ދައުރު ބަހާލައިގެން ވެރިކަން ކުރަން ނަތަންޔާހޫ ހުށަހަޅައިފި

Nov 29, 2026, 11:52 AM
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ބޮޑުވަޒީރުކަމާ ފުރަތަމަ ހަވާލުވެވަޑައިގަންނަވާ ގޮތަށް، ދައުރު ބަހާލައިގެން ވެރިކަން ކުރުމުގެ އެއްބަސްވުމަކަށް ތާއީދުކުރާ ކަމަށް ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނީ، އެންމެ ބޮޑު ޕާޓީއަށް އިސްކަންދިނުމުގެ އުސޫލު ހިމެނޭހެން ހުރިހާ ކަމެއް އެއްފަރާތްކުރުމަކީ ލީޑަރެއްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ސަރުކާރުގެ ކުރީކޮޅު އޭނާ ހުންނާނީ "އަލްޓަނޭޓް ޕްރައިމް މިނިސްޓަރު" ނުވަތަ ބަދަލު ބޮޑުވަޒީރުގެ މަގާމުގައި ކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ.

އިސްރާއީލުގެ ރައީސް އައިޒަކް ހަރުޒޮގް، 28 ދުވަހުގެ ތެރޭގައި ސަރުކާރެއް އެކުލަވާލުމަށް މި މަހުގެ ކުރީކޮޅު ހަވާލުކުރެއްވި އައިޒެންކޮޓް ވަނީ ނަތަންޔާހޫގެ ވާހަކަތަކަށް ވަގުތުން ރައްދު ދެއްވައި، "އިޚްލާސްތެރި އަދި އަވަސް މަޝްވަރާތަކަކަށް" ވަގުތީ ބޮޑުވަޒީރު ނަތަންޔާހޫއަށް ދައުވަތު އަރުވާފަ އެވެ.

މި ބަދަލު އައިސްފައިވަނީ، އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުރިން ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީން ހުރަސްއަޅަމުންދާ ކަމަށް ހުކުރު ދުވަހު އައިޒެންކޮޓް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި އައިޒެންކޮޓްގެ ޔަޝާރު ޕާޓީ އާއި އިދިކޮޅު އެހެން ތިން ޔަހޫދީ ޕާޓީއަކަށް ލިބުނީ 48 ގޮނޑި އެވެ. ނަތަންޔާހޫގެ އިއްތިހާދަށް 53 ގޮނޑި ލިބުނު ނަމަވެސް، 120 ގޮނޑި ހިމެނޭ ކްނެސެޓްގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެ އެވެ.

ރައީސް ހަރުޒޮގް ވިދާޅުވީ، އިންތިޚާބަށްފަހު ހަފުތާއެއްގެ ތެރޭގައި ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ސަރުކާރެއް އެކުލަވާލުމުގެ ފުރަތަމަ ފުރުސަތު ސިފައިންގެ ކުރީގެ ވެރިޔާ އައިޒެންކޮޓްއަށް ދެއްވަން ނިންމެވީ ކަމަށެވެ.

އަރަބި ދަރިކޮޅުގެ މީހުން ވޯޓުލާން ނުކުތް ނިސްބަތް އިތުރުވުމާ ގުޅިގެން، އަރަބި ދެ އިއްތިހާދު ކަމަށްވާ ޔުނައިޓެޑް އަރަބް ލިސްޓާއި ޖޮއިންޓް ލިސްޓުން ވަނީ ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް، ޖުމްލަ 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މިއާއެކު ސަރުކާރެއް އެކުލަވާލުމުގައި އެ ޕާޓީތަކުގެ ދައުރު ބޮޑުވި ނަމަވެސް، އެންމެ ޕާޓީއެއް ފިޔަވައި ހުރިހާ ޔަހޫދީ ޕާޓީތަކުން ވަނީ އިންތިޚާބުގެ ކުރިން އަރަބި ޕާޓީތަކާއެކު ސަރުކާރެއް ނުއުފައްދާނެ ކަމަށް ވައުދުވެފަ އެވެ.

ހޮނިހިރު ދުވަހު އިސްރާއީލުގެ ޗެނަލް 12 އަށް ދެއްވި އިންޓަވިއުއެއްގައި، މެދުތެރޭގެ އިސްލާމީ ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ އޭނާގެ ޕާޓީން ހަމާސްއަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ގަބޫލުކުރާ ކަމަށް އިޝާރާތް ކުރައްވާފަ އެވެ. އަދި ރާމް ޕާޓީން ވެސް ބައިވެރިވެގެން ހުށަހެޅި، ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާ ބިލަށް އޭނާ ވޯޓު ދެއްވިކަން ކަށަވަރުކޮށްދެއްވި އެވެ. މިއީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށް އުފައްދާ ކޯލިޝަނެއްގައި އެ ޕާޓީ ބައިވެރިވުމަށް މަގުފަހިވެގެންދާނެ ނިންމުމެއް ކަމަށް ބެލެވެ އެވެ.

އައިޒެންކޮޓް މިހާރު ވަނީ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ ބައެއް ކުރިއެރުންތައް ހޯއްދަވާފަ އެވެ. އެގޮތުން ޔިސްރާއީލް ބެއިޓެއިނޫ ޕާޓީ އާއި ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

އޭނާގެ އިއްތިހާދުގައި ހިމެނޭ ހަތަރުވަނަ ޕާޓީ، ބެޔަޗާދު ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުރާސްފަތި ދުވަހު ވިދާޅުވީ، އައިޒެންކޮޓް ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާ ގޮތަށް ލިކޫޑް ޕާޓީ ހިމެނޭ އެއްބައިވަންތަކަމުގެ ސަރުކާރަކަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ.

އިސްރާއީލުގެ ތާރީޚުގައި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އިންތިޚާބެއްގައި ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެ ގައުމުގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކީ ވެސް ކޯލިޝަން ސަރުކާރުތަކެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ބައިބައިވި 2019 އިން 2022 އަށް ހިނގި މުއްދަތުގައި، ނަތަންޔާހޫ އާއި އޭނާގެ ވާދަވެރިންނަށް އެއްބަސްވުމަކަށް ނާދެވިގެން ފަސް ފަހަރެއްގެ މަތިން އިންތިޚާބު ބާއްވަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނެތިދިއުމުގެ ބިރު އޮތް ވެލާތަކެއް އެއާޕޯޓަކުން ހިފަހައްޓައިފި

ދުނިޔެއިން ނެތިދިއުމުގެ ބިރު އޮތް "ވަލާޓާ މަޑް ޓާޓަލް" ބާވަތުގެ 26 ވެލާ، މެކްސިކޯއިން ހޮންކޮންގަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ނެދަލޭންޑްސްގެ އެއާޕޯޓަކުން އަތުލައިގަނެ މީހަކު ހައްޔަރުކޮށްފިއެވެ. ދުނިޔޭގައި މިހާރު އެންމެ 300 އެއްހާ ވެލާ އުޅޭ ކަމަށް ބެލެވޭ މި ބާވަތުގެ ވެލާތައް ފެނުނީ ދަތުރުވެރިއެއްގެ ފޮށިތަކުގެ ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ވަނިކޮށެވެ. އޭޝިއާގެ ކަޅު ބާޒާރުގައި ބޮޑު އަގުލިބޭ މި ވެލާތައް މިހާރު ވަނީ ރައްކާތެރި މަރުކަޒަކަށް ބަދަލުކޮށްފައެވެ.

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox