އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކުގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް އެގައުމުގެ ފެޑަރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން މިއަދު ހުއްޓުވައިފި އެވެ. މިއީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާތަކަށްފަހު، މުޅި ގައުމުގެ ވައިގެ ދަތުރުފަތުރު މިގޮތަށް ހުއްޓާލި ދެވަނަ ފަހަރެވެ.
ފްލައިޓްތައް ޓްރެކްކުރާ ފްލައިޓްއަވެއާ އިން ބުނާ ގޮތުގައި މި ހާދިސާއާ ގުޅިގެން 1،000 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ގާތްގަނޑަކަށް 10،000 ފްލައިޓް ވަނީ ލަސްވެފަ އެވެ. މި މައްސަލަ ދިމާވި ވަގުތު ވައިގެ ތެރޭގައި އުދުހެމުންދިޔަ ބޯޓުތަކަށް އެއާޕޯޓްތަކަށް ޖެއްސުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އެއާޕޯޓުތަކުގައި ހުރި އެއްވެސް ބޯޓަކަށް ފުރުމުގެ ހުއްދައެއް ނުދެއެވެ. މި މައްސަލައިގެ އަސަރު ކެނެޑާ އާއި ޔޫރަޕުން އެމެރިކާއަށް ކުރަން ހަމަޖެހިފައި ހުރި ދަތުރުތަކަށް ވެސް ވަނީ ކޮށްފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނި ގޮތުގައި، މި މައްސަލައަކީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ނުބައި ނިޔަތެއްގައި ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި، މިއީ ހަމައެކަނި މުއާސަލާތީ މައްސަލައެއް ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުލިން އިތުރަށް ވިދާޅުވީ، އާންމުން ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ސެޕްޓެމްބަރު 11 ފަދަ ހާދިސާއެއް ނޫން ކަމަށެވެ. ނަމަވެސް، މި މައްސަލަ ދިމާވާން މެދުވެރިވި ހުރިހާ ސަބަބުތަކެއް ބަލަމުންދާ ކަމަށާއި، އޭގެ ތެރޭގައި އަލަށް ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ދިމާވި މައްސަލައެއް ހިމެނޭތޯ ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.






