ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން މިއަދު ހުޅުވާލައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން ޑިސެމްބަރު 3، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ޖެހުމާ ހަމައަށް ކަމަށެވެ.
މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށް "ވަންގަވް" ތެރޭގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" މެދުވެރިކޮށް ކަމަށް ކޮންޓްރޯލް ކޮމިޝަނުން ބުންޏެވެ.
މީޑިއާތަކަށް މާލީ އެހީީތެރިކަން ދިނުމުގެ އުސޫލުގައިވާ ގޮތުން މާލީ އެހީތެރިކަން ލިބެނީ ކޮންޓްރޯލް ކޮމިޝަންގައި ރަޖިސްޓްރީކޮށް، އެއް އަހަރު ދުވަހު މެދުނުކެނޑި ހިދުމަތް ދީފައިވާ މީޑިއާތަކަށެވެ.
ދައުލަތުގެ ބަޖެޓުން 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދީފި
ޔޫތު މިނިސްޓްރީން ބުނީ މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 40 މީޑިއާއަކަށް މީޑިއާ ގްރާންޓް ޖަމާކޮށް ނިމިފައިވާ ކަމަށް. ނަމަވެސް މުއިއްޒުގެ ވައުދާ އެއްގޮތަށް މިދިޔަ އަހަރު އެ ގްރާންޓް ޖަމާނުކުރެވޭ.
މާލީ އެހީ ލިބޭ މީޑިއާތަކުގެ ޝަރަތުތުތަކުގެ ތެރޭގައި ޕެންޝަން ސްކީމުގައި ބައިވެރިވެ، އެ ސްކީމަށް ފައިސާ ދައްކަމުންދިޔުން އަދި ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަނަމަ، ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅާފައިވުން ހިމެނެ އެވެ.
މާކްސް ދިނުމުގެ އުސޫލަށް ބަލާއިރު މީޑިއާއެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަނުގެ މުއްދަތަށް ބަލައި ގިނަވެގެން 10 މާކްސް ލިބެ އެވެ. އަދި މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަށް ބަލައި ގިނަވެގެން 20 މާކްސް ލިބޭއިރު، މުވައްޒަފުންގެ ތައުލީމީ ފެންވަރާއި، ތަޖުރިބާ އާއި، އިދާރީ އިންތިޒާމުތަކަށް ގިނަވެގެން ލިބޭނީ 30 މާކްސް އެވެ.
މީގެއިތުރުން މީޑިއާގެ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ގިނަވެގެން 10 މާކްސް ލިބެ އެވެ. ކޮންޓެންޓާއި ބާވަތަށް 30 މާކްސް ވަނީ ކަނޑައަޅާފައިވާއިރު، އެއީ ކޯ ކޮންޓެންޓަށް 20 މާކްސް އަދި އޮޕްޝަނަލް ކޮންޓެންޓަށް 10 މާކްސް އެވެ.
މި އަހަރު ދައުލަތުގެ ބަޖެޓުން 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބުނީ މިހާރު ނޫހާއި އެ ނޫހުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބުނުއިރު، ދަ އެޑިޝަނަށް 633,292.18ރ. ލިބުނެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބުނެވެ.









