ތިނަދޫ ސިޓީގެ އާބާދީ އޮޅުވައިލިކަމަށް ބުނާ މައްސަލައިގައި މޭޔަރު ސައުދުއަށް ދައުވާކޮށްފި

ތިނަދޫ ސިޓީގެ މޭޔަރު، އޭނާގެ މައްޗަށް ކުރާ ދެ ތުހުމަތު ސާބިތުވެއްޖެ ނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ތިނަދޫ ސިޓީގެ މޭޔަރު، އޭނާގެ މައްޗަށް ކުރާ ދެ ތުހުމަތު ސާބިތުވެއްޖެ ނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ދެ ދައުވާ އެކެވެ. އެއީ:

  • ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރުގެ 2 އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގެ 1 ގެ ދަށުން
  • ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން

ސައުދުގެ މައްޗަށް އެ ދެ ދައުވާ ސާބިތުވެއްޖެ ނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭނާގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022 ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށާވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ތިނަދޫގެ އާބާދީ ސައުދު އޮޅުވައިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި، އެ ރަށުގެ އާބާދީއާ ގުޅޭގޮތުން އިދާރާތަކަށް ފޮނުވި ލިސްޓު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ ލިސްޓު ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ މައުލޫމާތު ރިކޯޑު ކުރެވިފައި ނެތްކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި މީގެ ކުރި އަދަދުއާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވެފައިވާ ގޮތުގައި މީހަކު ހުށަހަޅާ ދޮގު މައުލޫމާތަކަށް ބަލައިގެން ރަށެއް ސިޓީއަކަށް ބަދަލު ކުރެވޭކަމަށް ބުނާ ބުނުމަކީ ތާކުންތާކު ނުޖެހޭ ހެއްވާކަމެއް ކަމަށެވެ. 

"ސާފުކޮށް އެބަ އެނގޭ ސިޔާސީ ކަމެއްކަން މިއުޅެނީ، ނުފޫޒު ބޭނުންކޮށްގެން އަޅުގަނޑު މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތެއް، މިކަމުން ސާފުވަނީ މިހާރުގެ ހާލަތު މިއޮތް ގޮތް، ހުރިހާ ކަމަކަށް ނުފޫޒު ފޯރުވުމުގެ ބާރު އެމީހުންގެ އަތުގައި އޮތްކަން،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ މަޖިލީހަށް ވެސް ހުށަހެޅުއްވި އެވެ.

ސައުދުﷲ މަޖިލީހަށް އޭރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ  ތިނަދޫ އަށް 2023 ގައި ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރި އެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox