ޕެންޝަން އޮފީހުގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ އޮފީހުގެ ބޯޑުގައި އަމިއްލަ ދާއިރާ ތަމްސީލުކުރައްވާ ދެ މެންބަރުން ކަމަށްވާ ޔާމީން އިދުރީސް އާއި ފާތިމަތު މުނާ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މެއި 21 ގައި ބޯޑަށް އައްޔަނުކުރި ޔާމީންގެ ދައުރު ވަނީ ނިމުނު އޮކްޓޫބަރު 7 ގެ ނިޔަލަށް ނިމުމަކަށް ގެނެސްފަ އެވެ. އަދި ޖުލައި 21 ގައި ބޯޑަށް ހަމަޖެއްސި މުނާގެ ދައުރު ނިމުމަކަށް ގެނެސްފައި ވަނީ އިއްޔެ އެވެ.
މިއާއެކު، ތިން އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަނުކުރާ ދެ މެންބަރުންގެ ތެރެއިން ޔާމީން އާއި މުނާ ވެސް ބޯޑުގައި މަސައްކަތް ކުރެއްވީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހެވެ.
މި ދެ މެންބަރުން ބޯޑުން ވަކިކޮށްފައިވާއިރު، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ ވެސް މިދިޔަ ހަފުތާގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ބޯޑުގެ ޗެއާޕާސަން އަބްދުލްމަޖީދު އަލީއާ ގުޅުންހުރި މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އޭނާ ވަނީ ސަރުކާރުން ހިންގަން އުޅުނު ފައިސާ ޗާޕުކުރުމުގެ މުއާމަލާތަކާ ދެކޮޅު ހައްދަވާފަ އެވެ.
ޕެންޝަން އޮފީހުގެ މައްސަލަ އެންމެ ބޮޑުވީ އެ ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލް އެމްއެމްއޭއަށް ވިއްކާލައި، ސަރުކާރުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން އުޅުމުންނެވެ. އެ މުއާމަލާތާ ދެކޮޅަށް އޭރުގެ ޗެއާމަން އަހުމަދު އިނާޒާއި، ސީއީއޯ ސުޖާތާ ހަލީމް އަދި ސީއެފްއޯ ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން ބޯޑު މެންބަރުން ކަމަށްވާ އަހުމަދު ސަރުވަޝް އާދަމާއި މުހައްމަދު މާދިން ލަތީފް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ބޭފުޅުން ގަބޫލުކުރެއްވި ގޮތުގައި އެއީ ނުސީދާކޮށް ފައިސާ ޗާޕުކުރުމުގެ އަމަލެކެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވުމުން ސަރުކާރުން ވަނީ އެ މަގާމުތަކަށް އާ ބޭފުޅުން އައްޔަނުކޮށްފަ އެވެ. އެގޮތުން އިންޓަވިއުއިން ތިންވަނަ ލިބުނު ޔަޒްމީދު މުހައްމަދު ވަނީ ސީއީއޯގެ މަގާމަށް ހަމަޖައްސާފަ އެވެ. އަދި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ސަރުކާރުން އައްޔަނުކުރީ އަބްދުލްމަޖީދު އަލީ އެވެ. ނަމަވެސް އެ ބަދަލުތަކާއެކު ވެސް އިދާރާގެ އެތެރޭގެ ހަމަނުޖެހުންތަކަށް ހައްލެއް ނުލިބެ އެވެ.
ޔާމީން އާއި މުނާ ކުއްލި ގޮތަކަށް ބޯޑުން ވަކިކުރި ސީދާ ސަބަބެއް ޕެންޝަން އޮފީހުން އަދި ހާމައެއް ނުކުރެ އެވެ. ޖުމްލަ އަށް މެންބަރުން ތިއްބަވަންޖެހޭ އެ ބޯޑުން މި ދެ ބޭފުޅުން ވަކިކުރުމުން، އަމިއްލަ ދާއިރާ ތަމްސީލުކުރާ ގޮނޑިތައް މިހާރު ވަނީ ހުސްވެފަ އެވެ. އެހެންކަމުން ބޯޑުގެ ގާނޫނީ އަދަދު ހަމަކުރުމަށްޓަކައި އާ މެންބަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭނެ އެވެ.







