އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ލީޑަރަކު އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތްތަކެއްގައި ބައިވެރިވުމަށް ފުރަން ދަނިކޮށް، ދިއްލީ އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރުން އޭނާ ހުއްޓުވައިފި އެވެ.
ސޯރަވް ދާސް ބުނި ގޮތުގައި އޭނާ ފުރަން ހަމަޖެހިފައި އޮތީ އަންގާރަ ދުވަހުގެ ފަތިހު އެވެ. ނަމަވެސް، އޭނާގެ ޕާސްޕޯޓު "ފްލެގް" ކޮށްފައިވާ ކަމަށް އިމިގްރޭޝަން އޮފިސަރުން އޭނާއަށް އެންގި ކަމަށް އޭނާ ބުންޏެވެ. ދާސްގެ ޕާސްޕޯޓު ފްލެގް ކުރި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.
މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ޒުވާނުން (ޖެން-ޒީ) އިސްވެ ތިބެ ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން މަގުބޫލުކަން ހޯދި ދާސް ބުނީ، އޮކްސްފޯޑް ޔޫނިއަނުން އޭނާއަށް ދައުވަތު ދިނީ އެ ހަރަކާތާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ކަމަށެވެ.
މީގެ އިތުރުން ކޭމްބްރިޖް އަދި އެޑިންބަރާގެ ޔުނިވާސިޓީތަކުގައި ވެސް ތަގުރީރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ އެހެން ލީޑަރެއް ކަމަށްވާ ރަތުނާ ސިންގް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ އާއި ދާސްއަށް ވެސް އޮކްސްފޯޑް ޔޫނިއަނުން ދައުވަތު ދިން ކަމަށާއި، ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ވިސާ ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ދާސް އަކީ، މަލާމާތުގެ ގޮތުގައި ފެށި ނަމަވެސް ފަހުން ޒުވާނުންގެ ބާރުވެރި ޕްރެޝަރު ގްރޫޕަކަށް ބަދަލުވި ސީޖޭޕީގެ އެންމެ އިސް އެއް މޫނެވެ.
މިދިޔަ ޖުލައި މަހު، އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ސީޖޭޕީން އިސްވެ ތިބެ ކުރި މުޒާހަރާތަކާ ގުޅިގެން، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އިންތިޚާބީ ލިސްޓުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި މިދިޔަ އޮކްޓޫބަރު މަހު ކުރި މުޒާހަރާތަކުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެތައް ހާސް ބައެއްގެ ތެރޭގައި ދާސް ހިމެނެ އެވެ. ނަމަވެސް ކުމާރާއި އިލެކްޝަން ކޮމިޝަނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ހަމަ އެ މަހު، ދިއްލީގައި މުޒާހަރާ ކުރުން މަނާ ސަރަހައްދަކަށް ވަދެ އުޅުނު މައްސަލައިގައި ދާސް އާއި ސީޖޭޕީގެ އެހެން ލީޑަރެއް ކަމަށްވާ އަޝުތޯޝް ރަންކާ ހައްޔަރުކޮށް، ހަތް ދުވަހަށް ޖަލަށް ލިއެވެ.
ފަހަކަށް އައިސް އިންޑިއާގައި މީހުން ފުރަން ދަނިކޮށް ހުއްޓުވުމުގެ މިފަދަ އެހެން ހާދިސާތަކެއް ވެސް ވަނީ ހިނގާފަ އެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އިންޑިއާގެ އިރުއުތުރު އަރުނާޗަލް ޕްރަދޭޝް ސްޓޭޓްގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ބާނޫ ތަޓަކް، އަޔަލޭންޑްގެ ޑަބްލިންއަށް ފުރަން ދަނިކޮށް ވަނީ ހުއްޓުވާފަ އެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރުގެ މާޗު މަހު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އިންވެސްޓިގޭޓިވް ނޫސްވެރިޔާ ރާނާ އައްޔޫބު ވެސް ވަނީ މުމްބާއީ އެއާޕޯޓުން ލަންޑަނަށް ފުރަން ދަނިކޮށް ހުއްޓުވާފަ އެވެ. އޭނާ ފުރަން އުޅުނީ މީޑިއާގެ މިނިވަންކަމާއި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ތަފާތު ހަރަކާތްތަކެއްގައި ވާހަކަދެއްކުމަށެވެ.







