ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓު ބިލު ދިރާސާކުރުމަށްފަހު އެ ބިލަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 19 އިސްލާހެއް ގެނައުމަށް ހުށަހަޅައިފި އެވެ.
އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި އެންމެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ އެ ބިލުގެ 89 ވަނަ މާއްދާއާ ގުޅޭގޮތުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
"ޕްރޮޕަޓީގެ ލީސްގެ 99 އަހަރު ގުނަން ފަށާނީ، ދައުލަތުން އާ ލީސް ފުރަތަމަ ފަހަރަށް ދޫކުރި ދުވަހުންނެވެ. އެ ޕްރޮޕަޓީ ވިއްކައިފިނަމަ ގަންނަ ފަރާތަށް ލިބޭނީ، އެ 99 އަހަރުން ބާކީ ހުރި އަހަރުތައް އެކަންޏެވެ. ވިއްކުމުން، ހަދިޔާކުރުމުން، ނުވަތަ ވާރުތަވުމުން އާ 99 އަހަރެއް ނުލިބޭނެ އެވެ،" އެންމެ އިސްކަންދީ ހުށަހެޅި އިސްލާހުގެ އުސޫލު ބަޔާންކުރަމުން އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފައިވެ އެވެ.
އިލްމުވެރިންގެ ގުޅުމުން ރަސްމާލެ ޑީލާ ދެކޮޅަށް ނެރުނު ބަޔާނުގައި 64 ކަމެއް ބަލާފައިވާއިރު ރިއަލް އެސްޓޭޓު ބިލުން އޭގެ ތެރެއިން ހައްލުވީ އެންމެ ކަމެކެވެ. ޖުމުލަ 29 ކަމަކަށް ބައެއް ހައްލު ލިބޭ ކަމަށާއި ހައްލުނުވާ 27 ކަމެއް ހުރިކަމަށް އެ ގުޅުމުން ބުނެ އެވެ. އަދި ހަތް ކަމެއް ބިލުން މައްސަލަ ގާނޫނަކަށް ހަދައިދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބިލަށް ހުށަހެޅި މައިގަނޑު އިސްލާހުތައް
- ބިމާއި ޕްރޮޕަޓީ މިލްކު ކުރުމާއި، ގަނެވޭނީ ދިވެހިންނަށާއި، ޝަރުޠު ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ބިލުގައި ލިޔުން.
- ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްގެ 99 އަހަރު ގުނަން ފަށާނީ، ދައުލަތުން އެ ޕްރޮޕަރޓީގެ ލީސް ފުރަތަމަ ފަހަރަށް ދޫކުރި ދުވަހުން ކަމަށާއި، އެ ޕްރޮޕަޓީ ވިއްކައިފިނަމަ ގަންނަ ފަރާތަށް ލިބޭނީ، އެ 99 އަހަރުން ބާކީ ހުރި އަހަރުތައް އެކަނި ކަމަށް ބިލުގައި ލިޔުން.
- ޒޯނެއް ކަނޑައަޅަން މަޖިލިސް ރުހުން ލާޒިމުކުރުން.
- މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ހާއްސަ މަގު ހުޅުވައިދޭ 159 (ހ) އުނިކުރުން.
- ޕްރޮޕަޓީ ގަތުމުން ވިސާއެއް ނުވަތަ ރަށްވެހިކަމެއް ނުލިބޭނެ ކަމަށް ލިޔުން.
މިހާރު ބިލުގައި އޮތް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރުގެ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއްބަސްވެވަޑައިގެންނެވި އޯޑިއޯއެއް ދާދި ފަހުން ވަނީ ލީކުވެފަ އެވެ.
ދީނީ އިލްމުވެރިންނާ އެކު ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، އިންވެސްޓަރުންގެ މުދާ ޑިޕްރިޝިއޭޓް ނުވާނެ ހާއްސަ މެކޭނިޒަމެއް ސަރުކާރުން ގެންނަނީ ކަމަށެވެ. އަދި ތަން ވިއްކާލާ ކޮންމެ ފަހަރަކު ފީއެއް ނަގައި އަލުން އާ 99 އަހަރުގެ ލީސްއެއް ދޭނެ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.
މި މަޝްރޫއުގެ ފަސްމަންޒަރަށް ބަލާއިރު، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު 12 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ހިންގަނީ ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލައިގެންނެވެ.
ދިވެހިންގެ ބޯހިޔާވަހިކަމަށް ހިއްކި ބިން ބޭރު ބަޔަކަށް ތާއަބަދަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް ދަނީ ގޮވާލަމުންނެވެ. އަދި އެ ކުންފުނީގެ ވެރިޔާ އަލައްބާރަކީ އިޒްރޭލުގެ އެކުވެރިއަކަށް ވާތީ އާއި، ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމަށް ޖާގަ ލިބޭތީ އިދިކޮޅު ޕާޓީތަކާއި އާންމުންގެ ބޮޑު ނުރުހުމެއް އޮތީ އުފެދިފަ އެވެ.








