މަޝްހޫރު ރެސްލިން ތަރި ބްރޮންސަން ރީޑް، އުމުރުން 38 އަހަރުގައި މަރުވެއްޖެ ކަމަށް ވޯލްޑް ރެސްލިން އެންޓަޓެއިންމަންޓް (ޑަބްލިއުޑަބްލިއުއީ) އިން އިއުލާނުކޮށްފި އެވެ.
ޖާމެއިން ހޭލީ (އަސްލު ނަން) މަރުވީ ސިއްހީ ކަންތައްތަކެއްގެ ސަބަބުން ދިމާވި އުނދަގޫތަކަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އޭނާ މަރުވި ސީދާ ސަބަބުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އޭނާގެ ހަނދާންތައް އާކުރަމުން ޑަބްލިއުޑަބްލިއުއީ އިން ބުނީ، ޖާމެއިން އަކީ އެ ކުންފުނީގައި ވަރަށް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށާއި، އެއަށްވުރެ ބޮޑަށް އޭނާއަކީ އާދަޔާ ހިލާފު ރަނގަޅު އިންސާނެއްގެ އިތުރުން އާއިލާއަށް ވަފާތެރި އަދި އެންމެންގެ ލޯބި ލިބިފައިވާ އެކުވެރިއެއް ކަމަށެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ ޖާމެއިންގެ އާއިލާއަށް ޑަބްލިއުޑަބްލިއުއީ އިން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ. އޭނާ މަރުވިއިރު އަންބަކާއި އަންހެން ދަރިއަކު ތިބިއިރު، އޭނާގެ އަންހެނުން ޕޭޖް އިނީ ބަލިވެ އެވެ.
ހުކުރު ދުވަހު ޖޯޖިއާގެ އެތެންސްގައި އޮތް "އެކިންސް ފޯޑް އެރީނާ" ގެ އިވެންޓުގައި ޖާމެއިންގެ ޝަރަފުގައި ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ޝޯ ފެށީ އޭނާގެ ހަނދާނުގައި 10 ފަހަރު ރަނގަބީލު ޖެހުމުގެ ސަލާމަކުންނެވެ. އަދި އެރޭގެ މެޗުގައި ކެނެޑާގެ ރެސްލިން ތަރި ކެވިން އޯވެންސް ވަނީ އަތުގައި "ބްރޮންސަން" ޖަހާފައިވާ ބޭންޑެއް އަޅައިގެން ނުކުމެ، އެތަނަށް އެއްވެފައި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަދައްކާފަ އެވެ.
ޑަބްލިއުޑަބްލިއުއީގެ ކުރީގެ މަޝްހޫރު ތަރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުންނެވެ. އެގޮތުން 16 ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ރިކް ފްލެއާ ބުނީ، މިއީ މި ދާއިރާގައި މަސައްކަތްކުރި ވަރަށް ހިތްވަރުގަދަ، ނަމަވެސް މާ އަވަހަށް ވަކިވެގެންދިޔަ "ބަތަލެއް" ކަމަށެވެ.
ޑަބްލިއުޑަބްލިއުއީ ހޯލް އޮފް ފޭމާ ޑައިމަންޑް ޑަލަސް ޕޭޖް ބުނީ، ބްރޮންސަން ރީޑް މަރުވި ހަބަރު އަޑުއެހީ ވަރަށް ބޮޑު ހިތާމައަކާއެކު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކުރީގެ މަޝްހޫރު ތަރި އެޑީ ގުރޭރޯގެ މަތިން ހަނދާންވާ ކަމަށާއި، މިއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް އޭނާ ބުންޏެވެ.
ލެޓީނޯ ހީޓްގެ ނަމުން މަޝްހޫރުވި އެޑީ ގުރޭރޯ މަރުވީ 2005 ވަނަ އަހަރު، އުމުރުން 38 އަހަރުގައި ހިތް ހުއްޓިގެންނެވެ.
ރެސްލިންގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާ ގޮތުގައި، މި ނޮވެމްބަރު މަހުގެ ކުރީކޮޅު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި "ޑަބްލިއުޑަބްލިއުއީ ކްރައުން ޖުވެލް" އިވެންޓުގައި ލިބުނު އަނިޔާތަކަކަށް ޖާމެއިން ދިޔައީ ފަރުވާކުރަމުންނެވެ.
އެ އިވެންޓުގައި އޭނާގެ ރަސްމީ މެޗެއް ނެތް ނަމަވެސް، ހިނގި ކުރިމަތިލުމެއްގެ ތެރޭގައި އޭނާ ވަނީ ސްޓޭޖް މަތިން ވައްޓާލައި، މޭޒުތަކެއްގެ މައްޗަށް އެއްލާލައިފަ އެވެ.
ޖާމެއިން ރެސްލިންގެ ދާއިރާއަށް ނުކުތީ "ޖޯނާ ރޮކް" އަދި "ޖޭ-ރޮކް" ގެ ނަމުގައި އިންޑިޕެންޑެންޓް ރެސްލިންގަ އެވެ. އޭނާ ޑަބްލިއުޑަބްލިއުއީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ.
އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ކުންފުނިން ވަކިކުރި ނަމަވެސް، އަހަރެއް ފަހުން އަލުން ގުޅި، މަރުވުމާ ހަމައަށް ހުރީ އެ ކުންފުނީގަ އެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ "އަންދްރޭ ދަ ޖަޔަންޓް މެމޯރިއަލް ބެޓްލް ރޯޔަލް" ކާމިޔާބުކޮށްފަ އެވެ.
އޭނާއަކީ ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި މަރުވި ދެވަނަ ރެސްލިން ތަރި އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސި ރެސްލިން ތަރި ބެންޖަމިން ސެޓާލީ ވަނީ އުމުރުން 40 އަހަރުގައި މަރުވެފަ އެވެ.
އޭނާ މަރުވި ސަބަބެއް ވެސް އެ ފަހަރު ހާމަކޮށްފައެއް ނުވެ އެވެ.







