ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އެއްބަސްވުމަށް ފަހު، އެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ދިރާސާކުރުމުގެ މަސައްކަތް، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ހެނދުނު ފެށުމަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮމިޓީގެ މެންބަރުންނަށް ފޮނުވާފައިވާ ނޯޓިސްގައިވާ ގޮތުން، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ 14 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ގައި، މަޖިލީހުގެ 5 ވަނަ ފަންގިފިލާގައި ހުންނަ ކޮމިޓީ ރޫމް 7 ގައެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލްގެ ސުންގަޑި ކަނޑައަޅައި، ބިލްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާ ކުރެއްވުން" ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖުގައި ބަޔާންކޮށްފައިވެ އެވެ.
މުއިއްޒުގެ މަގުބޫލްކަން އިންތިހާއަށް ދަށްވެފައި ވާއިރު، ރައްޔިތުންގެ ބަހެއް ނެތި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިވެވޭގޮތަށް މަޝްރޫއުތައް ހިންގުމާއި ރަސްމާލެ ހިލޭ ދޫކޮށްލާތީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވާއިރު، މުއިއްޒު ވިދާޅުވެފައި ވަނީ މި މުއާމަލާތް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށެވެ.
މުއިއްޒުގެ މެޖޯރިޓީގެ އޮތް ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ އެ ގަރާރު އެޖެންޑާ ވެސް ނުކުރެ އެވެ.







