އެމެރިކާގައި ހުއާވޭއާ ދެކޮޅަށް ހިންގި ބޮޑު ޖިނާއީ މައްސަލައެއްގައި، އީރާނުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށް އޮޅުވާލުމާއި، އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގި ކަމުގެ ކުށް، ޗައިނާގެ ހުއާވޭގެ މައްޗަށް ނިއު ޔޯކްގެ ކޯޓެއްގައި ސާބިތުވެއްޖެ އެވެ. ނަމަވެސް، ވިޔަފާރީގެ އުސޫލުން، ގާނޫނާ ހިލާފަށް ރޭވިގެން ޖިނައީ ކުށްތައް ހިންގުމުގައި އެ ކުންފުނި ހަރަކާތްތެރިވާ ކަމަށް ބުނެ އުފުލާފައިވާ އެންމެ ސީރިއަސް ދައުވާއިން ވަނީ ސަލާމަތްވެފަ އެވެ.
މި ހުކުމް އައިސްފައިވަނީ 2018 ވަނަ އަހަރު ފެށި ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭގެ ޖެހިގެން އައި އަހަރު، ހުއާވޭގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުގެ ޓެކްނޮލޮޖީ ހުއާވޭއަށް ލިބުން ހަނިކުރުމުގެ ގޮތުން އެ ކުންފުނި ބްލެކް ލިސްޓުގައި ހިމެނި އެވެ.
ބްރޫކްލިންގެ ކޯޓެއްގައި ދެ މަސް ދުވަހަށް ކުރިއަށްދިޔަ މި ޝަރީއަތުގައި ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވަނީ، ހުއާވޭއިން ދުނިޔޭގެ މާކެޓުގައި ކުރިއެރުން ހޯދުމަށްޓަކައި މަކަރާއި ހީލަތް ހަދައި، އެހެން ކުންފުނިތަކުގެ އީޖާދުތައް ވަގަށް ނަގާފައިވާ ކަމަށެވެ. ޖޫރީން ނިންމި ނިންމުމުގައި ހުއާވޭގެ މައްޗަށް ހުށަހެޅި 12 ދައުވާގެ ތެރެއިން 10 ދައުވާއެއް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވުމަށް ރޭވުމުގެ ކުށްވެސް ހިމެނެ އެވެ.
ނަމަވެސް، ހުއާވޭއަކީ ކުށްކުރާ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް އުފުލި ރެކެޓިއަރިންގެ ދައުވާ ސާބިތުނުވުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ނިންމުމާ ގުޅިގެން ހުއާވޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެކެޓިއަރިންގެ ދައުވާއިން ބަރީއަވުމުން އެނގެނީ އެ ކުންފުންޏާ މެދު ކުރެވުނު ތުހުމަތުތަކުގައި އެއްވެސް ހަގީގީ ބިންގަލެއް ނެތްކަން ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ އަށް އަހަރު ދުވަހު އެ ކުންފުނިން ދައްކަމުން އައި ވާހަކަތަކުގެ ތެދުކަން ހާމަވި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅު ކެނެޑާގައި ހުއާވޭގެ އިސްވެރިއެއް ކަމަށްވާ މެންގް ވަންޒޫ ހައްޔަރުކުރުމާ ގުޅިގެންނެވެ. ކެތީ މެންގްގެ ނަމުންވެސް މަޝްހޫރުވެފައިވާ މެންގް، ތިން އަހަރު ދުވަހު ކެނެޑާގައި ބަންދުގައި ބެހެއްޓުމަށްފަހު މިނިވަންވީ އެމެރިކާގެ ޕްރޮސެކިއުޓަރުންނާއެކު ވީ އެއްބަސްވުމެއްގެ ދަށުންނެވެ.
ޝަރީއަތުގެ ފަހު މަރުހަލާގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ޔޫއެސް އެޓާނީ މެރެޑިތު އާފާ ވިދާޅުވީ، ހުއާވޭއިން ވޭތުވެދިޔަ 20 އަހަރު ހޭދަކުރީ ކޮންމެ ފަދަ ގޮތަކުން ނަމަވެސް ވިޔަފާރި ފުޅާކުރުމަށް ކަމަށެވެ. މީގެ ތެރޭގައި އީރާނާއެކު ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށް ދޮގު މައުލޫމާތު ދިނުމާއި، ވާދަވެރި ކުންފުނިތަކުގެ ޓެކްނޮލޮޖީ ވަގަށް ނެގުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހުއާވޭގެ ދިފާއީ ވަކީލު ބްރަޔަން ހެބަލިގް ވިދާޅުވީ، އެ ކުންފުންޏަކީ 170 ގައުމެއްގައި ވިޔަފާރިކުރާ އަދި ދެލައްކައަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ކާމިޔާބީއަކީ ބުރަ މަސައްކަތާއި އަމިއްލަ އީޖާދުތަކުގެ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓަރުން މަސައްކަތް ކުރީ ހުއާވޭއަކީ ކޮރަޕްޓް ޖަމާއަތެއްގެ ގޮތުގައި ދެއްކުމަށެވެ. އެހެންނަމަވެސް ޖޫރީން އެކަން ގަބޫލުނުކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ހުއާވޭގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ދިފާއީ ވަކީލު ވިދާޅުވީ، ވީހާވެސް ކުޑަ އަދަބެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، އަދި މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހުއާވޭއިން އެ ކުންފުނީގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.







