ސްވިޒަލެންޑުން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އުފެދުނު ހިލާފުތަކުގައި، ޕިޔޮންގްޔަންގްގައި ހުންނަ އެ ގައުމުގެ ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ ބޭރުކޮށްލައި، 48 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު އަންގައިފި އެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ ސްވިޒަލެންޑުން އެ އޮފީސް އަލުން ހުޅުވިތާ މަހެއް ވެސް ނުވަނީހެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) މެދުވެރިކޮށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އުތުރު ކޮރެއާގެ ސޮންގްޑޯވޮން އިންޓަނޭޝަނަލް ޗިލްޑްރަންސް ކޭމްޕާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސްވިޒަލެންޑުން ނިންމި ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސްވިޒަލެންޑުގެ އެ ނިންމުމަކީ ކަނޑައެޅިގެން ދުޝްމަނުކަން ދެއްކުމުގެ އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.
ޕިޔޮންގްޔަންގްގައި ހުންނަ ސްވިޒަލެންޑުގެ ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ ސިލްވައިން އެސްޓިއާ، އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، އެ އޮފީސް ބަންދުކުރުމަށް ގޮވާލާ މެމޮަރެންޑަމެއް އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ކޭސީއެންއޭ އިން ރިޕޯޓުކުރެ އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނަން ކަމަށްވާ ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ (ޑީޕީއާރުކޭ) ބޭނުންކޮށް ކޭސީއެންއޭ އިން ބުނީ، އެ ގައުމުގައި ހުންނަވާ ސްވިސް ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާއަކީ "ޕާސޯނާ ނޮން ގްރާޓާ" ނުވަތަ ބަލައިގަނެވޭނެ މީހެއް ނޫން ކަމަށް ކަނޑައަޅައި، 48 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް އަންގާފައިވާ ކަމަށެވެ.
"ޑީޕީއާރުކޭގެ އިސްތިގުލާލީ ހައްގުތަކަށާއި ގައުމުގެ ރައްޔިތުންގެ މަސްލަހަތަށް އުނިކަން އަންނަ އެއްވެސް އަމަލަކަށް ދުވަހަކުވެސް މަރުހަބާއެއް ނުކިޔާނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިއާ ސިފައިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުން ކުޑަކުދިން ބަދަލުކުރުމުގައި އުތުރު ކޮރެއާގެ ސޮންގްޑޯވޮން ކޭމްޕް ބައިވެރިވާ ކަމަށް ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން، ސްވިޒަލެންޑުން އެ ކޭމްޕް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ހިމެނުމުން، އުތުރު ކޮރެއާއިން އަންގާރަ ދުވަހު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވިދާޅުވީ، ކުޑަކުދިންނަށް ސަގާފީ އަދި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، އެކަމަށް ހުރަސްއެޅޭ ގޮތަށް އެޅި މި ފިޔަވަޅުތަކަކީ އުތުރު ކޮރެއާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.
ސްވިޒަލެންޑުގެ ފެޑަރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އިން އަންގާރަ ދުވަހު ބުނީ، އެ ގައުމުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިޔާސަތަކީ ޑިޕްލޮމެޓިކް އޮފީސް ހުޅުވުމާ ގުޅުމެއް ނެތް، މިނިވަން ސިޔާސަތެއް ކަމަށެވެ. އަދި އެ އޮފީސް ހުޅުވީ ސްވިޒަލެންޑުގެ "ޔުނިވާސަލިސްޓް" ހާރިޖީ ސިޔާސަތާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އީމެއިލް މެދުވެރިކޮށް ދިން ބަޔާނެއްގައި އެ ޑިޕާޓްމަންޓުން ބުނީ، އެ އޮފީހުގެ ބޭނުމަކީ ބައެއް ކަންކަމުގައި ހިޔާލު ތަފާތުވާ ގައުމުތަކާއެކު ވެސް މަޝްވަރާގެ މަގުތައް ހުޅުވާފައި ބެހެއްޓުން ކަމަށެވެ.







