ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބޮޑެތި ޝަރުއީ އިއުތިރާޒުތަކާއި ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަންކަން ހުރިކަމަށް ބުނެ، އެ މަޝްރޫއުގެ ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް މަޝްރޫއު މިހާރު ހުއްޓާލުމަށް ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި އެވެ.
އެ ޖަމުއިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ހާމަވެފައިވާ ޝަރުތުތަކުގެ މަތިން މި މަޝްރޫއީ ކުރިއަށް ގެންދިއުމަކީ ދީނަށާއި ގައުމަށް އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.
"މިހާތަނަށް ހާމަވެފައިވާ ޝަރުތުތަކުގެ މަތިން، މި މަޝްރޫއުގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުން ބޮޑެތި ޝަރުޢީ އިއުތިރާޒުތައް އުފެދެއެވެ. އެހެންކަމުން، މި މަޝްރޫއު މިހާރު ހުއްޓާލުމަކީ ދައުލަތުގެ ޝަރުއީ ޒިންމާއެއް ކަމުގައި ޢިލްމުވެރިންގެ ގުޅުމުން ދެކެމެވެ." ބަޔާނުގައިވެ އެވެ.
ޣައިރު މުސްލިމުން ދިވެހިރާއްޖޭގައި ރަށްވެހިކުރުމަށް ނުވަތަ ވަޒަންވެރިކުރުމަށް، ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން އެއްވެސް ގޮތަކަށް، އަދި އެއްވެސް ޝަރުތެއްގެ މަތިން ތާއީދެއް ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖެއަކީ އެތަކެއް ގަރުނެއް ވެފައިވާ 100 ޕަސެންޓު އިސްލާމީ ގައުމެކެވެ. ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި، މުސްލިމަކު ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށާއި، 10 ވަނަ މާއްދާގައި، ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ހުކުމަކާ ހިލާފު ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދިގެން ދިއުމަކީ، މި ދެ އަސާސަށް ބުރޫއަރާ، އަދި އަނބުރާ އިއާދަ ނުކުރެވޭނެ ކަމެއް،" ބަޔާނުގައިވެ އެވެ.
މިހާތަނަށް ހާމަވެފައިވާ ޝަރުޠުތަކުގެ މަތިން، މި މަޝްރޫޢުގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުން ބޮޑެތި ޝަރުޢީ އިޢުތިރާޟުތައް އުފެދޭ ކަމަށާއި އެހެންކަމުން، މި މަޝްރޫއު މިހާރު ހުއްޓާލުމަކީ ދައުލަތުގެ ޝަރުއީ ޒިންމާއެއް ކަމުގައި ޢިލްމުވެރިންގެ ބުނެފައިވެ އެވެ.
މަޝްރޫއު ހުއްޓާލަން ގޮވާލި މައިގަނޑު ސަބަބުތައް
ޢިލްމުވެރިންގެ ގުޅުމުން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު ހުއްޓާލަން ޖެހޭ މައިގަނޑު ފަސް ސަބަބެއް އެބައޮތެވެ. އެއީ،
- ޕްރޮޕަޓީ ވިއްކާ ކޮންމެ ފަހަރަކާއި ވާރުތަވާ ކޮންމެ ފަހަރަކު 99 އަހަރުގެ ލީސް އަލުން ފެށޭ ގޮތަށް އޮތުމުން، ބިން ދުވަހަކުވެސް ދައުލަތަށް އަނބުރާ ނުލިބި އޮވެދާނެ ކަމާއި ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި މި ނިޒާމު ހިމަނާފައިވުން
- ޣައިރު މުސްލިމުން ވަޒަންވެރިކުރުވުން ގާނޫނުއަސާސީގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ ރޫހާ ހިލާފު
- 150,000 ދިވެހިން ދިރިއުޅޭނެ ސަރަހައްދަކާ ބްރިޖަކުން ގުޅާލެވިފައިވާ އަދި މާލެއިން 17 މިނެޓުން ދެވޭ ހިސާބުގައި، ރިސޯޓުތަކުގައި ހިނގާ ފަދަ ގަވާއިދުތައް ހިންގުމަށް ބިލުގެ 76 ވަނަ މާއްދާގެ (ބ) އިން ދޮރު ހުޅުވިފައި އޮތުން.
- ދައުލަތުގެ އެންމެ އަގުބޮޑު އެއް ބިން ދޫކުރާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ މަޝްރޫއުގެ ހީއްސާއެއް ދައުލަތަށް ނުލިބޭ. ނަމަވެސް ހަމަ މި ޑިވެލޮޕަރާއެކު ސާބިއާއަށް 32 ޕަސެންޓު އަދި އަޑިސް އަބާބާ ސިޓީއަށް 27 ޕަސެންޓުގެ ހިއްސާ ލިބިފައިވޭ
- އެއްބަސްވުމާއި ފީޒިބިލިޓީ ދިރާސާ ހާމަނުކޮށް، ވާދަވެރި ބީލަމަކަށް ހުޅުވާނުލައި، އަދި މަޝްރޫއު ހިންގާނެ ގާނޫނެއް ފާސްނުވަނީސް ކަންކަން ކުރިއަށް ގެންދިއުން.
ދުލުން ދޭ ޔަގީންކަމަކީ ގާނޫނީ ހިމާޔަތެއް ނޫން
ރަސްމާލޭގައި ރަލާއި އޫރުމަހާއި ކެސިނޯ ހުއްދަ ނުކުރާނެ ކަމަށާއި، ލީސް އޮޓޮމެޓިކުން އާ ނުވާނެ ކަމަށާއި، އިސްރާއީލީންނަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޔަގީންކަމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ މަރުޙަބާ ކިޔާފައެވެ. އެހެންނަމަވެސް، ލީސްއާއި އެ ސަރަޙައްދުގައި ހިނގާނެ ގަވާއިދާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ހައުސިން ވަޒީރުގެ ބަޔާންތައް ފުށުއަރާކަން އެ ޖަމުޢިއްޔާއިން ފާހަގަކުރި އެވެ.
"ދުލުން ދެވޭ ޔަޤީންކަމަކީ ޤާނޫނީ ޙިމާޔަތެއް ނޫނެވެ. ފަހުން އަންނަ ސަރުކާރުތަކަށް ލާޒިމުވާނީ، ހާމަކުރެވޭ އެއްބަސްވުމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުގައި ލިޔެވޭ ކަންކަމެވެ،" އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެ އެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިޒްރޭލާއެކު ބާއްވާ ގުޅުންތަކަށް އަލިއަޅުވާލަމުން، އިލްމުވެރިންގެ ގުޅުމުން ބުނީ ރަސްމާލޭގައި އިސްރާއީލީން ވަޒަންވެރިކުރުވަން ރާވާފައިވާ ކަމުގެ ހެއްކެއް ނުފެނުނު ނަމަވެސް، ހެއްކެއް ނެތުމަކީ އެކަން ނުވާނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، އިސްރާއީލީންނަށް ރާއްޖޭގެ އެއްވެސް ބިމަކުން ހައްގެއް ދިނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
ރިއަލް އެސްޓޭޓް ބިލަށް ގެންނަންޖެހޭ މައިގަނޑު އިސްލާޙު
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގައި ރަލާއި ޖުވާއާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން މަނާކޮށްފައިވުމަށް އިލްމުވެރިންގެ ގުޅުމުން ޝުކުރު އަދާކުރި ނަމަވެސް، ބިލުގައި ހުރި އެންމެ ބޮޑު ހުސްކަމަކީ ޕްރޮޕަޓީ ގަންނަ ފަރާތުގެ ދީނާ ގުޅޭ ޝަރުތެއް ނެތުން ކަމަށް ބުނެފައިވެ އެވެ.
އެ ޖަމުއިއްޔާއިން ހުށަހަޅާފައިވަނީ ދިރިއުޅުމަށް ތަރައްގީކުރާ ޕްރޮޕަޓީ މިލްކުކުރެވޭނީ ހަމައެކަނި ދިވެހިންނަށާއި، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތައް (ދިވެހި ބަސް އެނގުން ފިޔަވައި) ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ބިލުގައި ލިޔުމަށެވެ.
އަދި 99 އަހަރުގެ މުއްދަތު ގުނާނީ ދައުލަތުން ފުރަތަމަ ދޫކުރި ތާރީހުން ކަމަށާއި، ވިއްކުމުން ނުވަތަ ވާރުތަވުމުން އެ މުއްދަތު އަލުން ނުފެށޭނެ ގޮތަށް ބިލު އިސްލާހުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
"މިއަދު، ފައިނަލް އެއްބަސްވުމެއް ނެތެވެ. ބިލު އަދި މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އެއްވެސް ޕްރޮޕަޓީއެއް ވިއްކާފައެއް ނުވެއެވެ. އެހެންކަމުން، ބަދަލު ގެނައުމުގެ ނުވަތަ ހުއްޓާލުމުގެ ފުރުސަތު، އެންމެ ކުޑަ ހަރަދަކުން، މިއަދު ދައުލަތަށް ލިބިގެންވެއެވެ. އެ ފުރުޞަތު ދުވަހުން ދުވަހަށް ދާނީ ގެއްލެމުންނެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނަކީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓަށް ނުވަތަ އަރަބި އަޚުންނަށް ދެކޮޅުހެދުމެއް ވެސް ނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެ އެވެ. އަދި ގައުމު ދަރަނީގެ ބުރައިން މިނިވަންކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އަގުވަޒަންކުރާ ހިނދު، އިގުތިސާދީ ތަނަވަސްކަން ހޯދަންވާނީ ދީނާއި ގައުމީ އައިޑެންޓިޓީ ދޫނުކޮށް ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވާލާފަ އެވެ.








