ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދިވެހިރާއްޖެއިން ތަދައްހުލުވިތާ ދެ އަހަރު ފަހުން، ގަތުލުއާންމު ކުށަކަށް ހަދަނީ އެ މައްސަލަތަކުގައި ރާއްޖެއިން ހުށަހަޅާ ގާނޫނީ ނުކުތާތަކަށް އަސަރުކޮށްފާނެތީ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
އުޝާމް އެކްސްގައި މިހެން ވިދާޅުވީ މި ބިލަކީ ރަސްމާލެ ޕްރޮޖެކްޓާއި ޒަޔަނިސްޓުންނާ ދެކޮޅު އަޑުތައް ކަނޑުވާލަން ހުށަހެޅި ބިިލެއް ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކުރި ނަމަވެސް، ފަހުން ވަނީ ކުއްލި ގޮތަކަށް އެޖެންޑާއިން އުނިކޮށްފަ އެވެ. މި ބިލު އެޖެންޑާއިން ނެގި ސަބަބެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.
ގަތުލުއާންމު ނުވަތަ "ޖެނޮސައިޑް" ކުށަކަށް ހެދުމާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ނުވަތަ ޖެނޮސައިޑް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވީ އޭޕްރިލް 24، 1984 ގައި ކަމަށެވެ. މި މުއާހަދާއަށް އަމަލުކުރުމަށްޓަކައި ގައުމުތަކުން ހަދަން ޖެހޭ ގާނޫނުތައް ހެދުމާއި، ގަތުލުއާންމާ ގުޅޭ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކުރެ އެވެ.
"އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރު ވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވޭ" އުޝާމް ވިދާޅުވި އެވެ.

އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އައިސީޖޭގައި ހިނގަމުންދާ މައްސަލަތަކަށް ރާއްޖެއިން ތަދައްހުލުވެ، އެ ގައުމުތައް ޖަވާބުދާރީ ކުރާ މަސައްކަތައް އަސަރު ކުރާނެ އެވެ.
"އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާކަމެއް" އޭނާ ވިދާޅުވި އެވެ.
މިހެންކަމުން ގާނޫނުލްއުގޫބާތަށް ހުށަހެޅި މި އިސްލާހަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖެނޮސައިޑް މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ހުށަހެޅީ ނޮވެމްބަރު 16، 2023 ގައި އެވެ. އަދި އިސްރާއީލުން ގައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް ސައުތު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ހުށަހެޅީ އޮކްޓޫބަރު 1، 2024 ގައި އެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ބަޔަކު އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި ބަޔަކު މެރުމާއި، ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމަކީ ކުށެއް ކަމަށެވެ. މި މާއްދާ އޮތް ގޮތުން، ޒަޔަނިސްޓުންނާ ދެކޮޅަށް ދިވެހިން ދައްކާ ބައެއް ވާހަކަތައް ވެސް، ވަކި ބަޔަކު ނައްތާލަން ގޮވާލުން ކަމަށް މާނަކޮށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ.
ސަރުކާރުން ހުށަހަޅާފައި މި ކުށުގެ އަދަބެއްގެ ގޮތުގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށެވެ. އަދި މިފަދަ ކުށެއް ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ކުށަކަށް ހަދަން ބިލުގައި ހިމަނާފައިވެ އެވެ.











