ކްލަބް އީގަލްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އިސްމާއިލް އީސަ (މެސީ) އަށް ސީރިއަސް އަނިޔާއެއްވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އީސަގެ ފަޔަަށް އަނިޔާވެފައިވަނީ، ދިވެހި ޕްރިމިއާ ލީގުަގައި އީގަލްސް އިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އީސަ ވަނީ ދާދި ފަހުން އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއާ އެކު އޭނާ އަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ.
އީގަލްސް ޓީމަށް މި ސީޒނުގައި މޮޅު ކުޅުމެއް ދައްކަމުން އައި އީސަ އަށް އަނިޔާވި ފަހުން އެ ޓީމުން ވަނީ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ކުޅެ 1-0 އިން ބަލިވެފަ އެވެ. އީގަލްސްގައި މިހާރު އޮތް ސްކޮޑަށް ބަލާއިރު، އީސަ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އީގަލްސްގެ ކޯޗުކަމާ ހަވާލުވެހުރި، އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ.
ގައުމީ ސީނިއާ ފުޓްބޯޅަ ޓީމަށް ކުޅުމުގެ އިތުރުން، 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އީސަ، 36، އަކީ ފުރަތަަމަ ޑިވިޝަނުގައި މި ވަގުތު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ.
މީގެ 16 ވަރަކަށް އަހަރު ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބުން ކެރިއަރު ފެށި އީސަ ވަނީ ފުރަތަމަ ޑިވިޝަނުގައި، ވީބީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެފަ އެވެ. މީގެ ތެރެއިން، ވެލެންސިއާ، ވިކްޓަރީ، މާޒިޔާ އަދި އީގަލްސް އަށް ވަނީ އެއް ފަހަރަށް ވުރެން ގިނަ ފަހަރު ބަދަލުވެފަ އެވެ. އެ ކްލަބްތަކަށް ކުޅެމުން ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ހާސިލްކުރި އެވެ.
އީގަލްސް އިން ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. ވިކްޓަރީ ލީގުގެ އެއް ވަނައިގައި އޮތްއިރު، އީގަލްސް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.







