އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އުސް އިމާރާތްތަކުން ތިރިއަށް ބޭލުމާއި އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ހެލްތު މިނިސްޓްރީން ރާވާފައިވާ ގޮތަކީ ކޮބައިކަން ސާފުކޮށްދޭން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
ހެލްތު މިނިސްޓަރު ގީލާ އަލީއަށް މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއެއްގައި ވަނީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ލިފްޓް ނެތް އުސް އިމާރާތްތަކުގައި ދިރިއުޅޭ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވަމުންދާ ބޮޑެތި ތަކުލީފުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ ސިއްހީ ފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަންޖެހޭ ހިނގާބިނގާވެ ނޫޅެވޭ މީހުން، ރައްކާތެރިކަމާއެކު އުފުލައިދޭނެ ހަރުދަނާ ނިޒާމެއް ސަރުކާރުގެ ތެރެއިން ގާއިމުވެފައި އޮތުން މުހިންމު ކަމަށެވެ.
މިގޮތުން މިފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އުފުލަންޖެހޭ ޒިންމާއަކަށްވާއިރު، ކުއްލި ހާލަތްތަކުގައާއި އާންމު ހާލަތްތަކުގައިވެސް ބަލިމީހުން އިމާރާތްތަކުގެ މަތީ ފަންގިފިލާތަކުން ތިރިއަށް ބޭލުމާއި އުފުލުމުގެ ކަންކަން ހަމަޖެއްސޭނެ އިންތިޒާމެއް މިހާރު އޮތްތޯ ސާފުކޮށްދެއްވުމަށް މެންބަރު އެދިވަޑައިގަތެވެ.
"ކުއްލި ހާލަތްތަކުގައިއާއި އާންމު ސިއްހީ ފަރުވާއަށް ދިއުމަށްޓަކައި މިފަދަ ފަރާތްތައް ރައްކާތެރިކަމާއެކު އުފުލައިދޭނެ ހަރުދަނާ ނިޒާމެއް ސަރުކާރުގެ ފަފާތުން ގާއިމުވެފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމުގައި ދެކޭތީ، މިކަމަށް ވަކި ގޮތްތަކެއް ކަނޑައެޅިފައިވޭތޯ އާއި އަދި އެގޮތަކީ ކޮބައިތޯ އާއި އަދި ވަކި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، މިކަމަަށް ހައްލެއް ހޯދުމަށް ރާވާފައިވާ ގޮތަކީ ކޮބައިތޯ އަންގަވާލަދެއްވުން އެދި ދެންނެވިން،" ކުޑޫގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އުސް އިމާރާތްތަކުން ތިރިއަށް ބޭލުމާއި އުފުލުމުގައި ހާއްސަ އުސޫލުތަކެއް ގާއިމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެފަދަ މީހަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެޓެންޑުވެ އެވެ.









