އޮކްޓޯބަރު 5، 2022، ގައި އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދިޔަ ސ. ހިތަދޫ، މިންހާ މުހައްމަދު މިންހާޖު، 29، މަރުވި ކަމަށް ކަނޑައަޅައި އޭނާގެ ކަށުނަމާދު މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން މިންހާޖުގެ މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށްފަހު މާލެ، މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގަ އެވެ.
މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި އެ ލޯންޗުން މިންހާޖުއާއެކު އިތުރު މީހަކު ދަތުރުކުރި އެވެ. އޭނާ ފެނުނީ އޮކްޓޯބަރު 7، 2022 ގައި އއ. މާޅޮހާއި އިންވެގެން ހެން އޮންނަ ފެރިދޫ ފުއްޓަރު ފަރާތުން ކަމަށްވާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
މިންހާޖު ހޯދުމަށް އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަން ހުއްޓާލީ އޮކްޓޯބަރު 11، 2022، ގަ އެވެ. އެމްއެންޑީއެފް އިން ބުނީ އޭނާ ހޯދުމަށް ކަނޑުމަގުން ކޯސްޓްގާޑުގެ ދެ އުޅަނދެއް ބޭނުންކޮށްގެން ޖުމްލަ 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދު ބަލައި، ވައިގެ މަގުން ޑޯނިއާ ފްލައިޓުން 2،000 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި ކަމަށެވެ.
މީގެ ކުރިންވެސް ގެއްލިގެން ހޯދަމުންދާ މީހުން ނުފެނި ގިނަ ދުވަސްވުމުން މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ. އެއާއެކު އެ މީހުންގެ މައްޗަށް ގައިބަށް ކަށުނަމާދު ކޮށްފައިވެ އެވެ.








