ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި އެވެ.
މިއަދު ފަށާ ކޮޕް ސެޝަންގައި ރާއްޖޭގެ ފަރާތުން މުއިއްޒު ގައުމީ ބަޔާން އިއްވަވާނެ އެވެ. އެ ދަތުރުގެ ތެރެއިން މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު އެމަނިކުފާނު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮޕް ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ ސަމިޓުގައި ވަކާލާތުކުައްވާނެ ކަމަށެވެ.
ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވަމުން އަންނަ ސަމިޓެކެވެ. އެ މުއާހަދާއަކީ ދުނިޔެ ހޫނުވާ މިންވަރު، ދެ ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް 2015 ވަަނަ އަހަރު ސޮއިކުރި ޕެރިސް އެގްރީމެންޓުގެ އަސްލު ވެސްމެ އެވެ.
މުއިއްޒު އާއެކު އެމަނިކުފާނުގެ އަނބިިކަނބަލުން، ސާޖިދާ މުހައްމަދު އާއި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ތުރުކީއަށް ވަޑައިގެންނެވި އެވެ.








