ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ނިއު ރޭޑިއަންޓުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށްޓަކައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މަޖުބޫރު ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗު، އާފިއު މުހައްމަދު ބުނެފި އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން މި ވަގުތު ލީގުގެ މެޗަކުން ބަލިނުވެ، އޮތް ހަމައެކަނި ދެ ޓީމަކީ ނިއު އާއި ވިކްޓަރީ އެވެ. މި ދެ ޓީމު މިރޭ ބައްދަލުކުރާއިރު، ލީގުގެ އެއް ވަނައިގައި ވިކްޓަރީ އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއު އިން ބައިވެރިވި އެސިސްޓަންޓް ކޯޗު، އާފިއު ބުނީ، ނިއުގައި ކޮންމެ ހާލަތަކަށް ތައްޔާރުވާން ވެސް ރަނގަޅު ސްކޮޑަކާ އެކު، މި ސީޒަނަށް ނުކުތީ ޓާގެޓްތަކެއް ހާސިލްކުރުމަށް ކަމަށެވެ.
"ނިއު ރޭޑިއަންޓް ޕްރެޝަރުގައި ލީގުގައި ކުޅޭނީ އެއީ ޓާގެޓް ހާސިލްކުރަން ބޭނުންވޭ އެބަ، ފަސޭހަ މެޗެއް ނާންނާނެ، ނިއު ރޭޑިއަންޓަކަށް މިހާލަތުގައެއް. އެހެންވީމަ، މުޅި ޓީމު ޕްރެޕަރޭޝަން އަށް ބަލާއިރު ހަގީގަތުގައި ބޭނުން ހާލަތަކަށް އެޑްޖަސްޓް ކުރެވޭ ވަރުގެ ޓީމެއް އެބައޮތް،" ކުރިން ނިއު އާއި ވިކްޓަރީ އަށް ވެސް ކުޅުނު އާފިއު ބުންޏެވެ.
އާފިއު ބުނީ މި ދެ ޓީމުގެ ކުރިމަތިލުންތައް ކުޅުންތެރިއެއްގެ ގޮތުގައި ވެސް ތަޖުރިބާ ކޮށްފައި ހުރުމުން އެނގޭ ކަމަކީ، ޓީމު އޮތް ހާލަތަށް ބެލުމެއް ނެތި މި މެޗުގެ މުހިންމުކަން އަބަދުވެސް ބޮޑުކަން ކަމަށެވެ. މިދިޔަ އަހަރަށް ވުރެން ހުރިހާ ގޮތަކުން ބެލިޔަސް ވިކްޓަރީ މިހާރު ވަރުގަދަ ކަމަށް އާފިއު ވަނީ ބުނެފަ އެވެ.
"ވިކްޓަރީގެ ވަކި ޕޮޒިޝަނެެއް ބަލާކަށެއް ނެތް. ހުރިހާ ތަނަކަށް ބެލިޔަސް، ރާއްޖޭން ނެގޭނެ އެންމެ ރަނގަޅު ޕްލޭޔަރުން ޓީމުގައި އެ ތިބި، މެޗަކީ އުނދަގޫ މެޗެއް، އެކަމަކު ވެސް ނަގައިގެން ނޫނީ ނިއު ރޭޑިއަންޓަށް ކުރިއަށްދެވޭކަށެއް ނެތް. މެޗު، ނަގަން މަޖުބޫރު މެޗެއް މިއީ. ނިއު ރޭޑިއަންޓަށް،" އާފިއު ބުންޏެވެ.
"އުނދަގޫ މެޗެއް ވިޔަސް ތިން ޕޮއިންޓް ނުހޯދޭ ވަރުގެ މެޗެއް ނޫން، ދެ ޓީމުގައި ވެސް ތިބީ ރަނގަޅު ކުޅުންތެރިން ދެން އެ ދުވަހެއްގައި ޓެކްޓިކަލީ އެ ގެންނަ ބަދަލުތަކަކުން މޮޅުނުވެވޭނެއެކޭ ނުބުނުވޭނެ. މޮޅުވެވޭނެ ހަމަ،"
ނިއު އާއި ވިކްޓަރީގެ ކުރިމަަތިލުންތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހީ ކަންތައްތައް އަބަދުވެސް އިއާދަވާނެ މެޗެއް ކަމަށް އާފިއު ވަނީ ފާހަގަކޮށްފަ އެވެ. މި ދެ ޓީމުގެ މެޗުތަކުގައި ކުޅިބަލަން ވަންނަ މީހުން ވެސް އެހެން މެޗުތަކަށް ވުރެން އިތުރު ކަމަށާއި އެ ޕްރެޝަރަު ވެސް ކުޅުންތެރިންނަށް ކުރިމަތިވާ ކަމަށެވެ.
"މިއީ ތާރީހީ ދެ ޓީމު، ކުޅިބަލަން އަންނަ މީޙުން އެބަ އިތުރުވޭ އެބަ މި ދެ ޓީމު ކުޅޭއިރު، އެ ކުޅިބަލަން އަންނަ މީހުންގެ ޕްރެޝަރު ވެސް ޓީމަށް އަސަރުކުރާނެ، ތާރީހީ މެޗަކަށް ވެގެންދާނެ، އެންމެ ފަހުން މެޗުން ވިކްޓަރީ މީނީ މޮޅުވެފައި. މިދިޔަ އަހަރުގެ މެޗުން. އެހެންވީމަ، ބަދަލުހިފުމުގެ ރޫހު އަންނާނެ،" އާފިއު ބުންޏެވެ.
ކުރިން ކްލަބް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގައި ވެސް އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އާފިއު ބުނީ، ސީޒަން ފަށައިގެން ގައުމީ ޓީމަށް ދެ ބްރޭކެއް މިހާތަނަށް އައިސްފައިވާއިރު، ކޮންމެ ބްރޭކަކަށް ފަހު ވެސް ނިއު އަށް އޮތީ އުނދަގޫ މެޗެއް ކަމަށެވެ. އަދި، ގައުމީ ޓީމަށް ދާ ކުޅުންތެރިން އެނބުރި އަންނައިރު ހާލަތު ހުންނަ ގޮތުން، އަލުން ޓީމުގެ ތެރެއަށް ލައިގެން ކަންކަން ކުރަން ބަލާއިރު ގޮންޖެހުން ހުންނަ ކަމަށް އާފިއު ވަނީ ފާހަގަކޮށްފަ އެެވެ.
"ނިއު ރޭޑިއަންޓުން ކޮންމެ ފަހަރަކު ވެސް ބްރޭކަކުން އައިސްފައި އުނދަގޫ މެޗެއް ކުޅެނީ. ފުރަތަމަ ފެށިއިރު ދެ އަވޭ މެޗު ކުޅެފައި، ދެން، މިހާރު ވެސް މި އަންނަނީ ވަރުގަދަ މެޗަކަށް. އަންނައިރުގައި ދިމާވާ ހަމައެކަނި މައްސަލަ އަކީ ބްރޭކުގައި މެޗެއް ނުލިބުމާ، ކުޅެން ބެލިޔަސް މި ލިބެނީ ހަމަ ލީގުގެ މެޗުތަކުގެ ޓީމުތަކާ، ދެން، ލީގުގެ މެޗުތަކުގެ ޓީމުތަކާ ކުޅެގެން އަޅުގަނޑުމެންނަށް ވަނީ ގެއްލުން. އެހެންވެ ކޯޗު ބޭނުމެއް ނުވޭ ލީގުގެ ޓީމުތަކާ ކުޅޭކަށެއް،" އާފިއު ކިޔައިދިނެވެ.
ވިކްޜަރީ އާއި ނިއު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.







