ ކުޅުންތެރިންގެ ދައުރު ކުޑަވާން ފެށުމުން ސަޕޯޓަރުންގެ ނުރުހުން އަމާޒުވާން ފެށުމެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން ރެއާލަށް ތައްޓެއްގައި އަތްލުމުގެ ނަސީބު ނެތުމުން ދެ އަހަރަށް ފަހު 2006 ވަނަ އަހަރު ފެބްރުއަރީ މަހު ކްލަބްގެ ރައީސްގެ މަގާމުން ޕެރޭޒް އިސްތިއުފާ ދެއްވީ އާ ލީޑަޝިޕަކަށް ފުރުސަތު ދޭން ޖެހޭ ވަގުތު ޖެހިއްޖެކަމަށް ބުނެފަ އެވެ.

ޕެރޭޒްގެ އެނބުރި އައުން ކުރިއަށް ވުރެން ވަރުގަދަކޮށް

ޕެރޭޒަށް ފަހު 2006 އިން 2009 ވަނަ އަހަރާ ހަމައަށް ރެއާލްގެ ރައީސްގެ މަގާމު ފުރުއްވީ ރަމޯން ހަލްޑެރޯން އެވެ. އޭނާގެ ލީޑަޝިޕްގައި ރެއާލަށް ގިނަ ކޯޗުންތަކެއް ގެނަ އެވެ. އެކަމަކު ނަތީޖާ ނެރުމުގައި އެއްވެސް ދިމާލަކުން ކުރިއެރުން ނުފެނެ އެވެ.

އެއީ ރެއާލްގެ ޒަމާންވީ ވާދަވެރިން ކަމަށްވާ ބާސެލޯނާ އިން އެ ކްލަބްގެ ހިންގުންތެރި ރައީސް ޔޮއާން ލަޕޯޓާގެ މޭސްތިރިކަމުގެ ދަށުން ޕެޕް ގާޑިއޯލާ ކޯޗަކަށް ހަމަޖައްސައި ޔޫރަޕާއި ސްޕެއިންގައި ބޮޑެތި ކާމިޔާބީތައް ހޯދަން ފެށި ދުވަސްވަރެވެ. ބާސެލޯނާގެ އެ ކާމިޔާބީތަކާ އެކު ސްޕެއިނުގައި ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި އޮތް ރެއާލަށް އެ މަގާމު ގެއްލިދާނެކަމުގެ ބިރު ހީވާން ފެށުމުން ޕެރޭޒް އަލުން ރެއާލާ ހަވާލުވާން ނިންމެވި އެވެ.

އެ ގޮތުން 2009 ވަނަ އަހަރު ބޭއްވި ރެއާލްގެ އިންތިހާބުގައި ގިނިކަންޏާ ވާދަކުރައްވައި ބޮޑު ތާއީދަކާ އެކު ޕެރޭޒް އަލުން ރެއާލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ކުރިން ވެސް ޕެރޭޒް ކުރެއްވި މަސައްކަތް ތަކުރާރުކުރެއްވުމަށް އޭނާ ބޭނުންކުރެއްވި އުކުޅަކީ އަލުން ގަލަކްޓިކޯސް ޓްރާންސްފާ ފެށުމެވެ. އެ ގޮތުން އޭރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭސީ މިލާންގައި ތަފާތު ދައްކަމުން އައި ކަކާ އަދި ފްރާންސްގެ ލިޔޯނުން އަރަމުން އައި ފޯވާޑް ކަރިމް ބެންޒެމާގެ ސޮއި ހޯދި އެވެ. އެ ކުޅުންތެރިންގެ އިތުރުން ލިވަޕޫލަށް ކުޅެމުން އައި ޒަބީ އަލޮންސޯ އާއި ވެލެންސިއާގެ ރައުލް އަލްބިއޯލް ވެސް ގެނެސް ސަޕޯޓަރުންގެ އުއްމީދުތައް މައްޗަށް ޖައްސާލި އެވެ.

ތަރިންގެ ސޮއި ހޯދުމުގައި ބަދަލުނުވެ އޮތް ސަގާފަތް ޕެރޭޒް ކުރިއަށްގެންދެވި އެވެ. އެ ރެކޯޑް ދެމެހެއްޓި ނަމަވެސް މުބާރާތްތަކުގައި ކާމިޔާބު ހޯދަން މި ފަހަރު ޕެރޭޒަށް އުނދަގޫ މަސައްކަތަކަށްވީ ރަނގަޅު ކޯޗަކާ ޓީމު ހަވާލުކުރުމެވެ. އެ ގޮތުން 2011 ވަނަ އަހަރު ހޯސޭ މޮރީނިއޯއާ ޓީމު ހަވާލުކުރިއިރު, ހޯދުނީ ސްޕެނިޝް ލީގެވެ. ޗެމްޕިއަންސް ލީގުގައި އަތްލުމުގެ ނަސީބު ނުލިބުނެވެ. ރެއާލުން އަލުން ޗެމްޕިއަންސް ލީގު ހޯދަން ކުރި މަސައްކަތް ކާމިޔާބުވީ 2014 ވަނަ އަހަރު ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގަ އެވެ. އޭރު އަންޗެލޮޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޒިދާން ޓީމާ ހަވާލުވުމަށް ފަހު ވަނީ ރެއާލަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ހޯދައިދީ އެ ކްލަބްގެ ތާރީހުގައި ހާއްސަ ސޮފުހާއެއް ލިޔެދީފަ އެވެ.

ޕެރޭޒްއާ ވާދަކުރާނެ ކެންޑިޑޭޓެއް ނެތް؟

ދާދި ފަހުން ޕެރޭޒް ވަނީ ރެއާލްގެ ރައީސަކު ހޮވަން މި އަހަރު އިންތިހާބު ބާއްވަން އިއުލާނުކުރައްވައި އެކަން ކުރިއަށްގެންދިއުމަށް ކްލަބްގެ އެޑްމިނިސްޓްރޭޝަނަށް އަންގައިފަ އެވެ. މި އަހަރު ތެރޭ އާ ރައީސަކު އިންތިހާބު ކުރުމުގެ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވާއިރު, މި ވަގުތަށް ބަލާއިރު ޕެރޭޒާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު އަދި ނެތެވެ. ކްލަބްގެ ކުރީގެ ރައީސުން ސިފަކުރައްވާ ގޮތުގައި ވާދަވެރި ކެންޑިޑޭޓެއް ނެތި ކޮންމެ ފަހަރަކު ޕެރޭޒަށް ފަސޭހަކަމާ އެކު ކްލަބްގެ މަގާމު ދިފާއުކުރަން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ސްޕެއިނުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ ޕެރޭޒާ ވާދަކުރަން މި ފަހަރުގެ އިންތިހާބަށް ނުކުންނާނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ރައީސް ވިސެންޓޭ ބޮލޫޑާ އެވެ. އޭނާ ވަނީ 2009 ގެ ޖެނުއަރީ އިން އެ އަހަރުގެ މެއިގެ ނިޔަލަށް ރެއާލްގެ ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ދާދި ފަހުން ޕެރޭޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސްޕެއިންގެ ނޫހަކަށް އިންޓަވިއުއެއް ދެއްވި ނަމަވެސް ރަސްމީކޮށް މި އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅެއްނުވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރެއާލްގެ އާމްދަނީ އަށް އަސަރުކޮށްފައިވާއިރު, ކްލަބްގެ ސްޓޭޑިއަމް ސަންޓިއާގޯ ބާނަބާއު ތަރައްގީކުރަން ނަގާފައިވާ ލޯންގެ ސަބަބުން މި ވަގުތު ރެއާލަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން ޗެލެންޖްތަކެއް އެބަހުއްޓެވެ. އަދި ވާދަވެރި އެހެން ކްލަބްތަކުން ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންނަށް އިންވެސްޓްކުރަން ތައްޔާރުވަމުން އަންނައިރު, މި ވަގުތު ކްލަބްގެ ދަރަނިތައް ހުރިގޮތުން ރެއާލުން އާ ކުޅުންތެރިންނަށް މާ ބޮޑު އިންވެސްޓެއް ކުރުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ މިއީ ރެއާލަށް އާ ލީޑަޝިޕެއްގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއް ކަމަށް ކްލަބްގެ ބައެއް އާންމު މެމްބަރުންނާއި ކުރިގެ ރައީސުން ވެސް ގަބޫލުކުރެ އެވެ.