ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯގެ ތާރީހީ ކުރެހުމެއް ކަމަށްވާ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް"، ރެކޯޑް އަދަދެއް ކަމަށްވާ 190.4 މިލިއަން ޑޮލަރަށް ސަދަބީޒް އޮކްޝަން ހައުސް އިން ވިއްކާލައިފި އެވެ.
މި ވިޔަފާރިއާއެކު، 2022 ވަނަ އަހަރު ވެން ގޯގެ ކުރެހުމެއް 117.2 މިލިއަން ޑޮލަރަށް ވިއްކައިގެން ގާއިމުކޮށްފައިވާ ދުނިޔޭގެ ރެކޯޑް ވަނީ މުގުރާލާފަ އެވެ. ނީލަމުގެ ކުރިން މި ކުރެހުން 180 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، ނިއުޔޯކުގައި ބުދަ ދުވަހު ބޭއްވި ނީލަން ނިމުނުއިރު އަގު ވަނީ އެއަށްވުރެ މައްޗަށް ގޮސްފަ އެވެ. 1890 ވަނަ އަހަރު، ވެން ގޯގެ ހަޔާތުގެ ފަހު ދެ މަސްދުވަހުގެ ތެރޭގައި ކުރަހާފައިވާ މި އޮއިލް ކަލަރ ކުރެހުމަކީ، އެ ދުވަސްވަރުގެ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ އަތުގައި ހުރި އެންމެ އަގުހުރި އެއް ކުރެހުން ކަމަށް ސަދަބީޒް އިން ބުނެއެވެ.
މި ނީލަން ކުރިއަށް ގެންގޮސްފައިވަނީ، ނާޒީންގެ ބާރުގަދަވި ދުވަސްވަރު މަޖުބޫރުކޮށްގެން މި ކުރެހުން ވިއްކުވި ކަމަށް ބުނެ އުފެދިފައިވާ ގާނޫނީ މައްސަލައެއްގައި، ނީލަން ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ.
"ބްލަކިއާ-އަރިއެޓާ ކަލެކްޝަން" ގެ ބައެއްގެ ގޮތުގައި ނީލަމަށް ހުށަހެޅި މި ކުރެހުމާ ގުޅިގެން ދެބަސްވުން އުފެދުނީ ބްލަކިއާ-އަރިއެޓާ އާއިލާއާއި، ކުރިން މި ކުރެހުމުގެ މިލްކުވެރިކަން އޮތް ޖަރުމަނުގެ ފިޝާ އާއިލާގެ ވާރިސުންގެ މެދުގަ އެވެ. ފިޝާ އާއިލާގެ ވާރިސުންގެ ވަކީލުން ބުނަމުންދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން އެމްސްޓެރެޑަމްގައި މި ކުރެހުން ވިއްކާލަން ޖެހުނީ، ނާޒީންގެ ސަބަބުން އެ އާއިލާގެ ޕަބްލިޝިން ކުންފުންޏަށް ލިބުނު މާލީ ބޮޑެތި ގެއްލުންތަކާ ގުޅިގެން މަޖުބޫރުވެގެން ކަމަށެވެ.
ސަދަބީޒް އިން އިއުލާންކުރި ގޮތުގައި، ނާޒީންގެ ދުވަސްވަރު މި ކުރެހުމާ ގުޅިފައިވާ އުނދަގޫ ތާރީހާއި، ހޮލޮކޯސްޓްގެ ތެރޭގައި ފިޝާ އާއިލާއިން އުފުލި ތަހައްމަލުތައް ބަލައިގަނެ، ދެ އާއިލާގެ މެދުގައި ވަނީ ހިތްހަމަޖެހޭ ފަދަ ހައްލަކަށް އާދެވިފައެވެ. އަދި މި ކުރެހުން ވިއްކާލާފައިވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
މި ކުރެހުމުގެ މިލްކުވެރިކަމުގެ ތާރީހަށް ބަލާއިރު، ޖަރުމަނުގެ މަޝްހޫރު ޕަބްލިޝަރެއް ކަމަށްވާ ސެމިއުލް ފިޝާ 1909 ވަނަ އަހަރު މި ކުރެހުން ހޯދުމަށްފަހު، އެކި ފަރާތްތަކުގެ އަތްމައްޗަށް ބަދަލުވަމުން ގޮސް ބްލަކިއާ އާއިލާއިން މި ކުރެހުން ގަތީ 1975 ވަނަ އަހަރުއެވެ. އަދި ބައި ގަރުނަށްވުރެ ގިނަ ދުވަސް ވަންދެން އެ އާއިލާގެ މިލްކުވެރިކަމުގައި އޮތުމަށްފަހު މި ފަހަރު ނީލަމުގައި ވިއްކާލީއެވެ.
ފަހުގެ ތާރީހެއްގައި އާޓްގެ ދުނިޔޭގައި ހިނގި އެންމެ އަގުބޮޑު އަދި އެންމެ ތާރީހީ އެއް މުއާމަލާތުގެ ގޮތުގައި މި ވިޔަފާރި ފާހަގަކުރެވުނު ނަމަވެސް، މި ކުރެހުން ގަތީ ކޮން ފަރާތަކުން ކަމެއް ސަދަބީޒް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.








