ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަޒްމީދު މުހައްމަދުއާ ވާހަކަ ދައްކަވަނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަކޮމިޓީގައި އިސްކޮށް ހުންނެވީ ޔަޒްމީދު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަޒްމީދު މުހައްމަދުއާ ވާހަކަ ދައްކަވަނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަކޮމިޓީގައި އިސްކޮށް ހުންނެވީ ޔަޒްމީދު. -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާ ޔަޒްމީދު ހަވާލުވާނީ އަންނަ އާދީއްތަ ދުވަހު އެވެ. ޕެންޝަން ބޯޑުން އޭނާ އެ މަގާމަށް އައްޔަނުކުރަން ނިންމީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު މީގެ ކުރިން ހުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ހުރިއިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވުނެވެ.

އެގޮތުން، ކ. މާފުށީ ކޯޓުގައި ހިނގި މުއްދަތުގެ މަޖިލީހަކާއި، ފެމިލީ ކޯޓުގައި މި އަހަރު ހިނގި މައްސަލައަކާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ގުޅައި "މަތިން އަންގައިގެން" ކަމަށް ބުނެ ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވާ ކަމަށް އަދަދު ނޫހާ މައުލޫމާތު ހިއްސާކުރި މަސްދަރުތަކުން މީގެ ކުރިން މައުލޫމާތު ދީފަ އެވެ.

ޖޭއެސްސީއަށް މުއިއްޒު ކަނޑައަޅާފައި ހުންނެވި މެންބަރު ޔަޒްމީދު އިސްތިއުފާ ދީފި

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޔަޒްމީދުގެ މައްޗަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސަރުކާރަށް ފާޑުކިޔައި ޔަޒްމީދު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ވެސް މީގެ ކުރިން ލީކުވި އެވެ. އޭނާއަކީ 

ޔަޒްމީދު މުހައްމަދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރީ ފެބްރުއަރީ 23، 2025، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރުމަށްފަހު އެވެ.

ފަނޑިޔާރުގޭގެ ކަންކަން މަތިކޮށްފައިވާ ޖޭއެސްސީގެ ނައިބު ރައީސްކަން ޔަޒްމީދުއަށް ލިބުނީ ނައިބު ރައީސްކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދު އެ ކޮމިޝަނަށް އައްޔަނުކުރީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ. 

އެ މައްސަލަ ބަލަދަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ހިންގި ޣައިރު ގާނޫނީ ތަހުގީގު ކޮމިޓީގައި ވެސް ޔަޒްމީދު އިސް ދައުރެއް އަދާކުރެއްވި އެވެ. 

ޖޭއެސްސީގެ ނައިބުރައީސްކަމުން އޭނާ އިސްތިއުފާދެއްވީ މެއި 18، ގަ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ސުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ 4، ގައި އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ޕެންޝަން އޮފީހާއި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތާ ގުޅޭ ލިޔުމުގައި ސޮއިކުރަން އިންކާރުކުރެއްވުމަށްފަހު، އެވެ.

ފައިސާ ޗާޕުކުރުމުގެ އެ މުއާމަލާތް ކުރިއަށް ގެންދަން ސަރުކާރުން ތަކުރާރުކޮށް މަސައްކަތް ކުރުމުން، ސުޖާތާގެ އިތުރުން ވެސް ޕެންޝަން އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޕެންޝަން ބޯޑުގައި ހިމެނިވަޑައިގެންނެވި ގިނަ މެންބަރުން އިސްތިއުފާދެއްވި އެވެ.

ނަމަވެސް، ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއަމަލާތް ކުރިއަށް ގެންގޮސް، މިދިޔަ ޖުލައި 23 ގައި ވަނީ އެ ފައިސާ ޗާޕުކޮށްފަ އެވެ.

ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި ބޮންޑު މުއާމަލާތް ހިންގައި، 2.4 ބިލިއަން ރުފިޔާ "ޗާޕުކޮށްފި"

ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ ހަރަދުތަކަށް އެ ފައިސާ މިއަދު ވަނީ ނަގާފަ. އިގުތިސޯދީ މާހިރުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރި ނަމަވެސް، ސަރުކާރާއި ޕެންޝަން އޮފީހުން ބުނަނީ މިއީ ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށް.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނުނެގޭތީ ޕެންޝަން އޮފީސް މެދުވެރިކޮށްގެން އިންވެސްޓުކުރި ފައިސާއަކީ ގިނަ މާހިރުން ގަބޫލުކުރާ ގޮތުގައި ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ފައިސާ ޗާޕުކުރުމެވެ. ސަބަބެއް ކަމަށް އެ މީހުން ބުނަނީ ސީދާ އެމްއެމްއޭއިން ފައިސާ ނަގައިގެން ބޭނުންކުރުމާއި، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމަށް ފަހު އެ ފައިސާ ސަރުކާރުން ބޭނުންކުރުމުގެ އިގުތިސޯދީ ނަތީޖާ އެއްގޮތް ވުމެވެ.

އެކަމަކު މި މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ލިބުނީއްސުރެން ފެށިގެން މިއަދާ ހަމައަށް ސަރުކާރުން ހިފަހައްޓަމުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަަމަށެވެ. އެއާ ހިލާފަށް، ސަރުކާރާއި ޕެންޝަން އޮފީހުން ވެސް މަސައްކަތް ކުރީ މިއީ ޕެންޝަން ފަންޑަށް ފައިދާ ހުރި އިންވެސްޓުމަންޓެއް ކަމަށް ވިސްނައިދޭށެވެ. 

ޕެންޝަން ފަންޑުގެ ޓީބިލު ބޮންޑަށް ބަދަލުކުރުމުގެ މުއާމަލާތުގެ ޓައިމްލައިން

  • އޮކްޓޫބަރު 16، 2025 - ބޮންޑު މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުން
  • އޮކްޓޫބަރު 20، 2025 - ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުން ބުނުން
  • އޮކްޓޫބަރު 22، 2025 - ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވުން
  • ނޮވެމްބަރު 4، 2025 - ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވުން
  • ނޮވެމްބަރު 11، 2025 - ޕެންޝަން އޮފީހުގެ ޓީބިލުތައް ސެކަންޑްރީ މާކެޓުގައި ލިސްޓު ކުރުން
  • ޑިސެމްބަރު 10، 2025 - ޕެންޝަން އޮފީހުގެ ބޯޑުން އަޝްރަފް އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 1، 2026 - ޕެންޝަން އޮފީހުގެ ޗެއާމަން އިނާޒް އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 3، 2026 - ބޮންޑު މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުން
  • ފެބްރުއަރީ 4، 2026 - ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ އިސްތިއުފާ ދެއްވުން
  • ފެބްރުއަރީ 5، 2026 - ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާ ދެއްވުން
  • މެއި 23، 2026 - ޕެންޝަން އޮފީހުގެ ޗެއާމަނަކަށް މަޖީދު އައްޔަން ކުރެއްވުން
  • ޖުލައި 23، 2026 - ބޮންޑަށް އިންވެސްޓުކޮށް ފައިސާ ޗާޕުކޮށް ނިންމުން

އެ ގޮތުން ބޮންޑު މުއާމަލާތައިގެން ކުރިއަށް ދާން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި އެ އޮފީހުން ބުނީ މިއީ ފަންޑުގެ ކުރިމަގަށާއި ދެމެހެއްޓިނިވި ކަމަށް ފަހިކޮށްދޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީގެ ސަބަބުން ފަންޑުގެ ޕޯޓުފޯލިއޯ ޑައިވާސިފައިވެ، ފަންޑަށް ޑޮލަރު ވަންނަން ފަށާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދިން ގިނަ ބަޔަކު ހިމެނޭހެން  ބުނަނީ މިއީ ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށެވެ. މިކަމާ ދެކޮޅު ހަދާ މީހުން ބުނަނީ މި މުއާމަލާތުން ލިބޭ ފައިސާއިން ސަރުކާރުން މުސާރަތައްދީ ބިލުތައް ދެއްކުމުން އިގުތިސޯދުގައި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮންނަ ޕްރެޝަރު އުފުލި، ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމްއެމްއޭގެ ބޮންޑު ދަރަނި 16.3 ބިލިއަން ރުފިޔާއަށް އިތުރުވެ، ސަރުކާރުގެ ސެކިއުރިޓީސް ދަރަނި ވަނީ 100 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފަ އެވެ.

ޕެންޝަން ފަންޑު މުއާމަލާތާއެކީ އެމްއެމްއޭގެ ބޮންޑު ދަރަނި 16.4 ބިލިއަން ރުފިޔާއަށް އަރައިފި

ޕެންޝަން ފަންޑުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއިން ގަނެ، ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރުމާ ގުޅިގެން އެމްއެމްއޭގެ ބޮންޑު ދަރަނި 16.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ. މި މުއާމަލާތުގެ ސަބަބުން އިގުތިސޯދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ވަދެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން މާހިރުން ފާޅުކުރޭ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮސިޝަން ރިޕޯޓުން އަންގައިދޭ ގޮތުގައި އޭގެ ކުރީ މަސް ނިމުނުއިރު އެމްއެމްއޭއިން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ހުރީ 13.9 ބިލިއަން ރުފިޔާގަ އެވެ. ޖުލައި މަހުގެ ތެރޭގައި މި ބައިން އިތުރުވީ ބޮންޑު މުއާމަލާތުގެ އަގު ކަމަށް ރިޕޯޓު ކުރެވުނު 2.4 ބިލިއަން ރުފިޔާ އެވެ.

މި ފައިސާތައް ސަރުކާރަށް ލިބުނުކަން އެނގެނީ އެމްއެމްއޭގެ ބެލެންސް ޝީޓުގެ ލަޔަބިލިޓީތަކުގެ ބައިގައި، ސަރުކާރާއި ސަރުކާރުގެ އިދާރާތަކުގެ ބެލެންސް ޖޫން މަހުގެ ނިޔަލަށް 143.3 މިލިއަން ރުފިޔާގައި ހުރެފައި، ޖުލައި މަަސް ނިމުނުއިރު ދެ ބިލިއަން ރުފިޔާއަށް އިތުރުވެފައިވާތީ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

އެމްއެމްއޭއިން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު

  • 2013 - 3.1 ބިލިއަން ރުފިޔާ
  • 2018 - 6.1 ބިލިއަން ރުފިޔާ
  • 2023 - 14.5 ބިލިއަން ރުފިޔާ
  • 2024 - 14.2 ބިލިއަން ރުފިޔާ
  • 2025 - 14 ބިލިއަން ރުފިޔާ
  • 2026 (ޕެންޝަން ފަންޑު މުއާމަލާތުގެ ކުރިން - 13.9 ބިލިއަން ރުފިޔާ
  • 2026 (ފެންޝަން ފަންޑު މުއާމަލާތުގެ ފަހުން - 16.3 ބިލިއަން ރުފިޔާ

މި މުއާމަލާތާއެކީ އެމްއެމްއޭގެ ދިވެހި ރުފިޔާ އެސެޓުތަކުގެ ޖުމްލަ ވަނީ 15.7 ބިލިއަން ރުފިޔާއިން 18.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބޭރު ފައިސާގެ އެސެޓުތައް ހިމަނައިގެން ޖުމްލަ އެސެޓުތަކާއި ފައިސާ ނޫން އެސެޓުތަކުގެ އަގު ހިމަނައިގެން ޖުމްލަ އެސެޓުތަކުގެ އަގު ހުރީ 31 ބިލިއަން ރުފިޔާގަ އެވެ.

ޕެންޝަން ފަންޑަށް ވިއްކި ބޮންޑާއެކީ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް

މި އަހަރުގެ ބަޖެޓުގައި އެތެރޭގެ ބާޒާރުން ނަގަން ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް ފައިސާ ނަގާފައިވާއިރު، މި ސަރުކާރުގެ ދައުރުގައި މިހާތަނަށް އެތެރޭގެ ދަރަނި ވަނީ 25 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވެފަ.

އޭގެ އިތުރުން، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޕެންޝަން އޮފީސް މެދުވެރިކޮށް ހިންގި މުއާމަލާތާއެކީ ބޮންޑު ދަރަނި ވަނީ 28.6 ބިލިއަން ރުފިޔާއިން 33.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި އިތުރުވުން އައިސްފައި ވަނީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކާފައިވާ ބޮންޑުތަކަށެވެ. 

ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއަށް އެރި އިރު، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ސުކޫކަށް ފައިސާ ދެއްކުމާ އެކީ ސެކިއުރިޓީސް ދަރަނި 95 ބިލިއަން ރުފިޔާއަށް ތިރިވި އެވެ. އަދި، ޕެންޝަން ފަންޑަށް ބޮންޑު ވިއްކުމުގެ މުއާމަލާތް ހިންގުމުގެ ކުރިން ޖުމްލަ ސެކިއުރިޓީސް ދަރަނި ހުރީ 97.3 ބިލިއަން ރުފިޔާގައި އެވެ. 

ސަރުކާރުން މިހާ ގިނަ އަދަދަކަށް އެތެރޭގެ ބާޒާރުން ފައިސާ ނެގިއިރު، މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ނަގަން ބުނި ވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox