މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.
މި ބޯޓު ފަރަށް އެރި އިރު އޭގައި ޖުމްލަ ދިހަ ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ހަ ބިދޭސީންނެވެ. ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ދަންވަރު 1:05 ހާއިރު ވަނީ ކޯސްޓްގާޑުގެ ހާބާ ކްރާފްޓަށް ނަގާފަ އެވެ.
އެ ބޯޓު ފަރަށް އެރުމާއެކު ޑިންގީއެއްގައި ގއ. ފެންފުއްޓާއަށް އަރައި ތިބި ބާކީ ތިން ފަޅުވެރިން ވެސް، ދަންވަރު 2:10 ހާއިރު ވަނީ ސިފައިންގެ އެހީތެރިކަމާއެކު ހާބާކްރާފްޓަށް ނަގާފަ އެވެ.
ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި، އެ ބޯޓުގެ ވެރިފަރާތުން ވަނީ "ސްވިފްޓް" ނަމަކަށް ކިޔާ ދޯންޏެއް އެ ސަރަހައްދަށް ފޮނުވާފަ އެވެ. މި ދޯނި ފަތިހު 4:22 ހާއިރު އެ ސަރަހައްދަށް އައުމުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފަ އެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، "ދެރަހަ" ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން މިހާރު ވެސް ދަނީ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.








