ކައިވެނީގެ ތެރޭގައި ހިންގާ ރޭޕް ނުވަތަ "މެރިޓަލް ރޭޕް" އަކީ ކުށެއްގެ ގޮތުގައި ފުރިހަމައަށް ކަނޑަނޭޅުމުގެ ސަބަބުން، ދެކުނު އޭޝިއާގެ އަށް ގައުމެއްގައި ދިރިއުޅޭ އެތައް މިލިއަން އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ. މި ސަރަހައްދަކީ ބައިވެރިޔާގެ ފަރާތުން ކުރިމަތިވާ އަނިޔާ، ދުނިޔޭގެ އެވްރެޖަށް ވުރެ 35 އިންސައްތަ އިތުރު ސަރަހައްދެކެވެ.
ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ކައިވެނީގެ ތެރޭގައި ކުރާ ޖިންސީ ގޯނާ އަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ދެކުނު އޭޝިއާގެ ބޮޑު ބައެއް ހިއްސާކުރާ އިންޑިއާ، އަފްޣާނިސްތާން، ސްްރީލަންކާ އަދި ބަންގްލަދޭޝް ހިމެނެނީ މިކަން ކުށެއްގެ ގޮތުގައި އަދިވެސް ބަލައިނުގަންނަ 36 ގައުމުގެ ތެރޭގަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކައިވެނީގެ ތެރޭގައި ހިންގާ ރޭޕަކީ ވެސް އެހެން ރޭޕްގެ މައްސަލަތަކެކޭ އެއްފަދައިން އެއް އަދަބެއް ކަނޑައެޅިފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ އެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ "ސަމާޖް" އިން ތައްޔާރުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި، ނޭޕާލާއި ބޫޓާނުން ކައިވެނީގެ ތެރޭގައި ހިންގާ ރޭޕަކީ ކުށެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެ ގައުމުތަކުގައި އެފަދަ މައްސަލަތަކުގައި ދެނީ ނިސްބަތުން ލުއި އަދަބުތަކެކެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ "އިކުއަލިޓީ ނައު" ގެ ރަންޖީތާ ސިލްވާލް ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގައި ކައިވެނީގެ ތެރޭގައި ހިންގާ ރޭޕާ ގުޅޭ ގާނޫނުތައް ބިނާވެފައިވަނީ އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުގެ އުސޫލުތަކުގެ މައްޗަށެވެ.
އިންޑިއާ އާއި ބަންގްލަދޭޝްގައި 1860 ވަނަ އަހަރުން ފެށިގެން އަދި ސްްރީލަންކާގައި 1885 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި، ރޭޕްގެ ގޮތުގައި ނުބެލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިރިމީހާ އޭނާގެ އަނބިމީހާއާ އެކު ހިންގާ ޖިންސީ އަމަލުތައް ހިމެނެ އެވެ.
މިކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގާނޫނުތަކަކީ ޒަމާނާ ނުގުޅޭ ބާގަނޑުތަކެކެވެ. އަދި މަޖުބޫރުން ހިންގާ ކޮންމެ ޖިންސީ އަމަލަކީ، އެކަން ކުރީ ކޮންމެ މީހަކު ކަމުގައި ވިޔަސް، އެއީ ރޭޕް ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ. މީގެ އިތުރުން، ކައިވެނީގެ ތެރޭގައި ހިންގާ ޖިންސީ އަނިޔާތަކުގެ ސަބަބުން އަންހެނުންގެ ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ.







