ތިން ދަތެއް ނެގި އަންހެނަކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މަރުވި މައްސަލައިގައި ހުޅުމާލެ އޮރަކެއާ ޑެންޓަލް ކްލިނިކުގެ އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީން ހެދި ރިވިއުއިން ފާހަގަކުރެވިއްޖެ އެވެ.
މިދިޔަ ނޮވެމްބަރު 15، 2025، ގައި އޮރަކެއާ ޑެންޓަލްއިން ތިން ދަތް ނެގިތާ ގިނަ އިރުތަކެއް ނުވެ ސ. ހިތަދޫ، ހަދީޖާ ސަލީމް، 60، މަރުވި މައްސަލައިގައި ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ފާހަގަކުރެވިފައިވާ ގޮތުގައި ދަތް އުފުރުމާއި ހަދީޖާ މަރުވުމާ ސީދާ ގުޅުމެއް އޮތްކަމަށް ކަށަވަރު ކޮށްދޭ އެކަށީގެންވާ ހެއްކެއް ނެތް ނަމަވެސް، އޭނާގެ ކިބައިގައި ކޮންޓްރޯލްކުރެވިފައި ނުވާ ހަކުރު ބަލި، ލޭގެ ކޮލެސްޓްރޯލް މަތިވުން އަދި ތައިރޮއިޑް މައްސަލަ ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
"ބަލިމީހާގެ ކިބައިގައި ކޮންޓްރޯލް ކުރެވިފައި ނުވާ ހަކުރު ބަލި، ލޭގެ ކޮލެސްޓްރޯލް މަތިވުން އަދި ތައިރޮއިޑް މައްސަލަ ހުރިކަން ފާހަގަކުރެވުނު. މިކަންކަމުގެ ސަބަބުން ބަލިމީހާއަކީ ކުއްލިއަކަށް ހިތް ހުއްޓުންފަދަ ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހެއް،" މިނިސްޓްރީން ބުންޏެވެ.
ކްލިނިކަށް ހަދީޖާ ގެންދިޔުމުން އޭނާގެ ކޮންސަލްޓޭޝަންގެ ވަގުތު ބޭސް ސިޓީ ރެކޯޑުކޮށް، ބަލިމީހާގެ ބަލިތައް ބަލައި، މެޑިކަލް ހިސްޓްރީ ނޯޓުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ސާފުކުރުމުގެ ތެރޭގައި އޮރަކެއާ ޑެންޓަލްގެ ޑޮކްޓަރު ފާހަގަކުރި ގޮތުގައި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ބަލިމީހާގެ މެޑިކަލް ރެކޯޑުތައް ބަލައި، އެ ރެކޯޑުތަކުން ބަލިމީހާއަކީ ހަކުރު ބަލި، ތައިރޮއިޑް މައްސަލަ އަދި ކޮލެސްޓްރޯލް މައްސަލަ ހުންނަ މީހެއްކަން އެނގުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެއިތުރުން މިނިސްޓްރީން ބުނީ އެންމެ ފަހުގެ ލޭގެ ތަހުލީލުތައް ބެލިއިރު، ބަލިމީހާގެ ހަކުރުބަލި ހުރީ ކޮންޓްރޯލް ނުކުރެވި ކަމަށްވެސް ޑޮކްޓަރު ފާހަގަކުރި ކަމަށެވެ.
"ރިކޯޑުތައް ބަލާފައިވީ ނަމަވެސް ބަލިމީހާގެ ބަލިތަކާ ގުޅިގެން ކުރިމަތިވެދާނެ ރިސްކް ލިޔުމުން ނޯޓުކޮށްފައި ނުވާކަން ފާހަގަކުރެވުނު. އަދި ދަތް ނެގުމުގެ ކުރިން ބަލިމީހާގެ މި ހާލަތު އެންމެ އެކަށީގެންވާ ގޮތަކަށް ފަރުވާކުރުމަށް ފިޒީޝަނެއްގެ ލަފާ ހޯދާފައެއް ނުވޭ،" ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ބުންޏެވެ.
އަމިއްލަ ހޮސްޕިޓަލަކުން ހަދީޖާއަށް ފަރުވާކުރަން އޮރަކެއާއަށް ރިފާކުރިއިރު، އެ ހޮސްޕިޓަލުން ދީފައިވާ އައްސިކުރާ ބޭހުގެ މިންވަރު އެނގެން ނެތުމާއި، ބަލިމީހާގެ ކަންބޮޑުވުމާއި، ހާސްކަން ހުރި މިންވަރަށާއި، އަދި އެހެނިހެން ސިއްހީ ހާލަތްތަކަށް ރިޔާޔަތްކުރުމަށްފަހު، އެ ވަގުތު ދަތް ނުއުފުރައި ޖެހިގެން އައި ދުވަހަށް ފަރުވާ ފަސްކުރަން އެދުނު ކަމަށާއި އެކަމަކު އާއިލާއިން އެދުނީ ފަރުވާ ކުރިއަށް ގެންދަން ކަމަށެވެ.
މިއާއެކު ދަތުގައި އިންފެކްޝަން އުފެދިފައިވުމާއި، ދަތުގައި އާދަޔާ ހިލާފަށް ގަދަ ރިހުމެއް ހުރުމުގެ އިތުރުން އައްސިކޮށްގެން ދަތް އުފުރުމަކީ ނިސްބަތުން އާދައިގެ ކަމަކަށްވާތީ ޕްރޮސީޖާ ކުރިއަށް ގެންދިޔައިރު، އޭގެ ކުރިން އޮރަކެއާއިން ހަދީޖާގެ ވައިޓަލްސް ބަލައި ރެކޯޑުކޮށް، ހަކުރު ހުރި މިންވަރުވެސް ބަލާފައި ނުވާކަން ރިވިއުގައި ފާހަގަވެފައިވެ އެވެ.
މީގެއިތުރުން ހެލްތުން ހެދި ރިވިއުއިން އެނގިފައިވާ ގޮތުގައި ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އައްސިކޮށްގެން އެއްވެސް ފަރުވާއެއް ކުރާނަމަ ބަލިމީހާގެ ރުހުން ލިޔުމުން ހޯދަން ލާޒިމުވާއިރު، އެ ލިޔުން އޮރަކެއާއިން ހޯދާފައި ނުވެ އެވެ.
ދަތް އުފުރުމަށް ދެވުނު ފަރުވާއަކީ ރޫޓިން ޕްރޮސީޖާއަކަށްވެފައި، ލިޔެކިޔުމުން ފެންނަ ގޮތުގައި މި ފަރުވާ ދީފައިވަނީ އާންމު މިންގަނޑުތަކާ އެއްގޮތަށް ކަމަށް ރިވިއުގައި ވަނީ ނިންމާފަ އެވެ. ނަމަވެސް ހަދީޖާގެ ދަތް އުފުރުމުގެ ޕްރޮސީޖާއަށްފަހު އޭނާގެ ހާލަތު ރަނގަޅުކަން ކަށަވަރުކުރަން ވައިޓަލް ސައިންސް ނުވަތަ މޮނިޓަރިން ރެކޯޑުތަކެއް ނޯޓުކޮށްފައިނުވާކަން ފާހަގަކުރެވިފައިވެ އެވެ.








