މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުކުރެވޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމިގްރޭޝަން ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޓޭ ވިދާޅުވީ ރާއްޖެއަށް އެއްވެސް ބިދޭސީ މީހަކު ގަވާއިދާ ހިލާފަށް އެތެރެނުވާ ކަމަށެވެ. އެ މީހުން އަންނަނީ އެކަމަށް ކަނޑައަޅާފައިވާ ރަސްމީ ނިޒާމުގެ ތެރެއިން ހުއްދަ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަވާއިދުން ބޭރުކޮށް ބިދޭސީންނަށް އިހުމާލުވަނީ މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް އިހުމާލުވަނީ އެ މީހުން ސްޕޮންސާ ކޮށްގެން ގެންނަ ދިވެހި ރައްޔިތުން. އެ މީހުންގެ ހައްގުތައް ނިގުޅައިގެން، މުސާރަ އާއި އުޖޫރު ނުދީ ނިކަމެތިކަންމަތީ އެ މީހުން ބޭތިއްބީމާ އެ މީހުން އަމިއްލައަށް ފިލައިގެން އެހެން ރަނގަޅު ގޮތެއް ހޯދަން ދިޔައީމާ، ބިދޭސީންގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ 10 އިނގިލީގެ ނިޝާން ނެގީމަކުން އެ މައްސަލަ ހައްލެއް ނުވޭ،" މަޓޭ ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ ޔޫނިއަންތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަޓޭ ވަނީ ބިދޭސީންގެ މައްސަލައަކީ އެ މީހުންނަށް ގާނޫނުން ލިބެން ޖެހޭ ހައްގުތައް ނުލިބުން ކަމަށެވެ. މިހާރު ވެސް ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކ. ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރަމުންދާ ރިސޯޓުގައި މަސައްކަތްކުރާ 21 ބިދޭސީ މުވައްޒަފުން ގައުމަށް ފޮނުވާލަން އުޅުމުން އެކަމާ ދެކޮޅު ހެދުމުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކުރުމަށްފަހު ޑީޕޯޓުކުރި އެވެ. މި ސަރުކާރު އައުމަށްފަހު އެތައް ހާސް ބިދޭސީންނެއް ޑީޕޯޓުކޮށްފައިވެ އެވެ.








